ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ބައެއް މެމްބަރުން، މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ވެސް އެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

އޮޑިޓް އޮފީހުގެ 2019 ވަނަ އަހަރުގެ ބަޖެޓު ކަނޑައަޅައި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ނިހާން ވިދާޅުވީ މާލެ އަށް ވެހެމުން ދިޔަ ވާރޭގައި ވަރަށް ދަތި ހާލުގައި މަޖިލީހަށް ވަޑައިގެން، މިއަދުގެ ޖަލްސާގެ ކޯރަމް ހަމަކޮށްދެއްވީ ޕީޕީއެމް/އެމްޑީއޭގެ މެމްބަރުން ކަމަށެވެ. އަދި މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވަނީ ކީއްވެކަމާއި މެދު ނިހާން ވަނީ ސުވާލު އުފައްދާފައެވެ.

"ހާއްސަކޮށް އެމްޑީޕީ މެމްބަރުން ކޮބައިތޯ؟ ހާއްސަކޮށް ކޮބައިތޯ ގޮނޑިތައް ލިބިވަޑައިނުގެން ރެޔާއި ދުވާލު މަގުމަތީގައި ހޭދަކުރެއްވި މެމްބަރުން؟ ގޮނޑިތައް ލިބިވަޑައިގަތީމަ، އެ ބޭފުޅުން ޗެމްބަރަށް ވަޑައިގަންނަވަން ބޭނުމެއް ނުވި،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިނުގެން ކުރައްވާ ހަމައެކަނި ކަމަކީ ސައި ކޮޓަރިން ސައި ބެއްލެވުމެވެ. އަދި ޖަލްސާއަށް ވަޑައިނުގެން އެމެންބަރުން މަޖިލިސް ސަހަރައްދުގައި އުޅުއްވާކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

"އޮޑިޓް އޮފީސް [ބަޖެޓް] ފާސްކޮށްލަން، މި ރިޕޯޓު އަޑު އައްސަވަން، ނުވަތަ މިތަނަށް ވަޑައިގެން ކޮމެންޓެއް ކުރައްވަން، މީގައި ބައިވެރިވެވަޑައިގަންނަވަން، ޖަލްސާގެ ކޯރަމް ހަމަ ކުރައްވަން ވަޑައިނުގެން، ޗެމްބަރުން ބޭރުގައި، މަޖިލިސް ސަރަހައްދުގައި އެބައުޅުއްވާ،" ނިހާން ވިދާޅުވި އެވެ.

އަދި ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިގެންނެވި ކަން ފާހަގަ ކުރައްވައި ނިހާން ވިދާޅުވީ އެ ދުވަހުގެ އެޖެންޑާގައި ހުރި ވަކި ކަމަކަށް ވާހަކަ ދައްކަވަން، އެމްޑީޕީގެ މެމްބަރުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އިދިކޮޅު މެމްބަރުންނަށް ނިހާން ފާޑު ވިދާޅުވި އިރު، ސުޕްރީމް ކޯޓުން ވަނީ މިހާތަނަށް އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    ނިހާނު ކިޔަސް ތީ ހަމަ ތެދެއް.....

  2. ވގ

    މިޔޮއްހުރިހާދުވަހު ޖަލްސާނުބާއްވާ ނިހާމެންމުސާރަނެގުން އޯކޭ