ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ – ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވާ ޕާޓީން ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނުގެ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ބަލައިގަތީ 35 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މިހާރު ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.

މި ބިލްގައި ބުނެފައި ވަނީ އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތުން ހިމެނެއެވެ.

ނަމަވެސް ޕާޓީއަކާ ގުޅިވަޑައިގަތުމަށް ޕާޓީ ބަދަލު ކުރުން ނުވަތަ ވަކި ކުރުން ނުވަތަ ވަކިވެއްޖެ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ބިލްގައި ބުނެފައިވެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅިނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމު ނުގެއްލޭނެ ކަމަށް ބުނާ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއެވެ. އެ އިސްލާހު ބަލައިގަނެފައިވަނީ 36 މެންބަރުންގެ ވޯޓުންނެވެ.

އަބްދުލްރަހީމް ހުށަހެޅުއްވި އިސްލާހްގައި ވަނީ ޖިނާޢީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ލިބޭނީ 10 ދުވަސް ކަމަށާއި އަދި 30 ދުވަސް ތެރޭގައި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް އެމައްސަލަ ބަލައި ނިންމަން ޖެހޭނެ ކަމަށެވެ.

ޖިނާޢީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ މުސާރަ ހިނގާ ގޮތައް އެފަނޑިޔާރަކު ޖޭއެސްސީ އިން ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށާއި އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ދައުވާ އެއް އުފުލައިފި ހާލަތެއްގައި ފަނޑިޔާރަކު މުސާރަ ނުހިނގާ ގޮތައް ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ވެސް އަބްދުލްރަހީމް ހުށަހެޅުއްވި އިސްހާލުގައި ވެއެވެ.

ފަނޑިޔާރުންގެ ޤާނޫނު އިސްލާހް ކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީޕީއެމް އިން ކުރަމުން ގެންދާއިރު ބޮޑެތި ޖިނާޢީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު