ފުޅާދާއިރާއެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގޭސް ފޯރުކޮށްދެމުން އަންނަ މޯލްޑިވް ގޭސްގެ 99 އިންސައްތަ އޮކްސިޖަން ޕްލާންޓް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މިއަދު ކ.ތިލަފުށީގައި ހުޅުވުނު މި ޕްލާންޓަކީ 99 އިންސައްތަ ޕިއުރިޓީގައި ގޭސް އުފެއްދޭ ޕްލާންޓެއް ކަމަށާއި މިއީ ވަރަށް ހާއްސަ ޕްރީމިއަމް އުފެއްދުމެއް ކަމަށް އެކުންފުނިން ބުނެއެވެ.

މޯލްޑިވް ގޭސްގެ 99% އޮކްސިޖަން އުފައްދާ ޕްލާންޓް ތިލަފުށީގައި ހުޅުވުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން މިއަދު މި ތައާރަފް ކުރެވުނު ޕްލާންޓުން އުފައްދާ އޮކްސިޖަން އަކީ އެކި އެކި ސިނާއި މަސައްކަތް ކުރުމަށާއި ހޮސްޕިޓަލް ތަކުގެ އަދި އިންޓެންސިވް ކެއާ (އައިސީޔޫ) ބޭނުން ތަކަށް ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި ޕްލާންޓް ހުޅުވަން މިއަދު ހެނދުނު ތިލަފުށީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މައުމޫން ވިދާޅުވީ މިއަދަކީ މޯލްޑިމް ގޭސް ގެ ހަޔާތުގައި ވަރަށް މުހިންމު ކަމެއް ހާސިލްވި ދުވަހެއް ކަމަށާއި 99 އިންސައްތައިގެ ޕިއުރިޓީގައި އޮކްސިޖަން އުފެއްދޭ ޕްލާންޓެއް ގާއިމް ކުރުމަކީ ކުންފުނީގެ ޕްރިއޯރިޓީގައި ހާއްސަ އިސްކަމެއް ދީގެން އަބަދުވެސް ކުރަމުން އައި މަސައްކަތެއް ކަމަށެވެ.

މޯލްޑިވް ގޭސްގެ 99% އޮކްސިޖަން އުފައްދާ ޕްލާންޓް ތިލަފުށީގައި ހުޅުވުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މި ޕްލާންޓް ގާއިމް ކުރުމަށް ފަހު އެތަކެއް ފައިދާތަކެއް ލިބިގެން ދާނެ. އެގޮތުން މިހާރު މި ގާއިމް ކުރެވުނު 99 އިންސައްތަ އޮކްސިޖަން އުފެއްދޭ ޕްލާންޓާއި އެކު ކުރިން އަޅުގަނޑުމެން ބޭނުން ކުރަމުން އައި 95 އިންސައްތައިގެ ޕްލާންޓްގެ ބަދަލުގައި 99 އިންސައްތަ އޮކްސިޖަން އުފެއްދޭ ޕްލާންޓް ބޭނުން ކުރެވޭނެ" މައުމޫން ވިދާޅުވިއެވެ.

މައުމޫން އިތުރަށް ވިދާޅުވީ މޯލްޑްވި ގޭސް އަކީ ބޭރުން ވަރަށް ގިނައިން އިންޑަސްޓްރިއަލް އޮކްސިޖަން ގެންނަ ކުންފުންޏެއް ކަމަށާއި މި އޮކްސިޖަން އެތެރެ ކުރަން ގިނަ އަދަދަކަށް ބޭރު ފައިސާވެސް ހޯދަން ޖެހޭނެ ކަމަަށެވެ. ނަމަވެސް މިއަދު މި ތައާރަފް ކުރެވުނު ޕްލާންޓާއި އެކު ބޭރު ފައިސާ ހޯދަން ޖެހޭ ޖެހުމަށް ވެސް ނިމުމެއް އަންނާނެ ކަމަށް މައުމޫން ވިދާޅުވިއެވެ.

މޯލްޑިވް ގޭސްގެ 99% އޮކްސިޖަން އުފައްދާ ޕްލާންޓް ތިލަފުށީގައި ހުޅުވުން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މޯލްޑިވް ގޭހަށް 19 އަހަރު ފުރިފައިވާއިރު އެ ކުންފުނިން އަންނަނީ ރައްޔިތުންނަށް މުހިންމު ހިދުމަތް ތަކެއް ދެމުންނެވެ. މި ގޮތުން ކައްކާ ގޭހުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގައި ބޭނުންކުރާ "މެޑިކަލް އޮކްސިޖަން" ވެސް އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުންޏަކީ މިއީ އެވެ. ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ 95 ޕަސެންޓު ބޭނުންކުރަނީ މޯލްޑިވް ގޭހުން ގެނެސް ވިއްކާ ގޭހެވެ. ނަމަވެސް މިހާރު މި ހުޅުވުނު 99 އިންސައްތަ އޮކްސިޖަން އުފައްދާ ޕްލާންޓާއި އެކު ދެން އިތުރަށް ބޭރުން އޮކްސިޖަން ގޭސް ގެންނާކަށް ނުޖެހޭނެ ކަމަށް އެ ކުންފުންނިން ވަނީ ބުނެފައެވެ.

މޯލްޑިވް ގޭސް އިން އާ ހިދުމަތްތަށް ގެނެސްދެމުން ގެންދާއިރު، އެ ކުންފުނިން ވަނީ ރާއްޖޭގެ އެންމެ ގިނަ މީހުން ހިދުމަތް ހޯދާ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި އޮކްސިޖަން ޕްލާންޓެއް ވެސް ވަނީ ބަހައްޓާފަ އެވެ. މި ހިދުމަތް ވެގެން ދިޔައީ، ކުރިން ތިލަފުށިން ގޭސް ސިލިންޑަރު ގެނެސްގެން ކުރިއަށް ގެންދިޔަ ބޮޑު އޮޕަރޭޝަން ފަސޭހަ ވެގެން ދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލާއި ރާއްޖޭގެ މުޅި ސިއްހީ ދާއިރާއަށް ވެސް ގެނެވުނު ހެޔޮ ބަދަލަށެވެ.