ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ކަނޑައެޅި ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އެގޮތުން މާދަމާ ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ ގޮނޑީގެ މައްސަލައިގައެވެ.

ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން މި ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ އިލެކްޝަންސް ކޮމިޝަނުން ކަމަށްވާއިރު އެ ކޮމިޝަނުން މިގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.

ނަމަވެސް އެ ހުކުމުގެ ކުރިން ވެސް ޕީޕީއެމުން ވަކިވާން މި މެމްބަރުން ސިޓީ ފޮނުވާފައިވާތީ ގޮނޑި ގެއްލުނު މައްސަލަ އެ ބޭފުޅުން ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. މި ބޭފުޅުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތައް މީގެކުރިން ސުޕްރީމް ކޯޓުގައި ވަނީ ނިންމާލާފައެވެ. އެހެންކަމުން މާދަމާ އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.

މި ހަތަރު މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ ހުކުމް މާދަމާ އިއްވާއިރު، ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން 8 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ައަންހެންމަންޖެ

    ހުކުމް ލިއެފައޮތީ ގޮނޑި ނުގެއްލޭކަމަށް ވައްސަލާމް

  2. ޅަދު

    މިމަސްވެރިކަން ކޯޓް ތަކައް ރަގަޅު ދުވަސް ކޮޅެއް ޖީބުފުރާލެވޭތޯބަލާ.

  3. އައްގަބޭ

    އިޝްތިހާރުކުރާ ވަގުތުން ފެށިގެން ޙުކުމްކުރާ ވަގުތާ ހަމައަށްވެސް ހަދިޔާތައް އޮހެމުންދާތީ " ގޮނޑި ނުގެއްލޭ " ޙުކުމް ލިޔެފަ އޮތަސް އިޝްތިހާރު ކޮށްލަންވާނެނު.

  4. ޒަހުރާ

    ބަތްކައްކާކުޅުމެކޭ އެއްގޮތް ކޯޓްތައް ވިކިހުސްވެފަ ތިބައގަނޑައްއަދި ހޭއަރުވާލާނެ ގަންޖާތަކުރުއައިސް.