ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޕީޕީއެމްއިން ހުށަހަޅާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަކި ކުރެއްވުމަށް އެދި އިދިކޮޅުން މައްސަލާ ހުށަހެޅީ ބަންދު ދުވަސްތަކާއި ރޭގަނޑާއި ދުވާލު ޖަލްސާ ބާއްވާތީ އާއި މެންބަރުންނަށް ރަނގަޅަށް ނާނގާ ބޭނުން ގޮތަކަށް ޖަލްސާތައް ކުރިޔަށް ގެންދާތީ ކަމަށް ބުނެ ކަމަށާއި ނަމަވެސް މިއަދު ވެސް ކަންތައްތައް ހިނގަނީ އެ މޭރުމުން ކަމަށެވެ.

މިއަދު އެ ވާހަކަ ދައްކަވާނެ އެއްވެސް މީހަކު ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.

ފަހަކަށް އައިސް މޫސަ ގެންދަވަނީ އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތައް ކަންތައްތައް ނިންމަވަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިބްރާހިމް މުހައްމަދު ސޯލިހް ނޮވެމްބަރ 11 ގައި ރައީސް ކަމުގެ ހުވާ ކުރައްވާނެ ގޮތް ހަމަޖައްސަން މޫސަ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެގޮތައް ފާހެއް ނުވިއެވެ.

މޫސަ ގެންދަވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގައި ބަހުސް ކުރެވެމުންދާ މައްސަލަތަކާއި ބެހޭ ގޮތުން ޚިޔާލު ފާޅުކޮށް ބައެއް ކަންކަމަށް ފާޑުވެސް ވިދާޅުވަމުންނެވެ. ނަމަވެސް މަޖިލީހުގެ ޤަވައިދު ބުނާ ގޮތުން ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް ބަހުސްގައި ބައިވެރިއެއް ނުވެވޭނެއެވެ.

މިއަދު މަޖިލީހަށް އެންޓި ޑިފެކްޝަން ޤާނޫނު އުވާލުމުގެ ބިލް ބަލައިގަންނަން މޫސަ ވޯޓަށް އެއްސެވީ ވެސް ޤަވައިދުގައި ބުނެފައި އޮންނަ ތިން ދުވަހުގެ މުހުމަތު ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮންފުތު

    މި ފަހަރު މޫސައަށް ވާންވީ ވާލަށް ވީވަރު!

  2. ސީތަލަ ހަންނާނު

    ޕީޕީ އެމް، އުވާލަންވެސް ފަލާހު ވަރައް ތެޅުނު، މިއީ ވާ ބޭކަލެއް،

  3. ނަޙްލާ ޢަލީ

    ރައީސް ޔާމީން ވަރަށް ސަފުކޮށް ވިދާޅުވެފައިވޭ " އަޅުގަނޑުގެ އުނިކަމަކީ މީހުން ދަސްނުވުން :" . ވީމަ އެވިދަޅުވީ ތެދުފުޅެއްކަން ސާބިތުވެއެވެ. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރަކަށް ޢަބްދުﷲސަޢީދު ގެނއީ ސީދާ ރައީސް ޔާމީން މަސައްކަތްކުރައްވައިގެން އޭނަ ޢަދުލުވެރިވާނޭކަމަށް ދެކިގެންނެވެ. އީސީގެ ރައީސްކަމަށް އަހްމަދު ޝަރީފްގެނައީ އޭނަ ޢަދުލުވެރިވަނޭކަމަށް ބަލައިގެންނެވެ. މޫސަ ، އަލްޙާނު ފަދަ ބޭކަލުން އަރިސްކުރީ ދުރުންއަޔެއްކަމަކު ވަފާތެރިވަނޭކަމަށް ބަލައިގެންނެވެ. ނަަމަވެސް މި އެންމެންގެފުށުން ފެނުނީ ބޭވަފާތެރިކަމާ ޚިޔާނަތާ ޢަދާވާތްތެރިކަމެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. ކުރިމަތިވެފައިވާ ބޮޑު އިމްތިޙާނުން ފާސްވުމަށް ރައީސް ޔާމީންއާ އެމަނިކުފާނުގެ ޙަޤީޤީ ސަޕޯޓަރުން ގަދައަޅާ މަސައްކަތްކުރާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔަބުއޮތީ ދުރެއްގައެއްނޫނެވެ.

  4. ޕީޖޭ

    ތިކަހަލަ ނުކިޔަވާ ފިލްމިސްޓާރުން މަޖިލީހުގައި ގާނޫނު ހަދަން..ފައިސާއައް ތިކަލޭގެ ތިއުޅެނީ ކޯލިސަނާއި ގުޅެން..ދެންކުރިމަތި ލިޔަސް ދާއިރާއިން ނުދޭނަން ވޯޓެއް

  5. ސަނދުވާ

    މޫސަޔަކީ ކާކުކަން ނޭނގި ޕީޕީއެމް އަށް ގެންދެވިކަމީ އޭރުވެސް އަދި މިހާރުވެސް އަޅުގަނޑު ހިތާމަކުރާ ކަމެއް. މޫސަ ޕީޕީއެމް އަށް ދިޔައީ ރައީސް މައުމޫނަށް ބަދަލް ހިފުމުގެ ރޫޙުގައި. އެކަން ކާމިޔާބު ކޮށްފި. ރައީސް ޔާމީނަށް ވެ ވަޑައިގެންނެވި ނާކާމިޔާބުގެ އަޞްލަކީވެސް އެއީ. ދެން ޔާމީން ރަށްރަށަށް ކެމްޕެއިނަށް ވަޑައިގެން ދެއްކެވީވެސް ކެމްޕެއިންގެ ވާހަކައެއްނޫން. ކުރެއްވިފައިހުރި ހަރުކަށި ޢަމަލްތަކެއްގެ ވާހަކަ. ކޮށްދެއްވާނެ ރަނގަޅުކަންތައްތަކުގެ ވާހަކަފުޅެއް ނުދައްކަވާ. އެޑްވައިޒަރުންނާއި، ކެމްޕެއިން މެނޭޖަރުން އަތްޖަހަޖަހާ ތިއްބެވީ އަވަހާރަފުޅުގައި. ފަރުދީ ޙައިޘިއްޔަތުން އަޅުގަނޑު ވަރަށް ދެރަވި.

  6. Miadhu

    އެދުވަހުވެސް މަމެން ބުނީމު މޫސައައީ އެމްޑީޕީ އިން ފޮނުވައިގެން ޕީޕީ އެމް ރޫޅާލުމަށޭ މިއަދު މޫސަ އެކަން ކޮއްފި ކޮންމެ ދަންވަރަކު ޖަލްސާ ބޭއްވިޔަސް މިއަދު އޯކޭ. އެއީ ގަވަޢިދުގަ އޮތްގޮތް މިގައުމު ހަލާކުގެ މަގަށް ގެންދިޔައީ ދުނިޔޭގެ އާޖު ފާޖު ނުދަންނަ މީހުންތަކެއް މަޖިލަިހަށް ވަދެގެން. އެޒިންމާ އުފުލަން ޖެހޭނީ ހަމަ މަޖިލިހުގެ މެމަބަރުން