މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެއްގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިއަތުގެ މައްޗަށް އިއްވާފައިވާ އަށް އަހަރުގެ ޖަލު ޙުކުމެއް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައިކޯޓުގައި ކުރިއަށް ގެންދާ ޝަރީޢަތް މިއަދު ފެށުމަށް ފަހު، މިއަދު އަޑުއެހުންތައް ނިންމާލައިފިއެވެ.

ޅ.މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ފީގެ ގޮތުގައި ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވުމަށް ފަހު އެއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ޒިޔަތު އަށް އަހަރަށް ޖަލަށް ލުމަށް އަދި އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާއިލް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ޙުކުމް އިއްވާފައެވެ.

މިއަދުގެ ޝަރީޢަތުގައި ޒިއަތުގެ ފަރާތުން މައިގަނޑު 8 ނުކުތާއެއް ފާހަގަ ކުރިއެވެ. އޭގެތެރޭގައި އޭނާގެ މައްޗަށް ޙުކުމް ކޮށްފައި ވަނީ އިޖުރާޢަތުތަކާއި ހިލާފަށް ހިންގި ތަޙްޤީޤަޤަކާއި، ޝަރީޢަތަކުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެއް ވެސް ހިމެނެއެވެ.

އޭގެ އިތުރުން ޤާނޫނުލް އުޤޫބާތުގައި މާނަ ކޮށްފައިވާ ގޮތާއި ހިލާފަށް ޚިޔާނާތް މާނަކޮށް ދައުވާ ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި ޙުކުމް ކޮށްފައި ވަނީ ތަޙްޤީޤު ބަޔާނަށް ޝަރީޢަތުގައި އިންކާރު ކޮށްފައި ވަނިކޮށް އެބަޔާނަށް ރިޢާޔަތްކޮށް އިތުރު ހެކި ހުށަހެޅުމެއް ނެތި ކަމަށް ވެސް ޒިއަތުގެ ފަރާތުން ހައިކޯޓުގައި ބުންޏެވެ.

ހަތަރު ވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރީ ޚިޔާނާތުގެ ކުށް ސާބިތުކުރަން ބޭނުންވާ ހަތަރު އުންސުރު ސާބިތުވެފައި ނުވާއިރު ކުށް ސާބިތު ވާކަމަށް ޙުކުމް ކޮށްފައި ވުމެވެ. ފަސް ވަނަ ނުކުތާއެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ޝަރީޢަތުން ނޫނީ ހޯދައި ނުދެވޭނެ ކިތާބީ ހެކި ދިފާޢުން އެދުނު ގޮތައް ހޯދައި ދިނުމަކާއި ނުލާ ޝަރީޢަތް ހިންގާ ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީޢަތް ހިންގާފައި ވަނީ ބާތިލް ބަންދު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓައިގެން ކަމަށް ވެސް ޒިއަތުގެ ފަރާތުން ހައިކޯޓުގައި ބުންޏެވެ. އަދި އަށް އަހަރުގެ އަދަބު ކަނޑައަޅާފައި ވަނި ޤާނޫނުލް އުޤޫބާތާއި ހިލާފަށް ކަމަށް ވެސް ޒިއަތުގެ ވަކީލު ވިދާޅުވިއެވެ.

ޗެކާއި ޒިއަތު ހަވާލުވެފައި ނުވާ ކަމަށް ބުނެ ޒިއަތުގެ ފަރާތުން ވަނީ ޗެކާއި ހަވާލުވި މީހުން އެނގޭނެ ޑޮކިއުމެންޓް މިއަދު ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް ދައުލަތުން ބުނީ ޗެކާއި ހަވާލުވީ ޒިއަތު ކަމަށެވެ.

މިމައްސަލައިގައި ޒިއަތު ދީފައިވާ ތަޙްޤީޤު ބަޔާނަކީ ދަންވަރު ގޮޅިން ނެރެ މަޖުބޫރީ ހާލަތެއްގައި ބަހައްޓައިގެން ވަކި ގޮތަކަށް ދީފައިވާ ބަޔާނެއް ކަމަށް ޒިއަތުގެ ވަކީލް ވިދާޅުވިއެވެ.

ޒިއަތުގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޖިނާޢީ ތަޙްޤީޤެއް ކުރުމަށް ކޮންމެ މީހަކަށް ވެސް ހުށަހެޅޭނެ ކަމަށެވެ. ޤާނޫނު އަސާސީގެ ދަށުން އެފަދަ މައްސަލައެއް ތަޙްޤީޤު ކުރުމަށް ބަންޑާރަ ނައިބަށް ހުށަހެޅުމަކީ މިނިސްޓަރުގެ ޒިންމާއެއް ނަމަވެސް އެހެން ފަރާތަކަށް ވެސް އެމައްސަލަ ހުށަހެޅުމުގައި ހުރަހެއް ނެތް ކަމަށް ދައުލަތުން ވިދާޅުވިއެވެ.

މިމައްސަލައިގައި ހިމެނޭ ޗެކާއި ޒިއަތު 2014 ވަނަ އަހަރުގެ ޖޫން 04 ވަނަ ދުވަހު ހަވާލުވެ އަދީބަށް ޗެކް ދީފައިވާ ކަމަށާއި އެއީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށް ދައުލަތުން ވިދާޅުވިއެވެ. ޒިއަތު އަމިއްލަ އިއުތިރާފް އަނބުރާ ގެނައި ނަމަވެސް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ގޮތުގައި ތަޙްޤީޤުގައި ވެފައިވާ އިއުތިރާފަށް ފަހުން އިންކާރު ކުރި ނަމަވެސް އެކަމަށް ބާރު ލިބޭ ގަރީނާ ހުރިނަމަ އެއިއުތިރާފް ބަޔާނަށް ރިޢާޔަތް ކުރުމުގެ ބާރު ކޯޓަށް އޮންނާނެ ކަމަށެވެ.

ދިފާޢުން އެދޭ ކިތާބީ ހެކި ދައުލަތައް ލިބިފައި ނުވާތީ ފޯރު ކޮށްދީފައި ނުވަނީ ކަމަށް ދައުލަތުން ހައިކޯޓުގައި ވިދާޅުވިއެވެ. ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފަށް ބަލައި ނުގަތުމުން އެކަން ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފައި ނުވާތީ އޭގެ ވާހަކަ ހައިކޯޓުގައި މިހާރު ޒިއަތަށް ނުދެއްކޭނެ ކަމަށް ދައުލަތުން ވިދާޅުވިއެވެ.

ޒިއަތުގެ ފަރާތުން ހައިކޯޓުގައި އެދުނީ ޙުކުމް ބާތިލް ކޮށްދިނުމަށެވެ. ނަމަވެސް ދައުލަތުން އެދުނީ ކްރިމިނަލް ކޯޓުގެ ޙުކުމް ރަނގަޅު ކަމަށް ނިންމައި ދިނުމަށެވެ.

ދެން އޮންނާނީ މިމައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނުޖެހިއްޖެ ނަމަ ޙުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން މިއަދު އިއުލާން ކުރެއްވިއެވެ.

ޒިއަތުގެ ވަކީލް ވަނީ ކަފާލާތުގެ ދަށުން ޒިއަތު ދޫކޮށްލުމަށް މިއަދު ކޯޓުގައި އެދިފައެވެ. ކަފާލާތުގެ ދަށުން ޒިއަތު ދޫކޮށްދިނުން އެދި ހައިކޯޓަށް ސިޓީއެއް ވެސް ފޮނުވާފައި ވާނެ ކަމަށް ވަކީލް ވިދާޅުވިއެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ކަފާލާތުގެ ދަށުން ދޫކޮށްދިނުން އެދި ޖެހޭނީ ފޯމެއް ހުށަހަޅަން ކަމަށެވެ.

މިމައްސަލައިގެ އަޑުއެހުންތައް ނިންމާލި ނަމަވެސް ޙުކުމް ކުރާނެ ތާރީޚެއް އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަން

    ޔާމިނު ބޮލައް ތީތި ކަޑާލެވޭނެ ހަމައެކަނި މަގަކީ ތީ. އެހެންވެ އެމަގު މިހާރު ތިކޮށަނީ

  2. ޖަޒީރާ ފަލި

    ވާވާ. ފަޓާސް ބަރިއެއްފަދައިން. އަދި ހުކުން ކުރާނެ މިރާއްޖޭގައި އެއްވެސް ރައްޔިތަކަށް ޔާމީން އާއި ފާތިމަތު ނުކިޔޭނޭ ކަމަށްވެސް.
    ޝުކުރިއްޔާ މައުމޫން އާއި ސޭޓަށް

  3. މިއަދު

    ކޯޓުތަކަކީ މޫސުމީ އެއްޗެއް އަބަދުވެސް ފަސޭހަވަޔަށް ދުއްވާނީ

  4. އަހަރެން

    އިންތިހާބުގެ ކަރުދާސް ޕުރިންޓު ކުރީ މީނާގެ ބަފާބެ...

  5. ސަދޫމް ކޯޓް

    ނިމިފަ