ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގެން، މެންބަރުން މުސާރަ ނަންގަވާ މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓު، ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަދައްކަވަމުން އިބްރާހީމް ދީދީ ވިދާޅުވީ އޮޑިޓް ކުރަންވީ ހަމައެކަނި ދައުލަތުގެ އިދާރާތައް އެކަނި ނޫން ކަމަށެވެ.

" ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ނުހައްގުން މުއްސަނދިވާ މީހުންގެ މައްސަލަތައް ވެސް ބަލައި، ފިޔަވަޅު އަޅަންޖެހޭ. ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެކަން ބެލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުން" މެންބަރު އިބްރާހިމް ދީދީ ވިދާޅުވިއެވެ.

އިބްރާހީމް ދީދީ ވިދާޅުވީ ބަލަން ޖެހޭނީ ވަކި ބައެއްގެ މައްސަލަތައް އެކަނި ނޫން ކަމަށާއި ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް މީގެކުރިން ދެއްކި މީހުން، މިއަދު އެކަންކަން ބަލަންޖެހޭ ކަމަށެވެ.

އިބްރާހީމް ދީދީ މިހެން ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ބައެއް މެމްބަރުން، މަޖިލީހުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ވެސް އެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެ ވަޑައިނުގަންނަވާތީ އިދިކޮޅު މެންބަރުންނަށް ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ފާޑު ކިޔުން އަމާޒުވެފައެވެ.

ސުޕްރީމް ކޯޓުން ވަނީ މިހާތަނަށް އަށް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފަ އެވެ. އަދި ބާކީ ތިއްބެވި ހަތަރު މެމްބަރުންގެ ގޮނޑިއާ މެދު ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަންޖެ

    އައިބޭމެން ކިޔާނެ އެއްޗެއްނެތް އިންތިހާބު ކާމިޔާބު ކުރަން އެއްވެސް މަސެއްކަތެއް ނުކޮށް ތިބީ ވަރަށްބޮޑު ޔަގީންކަމެއްގައި މީ ހުރިހާވެސް މައްސަޅައަކީ ވަކި ކޮމްމެހެން އައިބޭވާހަކައެއްނޫން ހުރިހާބޭފުޅުން ވާހަކަ ދެރަވޭ

  2. ވގ

    މިޔޮން ހުރިހާދުވަހު ޖަލްސާ ނުބާއްވާ ތިމީހުން މުސާރަނެގީ ކިހިނެތްވެގެން ގޫބައްޑާ