ހުޅުމާލެ އިން ސިނަމާލެ ބުރިޖަށް ދަތުރު ކުރުމަށް އޮންނަ ހައިވޭގެ ހުޅުލޭ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ އިން ބުރިޖަށް ދަތުރު ކުރަމުން ދިޔަ ދެ ސައިކަލެއް ޖެހިގެންނެވެ. އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވީ ދެ ސައިކަލްގައި ތިބި ހަތަރު މީހުންނަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ހައިވޭގައި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓް މިރޭ 23:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންނަށް ވެސް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގި މައްސަލަ ފުލުހުން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވީ އެކްސިޑެންޓެއްގައި އަނިޔާވި ހަތަރު މީހަކު މިރޭ 23:10 ގައި ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ.

އެކްސިޑެންޓްގައި އަނިޔާވެފައިވާ ހަތަރު މީހުންގެ ވެސް ބޮލަށް ވަނީ އަނިޔާ ވެފައެވެ. އަނިޔާ ވެފައި ވަނީ 50 އަހަރުގެ ފިރިހެނަކަށާއި، 20 އަހަރުގެ ފިރިހެނަކަށާއި، 17 އަހަރުގެ ފިރިހެން ކުއްޖަކަށާއި 43 އަހަރުގެ އަންހެނަކަށެވެ.

ސިނަމާލެ ބުރިޖާއި، ބުރިޖަށް ދަތުރު ކުރުމަށް ހަދާފައިވާ ހައިވޭތަކުގައި އެކްސިޑެންޓް ހިނގުން ވަނީ ވަރަށް ބޮޑަށް އާންމު ވެފައެވެ. ގިނައިން އެކްސިޑެންޓް ހިނގަމުން ދަނީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައެވެ. ބުރިޖާއި، ހައިވޭގައި ވެސް އޯވަޓޭކް ކުރުމަކީ މަނާކަމެއް ކަން ފުލުހުން ގެންދަނީ ތަކުރާރުކޮށް ހަނދާން ކޮށްދެއްވަމުންނެވެ. ނަމަވެސް އަދިވެސް ގިނަ މީހުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ތިމަންނަ

  ހައިވޭ މެދުތެރޭގައި ހޮސްޕިޓަލެއް އެޅުމަށް ގޮވާލަން

 2. އަލިތަކުރު

  އެކްސިޑެންޓް ވީމަ އެކްސިޑެންޓް ވާ ވާހަކަ ދައްކަނީ.. ހިފާލާފަ ދާއިރު ހީވަނީ ދުނިޔެ ރަންވެގެން އުޅޭހެން.. ހާދަހާ ވާ ބާރަށޭ އެ ދުއްވާލަނީ.. ގަވާއިދު ވަރަށް ހަރުކަށިކޮށް ފިޔަވަޅު ނާޅައިފި ނަމަ އެތައްބައެއްގެ ފުރާނަ ގެއްލިގެން ދާނެކަމީ ޝައްކެއްވެސް ނެތްކަމެއް..

 3. ހަދީ

  ތިަމުގެޒިންމާ ޔާމީނު ނަގަންޖެހޭނެ

 4. ށީ

  ޢަސްލު އޯވަރޓޭކް ކުރަންޖެހެނީ އެއްހަމަ އެއްގަ ވާހަކަ ދައްކަމުން ދުއްވާ މީހުން ވަރަށް ގިނަ. ޢެކަމާހެދި ނޯވޭ ކުރިއަށް އެރޭކަށް. ޢެހެންވެ އޯވަރޓޭކް ކުރަން މަޖްބޫރު ވަނީ. ހައިވޭއަކީ ވާހަކަ ދައްކަމުން ދުއްވާ ތަނެއް ނޫން. ވާހަކަ ދައްކަން ދާނީ ޕާކްތަކަށް

 5. ސަނދުވާ

  ހުރިހާވެސް މައްސަލަޔަކީ، 3، 4 ސައިކަލް ބަރިޔަކަށް ތިބެގެން ލައިން ބްލޮކްވާގޮތަށް ރޯޑްމީޓިންގ ގައި ހައިވޭގައި ދަތުރުކުރުމެވެ. މިއީ ޢާންމު ކަމަކަށްވީހިނދު، އެކަން ހުއްޓުވާނެފަރާތެއް ނެތުމެވެ. ބަލާނެ ލޮލެއް ނެތްކަން ފާހަގަ ކުރެވެއެވެ.

 6. ހާމިދު ޝާހިދު

  ހެލްމެޓް އަޅައިގެން ނޫން ގޮތަކަށް ބްރިޖް މަތީ ދަތުރު ނުކުރެވޭ ގޮތް ހެދުމާއި، ބްރިޖްގައި ގަވާއިދާ ހިލާފަށް ދުއްވާ ހުރިހާ ވެހިކަލެއް ހުއްޓުވާ ވަގުތުން ލައިސަންސް ބާތިލުކޮށް ވެހިކަލް ޓޯ ކުރުމުގެ މަސައްކަތް ފަށަންވީ...

 7. ސިޒާ

  ދިވެހިން ދޯ. ރަނގަޅެއް ނުވާނެ

 8. Anonymous

  ސްޕީޑް ކެމެރާ ބަހައްޓަން ފެނޭ. ޤަވައިދު ހަދާފަ ޤަވައިދު ތަންފީޒް ކުރަން ފެނޭ

 9. ހައްލު

  އެކްސިޑެންޓް ތައް ހުއްޓުވުމައްޓަކައި، ބުރިޖްގަ ދުއްވާ ކޮފީ މޭޒުތައް ހުއްޓުވަން ޖެހޭ.. 50މޭލު ދުއްވެން އޮއްނަ ތަނެއްގައި އެވެރިން އެދަނީ ފިރުކިފަ. މިގޮތައް ދުއްވާ ބައެއްގެ ފަހަތުން އެއްމެންވެސް އޯވަރޓޭކް ކުރާނެ.

 10. ޅަބޭ

  ސާބަހޭ ގައްޑާ ދިވެހިން. 24 ގަޑިއިރު ގައްޑާވެފަ. ސައިކަލު މުއްގަނޑު ފެލާފަގޮސް ތިތަނުން ތަނބަކައް އުރިބަލަ ވާއެއްޗެއް ބަލާލަން.

 11. އައިޝަތު ރުކުޝާނާ

  ރައްޔިތުން މައުލޫމާތު މުއްސަދިކޮށްލަން ނަމަވެސް ކީއްތޯވާނީ ރާއްޖޭގައި އެކްސިޑެންޓްއެއް ހިނގުމުން ފުލުންނާއި ޓްރާންސްޕޯރޓް މިނިސްޓްރީއިން އަޅުއްވާ ފިޔަވަޅުތައް، އެކްސިޑެންޓްގައި ކުއްވެރިވާ ފަރާތައް އަޅަނީ ކޮންކަހަލަ ފިޔަވަޅެއްތޯ އާއި މެޑިކަލް ބަލަހައްޓަނީ އާސަންދާ ނުވަތަ ފުލުންތޯ. ނޫނީ މާދަމާވެސް ކުށްވެރިވީ ފަރާތްތައް ދުއްވުމުގެ ހުއްދަ އޮވޭތޯ. ނުވަތަ ޖޫރިމަނާތޯ ނޫނީ ޖަލުހުކުމެއްތޯ