12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިއްޖެއެވެ.
މި 12 މެމްބަރުންނާއެކު އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މަޖިލީހުގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 45 އަށް އަރާފައެވެ. ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 40 އަށް ދަށްވެފައެވެ. ނަމަވެސް މީގެ ތެރެއިން ވެސް ބައެއް މެމްބަރުން ރިޔާސީ އިންތިހާބަށްފަހު ވަނީ ސަރުކާރާއި ދެކޮޅުވާން ފަށާފައެވެ.
އިދިކޮޅު ފަރާތްތަކަށް މެޖޯރިޓީ ލިބުނުއިރު، ދާދިފަހުން ވަނީ ސަރުކާރު ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ތިން ބިލެެއް ބޭރުކޮށްލާފައެވެ. އެގޮތުން މަޖިލީހުން ބޭރުކޮށްލާފައިވަނީ އިންތިހާބުގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަދި ޖަލުތަކާއި ޕޭރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ޕީޕީއެމް އިން ވަކި ކުރުމާ ގުޅިގެން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިއާޔަތްކޮށެވެ. އެ ހުކުމް ނެރުނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
ނަމަވެސް އެ ހުކުމުގެ ކުރިން ވެސް ޕީޕީއެމުން ވަކިވާން މި މެމްބަރުން ސިޓީ ފޮނުވާފައިވާތީ ގޮނޑި ގެއްލުނު މައްސަލަ އެ ބޭފުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ގޮތެއް ނިންމިފައިމިވަނީ އަހަރެއްހާ ދުވަސް ފަހުންނެވެ.
3 ބާރުވަކިކޮށްފައިވާ ވެރިކަމުގެ ނިޒާމެއްގައި ވެރިކަން ކުރާ ޕާޓީއަށް މެޖޯރިޓީ ލިބެންނުޖެހޭ
މަޖިލިހުގެ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ ކޯލިޝަނުގައި އެއީ ޕީޕީ އެމާއި އެމްޑީއޭގައި ރޭގައި އުވާލި އެންޓި ޑިފެކްޝަން ޤާނޫނުގެ ސަބަބުން މުސްތަގުބަލުގައި އަންނަ ސަރުކާރަށް އޮތީ ހަނުރައްކާ