ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުން މަޖިލީހުން އައްޔަން ކޮށްފައި ހުންނަވާ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައިވަނީ އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.

ރިޒާ މަގާމުން ވަކި ކުރުމަށް ނާޒިމް ހުށަހެޅި މައްސަލާގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

"މިގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ ކަންތައް ހިންގުމުގައްޔާއި ކޯޓާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވަން ޖެހޭ ކަމަށް ގާނޫނުއަސާސީއިން ލާޒިކޮށްފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނަށް އިންސާފު ގާއިމް ނުވާކަމުގައި ރައްޔިތުންނާއި އދ. އާއި މުޅި ދުނިޔެއިން ފާހަގަކޮށް ކަންބޮޑުވަމުންދާ ކަންކަމުގައި މަޖިލީހަށް ލަފާދެއްވަމުން ނުގެންދަވާ." ކަމަށް ސިޓީގައި ވެއެވެ.

ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވި ނަމަވެސް އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ރިޒާ ކޯޓަށް ވަޑައިގަންނަވާ ކަމަށާއި އެއީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއްކަމަށް އެ މައްސަލާގައި ވެއެވެ.

މީގެ އިތުރުން ފަނޑިޔާރުންނާ ބެހޭގޮތުން އުފުލާ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމުގައި ހަމައާއި އިންސާފުން އެއްކިބާވެވަޑައިގެން އެކަން ކުރައްވާ ކަމަށް ރިޒާ މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވެއެވެ.

ސަރުކާރު ހިންގާ ޕާޓީ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައްޔާއި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މެންބަރު ރިޒާ ހުންނެވުމުގެ ސަބަބުން ލިބޭ ފުރުސަތުތަކެއް ކަމަށް ގަބޫލުކުރެވޭގޮތަށް ސަރުކާރު ކުންފުނިތަކުގެ ވަކީލުކަން ކޯޓުތަކުގައި ކުރެއްވުމަށް ބޮޑެތި ފީ ނަންގަވާ ކަމަށް ވެސް ސިޓީގައި ވެއެވެ. އެގޮތުން ޕޯޓްސް ލިމިޓެޑްގެ މައްސަލައެއްގައި ފީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ މިއީ ކޮރަޕްޝަން އެކުލެވޭ ކަމެއްކަމަށް ބުނެފައިވެއެވެ.

އެހެންކަމުން ޤާނޫނު އަސާސީގެ 165 ވަނަ މާއްދާ އާއި މަޖިލީހުގެ ޤަވައިދުގެ 178 ވަނަ މާއްދާގެ ދަށުން ރިޒާ ޖޭއެސްސީގެ މެންބަރު ކަމުން ވަކިކޮށްދެއްވުމަށް ނާޒިމް އެދިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފައްލޯ

    މަކަރާ ، ޙީލަތާ ، ދޮގާ ، ފިތުނަފަސާދަޔާ ، ރިޝްވަތުގެ ބޭނުންހިފައިގެން ބާރުތައް ލިބިތިއްބަސް އަދި ތިޔަދުވަސްވެސް ނިމޭނެ! ނާޒިމުމެން ވިސްނައިގެންތިބޭތި!

  2. ތަންމީ

    ދެން އަންނާނީ ފަސްމީރު ކުރި ރުކެއް. ރީދޫ ކުލަ ޖެހިފަ ހުރިނަމަ ވަރަށް ސާފުވާނެ. ތެދުވެރިވާނެ. އަމާނާތްތެރިވާނެ. ބުނާނެ އެއްވެސް ވާހަކައެއް ނޯންނާނެ.

  3. އަލީ

    ސުބުހާނަﷲ. ތިކަލޭގެ ވަކިކުރަން ލަސްވެސްވެއްޖެ