މެދުކެނޑުމެއް ނެތި ވާރޭވެހޭނެކަމަށް ލަފާކޮށް ކ.އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހުއްޓާނުލާ ވާރޭވެހޭނެތީ ކ.އަތޮޅަށް މިއަދު ހެނދުނު 08:00 އިން މެންދުރު 11:00 ގެ ނިޔަލަށް ޔެލޯ އެލާޓު ނެރެފައެވެ. އަދި ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެތީ ކ.އަތޮޅާއި ސ.އަތޮޅާދެމެދަށް ހެނދުނު 06:00 އިން މެންދުރު 12:00ގެ ނިޔަލަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވިގޮތުގައި ހުޅަނގު މޫސުމާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ މި ވިއްސާރާއިގައި ރާއްޖޭގެ އެންމެ އުތުރުގެ ބައެއްރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް ބައެއް ރަށްރަށަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުޅަނގުދެކުނާއި ހުޅަނގުން އުތުރު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން އުތުރުއަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ގަދަވަޔާއި އެކު ވެރިރަށް މާލެއަަށް ކުރަމުން ދާ ވިއްސާރައިގައި މާލޭގެ ގިނަ މަގުތަކެއް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ މަގުތަށް ބޭނުން ކުރުމުގައި ދަތިތަކާއި ކުރިމަތިވެފައެވެ.