2019 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ފިނޭންސް މިނިސްޓްރީއަށް ފޮނުވާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމު މުހައްމަދު ސޯލިހުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީގެ 56 ވަނަ މާއްދާއާއި ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ގައިވާ ގޮތުގެ މަތިން ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރީން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖުލީހަށް ހުށަހަޅަން ޖެހެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މާލިއްޔަތު ގާނޫނުގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ބަޖެޓު ފޮނުވަން ބުނެފައިވަނީ އަހަރު ނިމުމުގެ ދެ މަސް ކުރިން ކަމަށެވެ. އެހެންކަމުން ވަގުތު އޮއްވާ މިނިސްޓަރަށް އެފުރުސަތު ދިނުމުގެ ގޮތުން މާދަމާ ބަޖެޓު ހުށަހަޅަން ނިންމާފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

" މުއްދަތު އޮއްވާ އަޅުގަނޑުމެންގެ ބަޖެޓު އެބޭފުޅުންނާއި ހިސާބަށް ދާނެ. އިރާދަކުރެއްވިއްޔާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވޭހާ ވަގުތު އޮތްވާ އެބޭފުޅުންނާއި ހިސާބަށް އަޅުގަނޑުމެންގެ ބަޖެޓް ދާނެ." މާރިޔާ ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށްޓަކައި ބަޖެޓުގައި ހިމަނުއްވަން ބޭނުންފުޅުވާ އިދާރީ ބަދަތުތަކާއި، އައު ސިޔާސަތުތަކުގެ ތަފްސީލް ހިމަނުއްވައިގެން، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ތައްޔާރުކޮށްދިނުމަށް އެދިފައިވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ

މި ހިނގާ އަހަރަށް ސަރުކާރުން ފާސް ކޮށްފައިވަނީ މަޖިލީހަށް ހުށަހެޅީ 28 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވެނީ، 24.9 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެ ބަޖެޓްގެ ދަރަނި ވެސް 2.5 ބިލިއަން ރުފިޔާ އެވެ.