ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރެއްވުމަށް 15 ބޭފުޅަކު ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ.

މި ފަނޑިޔާރުން ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ އެކަމަށްޓަކައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު ތީމުތޭގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ އެބޭފުޅުންނަށް މަޤާމުގެ ހުވާ ލައިދެއްވިއިރު، މަޤާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފަނޑިޔާރުން ހުވާ ކުރެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ކުރިފުޅުމަތީގައެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި މާލޭގައި ޤާއިމުކޮށްފައިވާ ކޯޓުތަކުގެ ފަނޑިޔާރުންވެސް ބައިވެރި ވެވަޑައިގެންނެވިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން މިރޭ މެޖިސްޓްރޭޓުން ޢައްޔަން ކުރެއްވި ކޯޓުތަކުގެ ތެރޭގައި، ސ.ފޭދޫ، ގއ.ވިލިނގިލި، ކ.ތުލުސްދޫ، ޏ.ފުވައްމުލައް، ރ.ދުވާފަރު، ރ.އަލިފުށި އަދި ލ.ގަމު މެޖިސްޓްރޭޓް ކޯޓު ހިމެނެއެވެ. އަދި އިސް މެޖިސްޓްރޭޓުން ޢައްޔަން ކުރެއްވި ކޯޓުތަކުގެ ތެރޭގައި ހިމެނެނީ، ތ.ތިމަރަފުށި، އދ.ދިގުރަށް، ކ.ގުޅި، ފ.ދަރަނބޫދޫ، ދ.ހުޅުދެލި، ކ.ހިންމަފުށި، ށ.ފޯކައިދޫ އަދި ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓު ހިމެނެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު އަދި އެ ކޮމިޝަނުގެ ނައިބު ރައީސް އިބްރާހީމް ރިޟާ ވަނީ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އެންމެހާ ފަނޑިޔާރުންނަށް މަރުޚަބާ ދަންނަވާފައެވެ.

ފަނޑިޔާރުކަމުގެ ހުވާކުރެއްވި ބޭފުޅުންނާ މުޚާތަބުކޮށް، މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ ނައިބު ރައީސް އިބްރާހީމް ރިޟާ ވިދާޅުވީ، ފަނޑިޔާރުންނަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅުންތަކެއް ކަމަށާއި، ފަނޑިޔާރުންގެ 24 ގަޑިއިރު ހޭދަވެގެންދާނީ ޖުޑީޝަލް މަސައްކަތްތަކެއްގައި ކަމަށެވެ.

ރިޟާ ފަނޑިޔާރުންނަށް އިލްތިމާސް ކުރެއްވީ، ފަނޑިޔާރުންނަށް ލިބިވަޑައިގެންފައިވާ ތައުލީމުގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓާއި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކަށް އަދި މިނޫންވެސް ޤާނޫނުތަކާއި، ގަވާއިދުތައް ދިރާސާކުރެއްވުމަށްފަހު، ވީ އެންމެ ހަލުވިމިނެއްގައި ޢަދުލު އިންސާފު ޤާއިމު ކުރުމުގެ މަސައްކަތް ކުރެއްވުމަށެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނު ކުރުމަށް ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑު އިލްތިމާސް ކުރާނީ މައްސަލަތައް އަވަސް ކުރައްވައި، އާއްމު ރައްޔިތުންނަށް ފަސޭހަ ކަމާއެކު އެބޭފުޅުން ބޭނުންވާ އިންސާފު ޤާއިމުވެގެން ދިއުން. މައްސަލައެއް ކޯޓަށް ވަނުމަށްފަހުގައި ގިނަ ދުވަސްތަކެއް ނުކުރައްވައި މައްސަލަ އަވަހަށް ނިންމަވާލެއްވުމަކީ އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ކަމަކީ." ޖޭއެސްސީގެ ނައިބު ރައީސް އިބްރާހީމް ރިޟާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުން އެންމެ ބޮޑަށް ފާހަގަކުރެވިގެންދަނީ މައްސަލަތައް ލަސްވާ މައްސަލަ ކަމަށާއި، އެމަނިކުފާނު ކުރެއްވި އިލްތިމާސް އާ އެއްގޮތަށް މައްސަލަތައް ހަލުވިމިނެއްގައި ނިންމޭނަމަ ޢާއްމުންގެ ތެރޭގައި ދެކެވެމުންދާ ފާޑުފާޑުގެ ވާހަކަތަކަށް ނިމުމެއް އަންނާނެ ކަމަށްވެސް ރިޟާ ވިދާޅުވިއެވެ.

ރިޟާ އިތުރަށް ވިދާޅުވީ ފަނޑިޔާރުންނަކީ ވަރަށް އަބުރުވެރި، އިއްޒަތްތެރި އަދި ނަޒާހަތްތެރި ބައެއްކަމަށާއި، ފަނޑިޔާރުންނާ މެދުގައި ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ހަމައެއާއެކު މިރޭ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ބޭފުޅުން މިރެއިން ފެށިގެން ސުލޫކަށް ބަދަލުތަކެއް ގެންނަވަން ޖެހިވަޑައިގަންނަވާނެކަންވެސް ހަނދުމަފުޅުކޮށް އެރުވިއެވެ.

15 މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކުރެއްވިއިރު، ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގެ ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓުގެ ގޮފިތައް ޤާއިމުކޮށް ހައިކޯޓުގެ ފަނޑިޔާރުން ރިޔާރަތް ކޮށްގެން މައްސަލަތައް ބައްލަވަމުން ގެންދަވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތޯތާ

    މައްސަލައަކީ ހުރިހާ ބޭފުޅުން އެއްތަނުން އެކެއްޗެއް ކިޔެވިއަސް މިރާއްޖޭގެ ގާނޫނު އަސާސީ އެކިބޭފުޅުން އެކިގޮތަށް މާނަކޮށް ޝަރީއަތް އެގާޒީއަކަށް ފެނިލެއްވި ގޮތަކަށްތޯ ނިންމަމުންދާތީ

  2. ފަޅުވެރިން

    ކޮރަޕްޝަންގެ އައު ބެޗެއް ނުކުންނަނީދޯ؟

  3. ޖަސްޓިސް އަންޑަރ ގްރައުންޑް

    މަރުޙަބާ އެންމެ ބޭފުޅުންނަށް. ތިބޭފުޅުންނަކީ ސިޔާސީ ފަރާތްތަކުން ބޭނުންވާގޮތަށް ޙުކުމްތައް ނެރޭނެ ބޭފުޅުން ކަމުގައި ވ އުންމީދުކުރަން. އެއީ މި ޤައުމުއެދޭ އިންސާފަކީ

  4. ??

    ޙަރާމް ލާރިކާނެ ބަޔަކުއިތުރުވީ ދޯ.

  5. ބެލޫން

    މުސްތަޤުބަލުގައި ހުސް ރުފިޔާ!