ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އާއި ފުވައްމުލަށް ތަމްސީލު ކުރައްވަމުން ގެންދަވާ މަޖިލިސް މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބައްދަލުކުރައްވައިފިއެވެ.

އީސީން ވިދާޅުވީ މި ބައްދަލުވުމަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އާއި ފުވައްމުލަކު ސިޓީގެ އިންތިހާބީ ދާއިރާތަކަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އީސީން މީގެކުރިން ވަނީ މަޖިލިސް އިންތިހާބުގައި މާލޭގެ ބައެއް ދާއިރާތަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމަށްވާތީ އެކަމާ ގުޅޭގޮތުން މާލޭގެ ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ވެސް މަޝްވަރާ ކޮށްފައެވެ. އެގޮތުން ދާއިރާތަކަށް އަންނަ ބަދަލުތައް ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނު ކުރާނެ ކަމަށް އީސީން ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު ތިއްބަވަނީ 85 މެމްބަރުންނެވެ. ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އިތުރު ދެ ދާއިރާއެއް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. މަޖިލިސް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބޭއްވުމަށް އީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މަޖިލިސް އިންތިހާބު އަންނަ އަހަރު ބޭއްވުމަށް އީސީ އިން ތައްޔާރުވަމުން އަންނައިރު މިއަހަރުގެ ދެވަނަ ދައުރުގައި ބާއްވާފައިވަނީ 13 ޖަލްސާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަފްސާ

    ގާނޫނު ހަދާ މަޖިލީހަށް އައްޑޫ ރައްޔިތުންގެ ހޮއްވަވާފައިވާ މެމްބަރުންގެ ތެރެއިން ހިތަދޫ އުތުރުދާއިރާގެ މެމްބަރު އަސްލަމް ކުރިޔަށް އޮތް އިންތިހާބަށް ކުރިމަތި ނުލުމަށް ގޮވައިލަން. ސަބަބަކީ އުތުރުދާއިރާގެ ގިނަރައްޔިތުން އަސްލަމް މަޖިލީހަށް ފޮނުވީ އަސްލަމް އަކީ އެއިރު، މީގެ 15 ވަރަކަށް އަހަރުކުރިޔަށް ޖެހިލާއިރު ދާއިރާގެ ދަރިންނަށް ތައުލީމު އުނގަންނައި ދިނުމުގެ މަސައްކަތް ކުރެއްވި ގިނަބަޔަކު ދަންނަ ފަރިތަ މީހަކަށްވެފައި ރައްޔިތުންނަށް އެންމެ ދަތި އުނދަގޫ ޖެހިފައިވާކަންކަން އެންމެ ރަނގަޅަށް އެނގޭނޭ މީހަކަށްވީތީވެ ރައްޔިތުންގެ އެއުދާސްތަށް މައިސަރުކާރާއި ހިސާބަށްގެންގޮސްދީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމުގެ އުންމީދުގައި. އެހެން ނަމަވެސް އަސްލަމްގެ 15 އަހަރުގައި އަސްލަމްގެ އާއިލާ މީހުންނާއި ގާތް ރަހްމަތްތެރިންނަށް ކަންކަން ފަހިވެފައި ހުއްޓެއްކަމަކު އެއްކަލަ އާދައިގެ ރައްޔިތުން މިތިބީ ހަމަ އެއުދާސްތަކުގައޭ ބުނެލުމަކީ ދޮގަކަށް ނުވާނެ. ހާލަތު އިތުރަށް ގޯސްވެއްޖެއޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ، ދާއިރާގެ ގިނަ ޒުވާނުން މަގުއޮޅިފައި ނުވަތަ އޮޅުވާލައިފައި ވަނީ ސީދާގޮތުންނާއި ނުސީދާގޮތުން އަސްލަމް މަސްލަހަތުތަކުންނޭ ބުނުމަކީވެސް ދޮގަކަށް ނުވާނެ.
    އަދި މިނޫންވެސް މިކަހަލަ ކިތަންމެ ކަންތަށް ތަކެއް ހުރުމުގެ ސަބަބުން، މިވަގުތަކީ އަސްލަމްވެސް ރީތިގޮތުގައި ދާއިރާގެ އިސްސަފުން އެއްފަރާތްވެ ދާއިރާގެ ކަންކަން ޒުވާނުންނާއި ހަވާލުކޮށްލަން ޖެހޭވަގުތުކަމަށް ދެކެން.