ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެންބަރަކު އިންތިޚާބުވިއިރު ހުންނެވި ޕާޓީއިން އަމިއްލައަށް ވަކިވެއްޖެނަމަ، ނުވަތަ އެ ޕާޓީއިން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ފާސްކޮށްފައިވާ "އެންޓި-ޑިފެކްޝަން" މަޖިލީހުން ފާސްކޮށްފައިވަނީ މެންބަރުންގެ ބޮލުގައި "ބަޑި ޖައްސައިގެން" ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް ވިދާޅުވެއްޖެއެވެ.

އެ ޤާނޫނު އުވާލުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ 3 ވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހް ވިދާޅުވީ، މިއަދު މިކުރާ ބަހުސަކީ ދިވެހިރާއްޖޭގެ ޕާލިމަންޓުގައި މިހާތަނަށް ހާވާފައިވާ އެންމެ ބޮޑު ހަޑިއާ ބެހޭގޮތުން ކުރައްވާ ބަހުސެއް ކަމަށެވެ.

"މިއަދު މިކުރާ ބަހުސަކީ ދިވެހިރާއްޖޭގެ ޕާލިމަންޓުގައި މިހާތަނަށް ހާވާފައިވާ އެންމެ ބޮޑު ހަޑިއާ ބެހޭގޮތުން ވާހަކަ ދައްކަން މިޖެހެނީ. އެއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާ ޚިލާފަށް ކަނޑައެޅިގެން ފަރުމާކޮށް މިތަނުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެންބަރުން ބޮލުގައި ބަޑި ޖައްސައިގެން ފާސްކޮށްފައިވާ ޤާނޫނެއް އެންޓި-ޑިފެކްޝަން ޤާނޫނަކީ." ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ އެހެންކަމުން އެ ޤާނޫނަކީ އުފެދުމުގައިވެސް ބާތިލް ޤާނޫނެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށާއި، މަޖިލީހުގެ ތެރެއިން މިއަދު އިވޭ އަޑުތަކަށް ބަލާލީމަވެސް އޭނަގެ ވާހަކައިގެ ހަޤީގަތް ސާފުވެލައްވާނެ ކަމަށެވެ.

"މެންބަރުން ފުރަތަމަ ކަމަކަށް ތަޅުލައިގެން ބަންދުކޮށްގެން ކޮށްޓެއްގެ ތެރޭގައި ގެންގުޅުމުގެ ވިސްނުން ގެންގުޅުމަކީ އަޅުގަނޑުމެންގެ މިނިވަންކަމުގެ ރަމްޒުގެ ގޮތުގައި މިބަލާ ދިވެހިރާއްޖޭގެ ފެހި ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް މި ހޯދައިދިން މިނިވަންކަން ގެއްލުވާލާ ކަމެއް." ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، ރައްޔިތުންގެ ވިސްނުން ހިމާޔަތް ކުރަންޖެހޭކަމާއި، އިޖުތިމާއީ ވިސްނުން ރައްކާތެރި ކޮށްދޭންޖެހޭ ހަމަތަކެއް ކަނޑައަޅަން ޖެހޭކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ހަމަތަކާ ތަރުތީބުތައް ކަނޑައެޅެއް ޖެހޭނީ ރައްޔިތުންގެ މަންދޫބުން އަޅުވެތި ކޮށްގެނެއް ނޫންކަމަށެވެ. އަދި މަޖިލީހުގެ އިމްތިޔާޒުގެ ކޮމެޓީން އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރިކަމަށްވެސް ޝާހް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން 12 މެންބަރުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެތައް މެންބަރުންތަކެއް ކުޑަ ގޮޅީގައި ބަންދުކޮށްފައިވާއިރު ކޮބައިތޯ މި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ކޮމެޓީ؟ ކޮބައިތޯ މެންބަރުންގެ ހައްޤުތައް؟ މިވާހަކަ ދައްކާނެ ބަޔަކު މިތަނުގެ ނެތީ އެ މެންބަރުންގެ އިހުސާސަތައް ނެތީމައެއް ނޫނޭ އިނގޭތޯ! މެންބަރުން އަޅުވެތި ކޮށްފައި ތިބީމަ، މެންބަރުން ބޮލުގައި ބަޑި ޖައްސާފައި ތިބީމަ." ޝާހް ވިދާޅުވިއެވެ.

އިތުރަށް ޝާހް ވިދާޅުވީ، އެފަދަ ދަނޑިވަޅެއްގައި "ޢެންޓި-ޑިފެކްޝަން ޤާނޫނު" ވުޖޫދު ކޮށްފައިވަނީ މަޖިލީހުގެ ތެރެއިން "ބަޣާވާތެއް" ގެނެސްގެން ކަމަށެވެ.

"މިފަދަ ދުވަސްތަކެއް މަޖިލީހުގެ ތެރެއިން ވޭތުވެގެންދިޔަ ދުވަސްވަރެއްގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ޤާނޫނެއް ވުޖޫދުވި މަންޒަރު. އެޤާނޫނަށް މިކިޔަނީ އެންޓި-ޑިފެކްޝަންސް ޤާނޫނު. އެ ޤާނޫނު ވުޖޫދުކުރީ ކިހިނެތްތޯ؟ މަޖިލީހުގެ ތެރެއިން ބޮޑު ބަޣާވާތެއް ގެނެސްގެން އެ ޤާނޫނު ވުޖޫދުކުރީ. ބޮޑު ބަޣާވާތެއް ގެނެސްގެން." ޝާހް ވިދާޅުވިއެވެ.

ޝާހް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތުގައި ހުންނަވާ ބޭފުޅަކު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތައް މުގުރާލާ ކުދި ކުދިކޮށް ކޮށާލާއިރުގައި އެ ޤާނޫނު އަސާސީ ހިމާޔަތް ކުރުމަށްޓަކައި އެބޭފުޅެއްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރުމަކީ މެންބަރުންނަށް ލިބިގެންވާ ހައްޤެއް ކަމަށެވެ. އަދި އެފަދަ މުހިންމު ނިންމުންތައް ނިނަމަވަނީ ދާއިރާގެ ރައްޔިތުންގެ ވިންދާއި އެއްގޮތަށް ދާއިރާގެ ރައްޔިތުންނާ މަޝްވަރާ ކޮށްގެން ކަމަށެވެ.

މިބާވަތުގެ ޤާނޫނެއް ވުޖޫދުކުރާކަމަށް ވަންޏާ ތަންކޮޅެއް ފުންކޮށް ވިސްނާލާފަ، ރަނގަޅަށް މިކަންކަން ކުރަންޖެހޭ ކަމަށާއި، ޤާނޫނު ހަދަންޖެހެނީ ވަކި ބަޔަކު ކަތިލަން ނޫން ކަމަށް ޝާހް ވިދާޅުވިއެވެ. އަދި މިފަދަ ޤާނޫނެއް އޮންނަންޖެހޭނީ މާޒީއަށް ރުޖޫއަވާ ގޮތަކަށްވެސް ނޫން ކަމަށާއި، ޤާނޫނު ހަދަންޖެހޭނީ ޤާނޫނުގެ ބޭނުން ކުރެވޭގޮތަށް، ޤާނޫނުތައް ތަރުތީބު ކުރެވޭ އުޞޫލުތަކުގެ ތެރެއިން ކަމަށް ޝާހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙައްގުބަސް

    ކޮން ވާހަކައެއް ދައްކާކަށް!! ކޮރަޕްޝަންގެ ކަޅުފައިސާ އަދިވެސް ބަނޑު އެޅޭލެއް މަދީ!!

  2. ޟަލާ

    ޥިކިހުސްވެފައިހުރި ސޮރެއް

  3. ޢަހްމަދު

    ޢަޅެ ތި ގާނޫނާމެދު ރައްޔިތުންގެ ހިޔާލަކަށް ދޭބަލަ. ތީ އޮންނަން މަޖުބޫރު އެއްޗެއް. ޙަރާން ކެއުން ކައި ހޮވައިދިން މީހުންގެ އިހުސާސް ތަކާ ނުކުޅެވޭތީ ތި ބާތިލު ކުރަން ތިއުޅެނީ.
    ތި ބިލު ހުށަހެޅީ ރިޔާޒް އަކީ މެރީއަމް ކަންތަކުގަ އަދިވެސް ގޮތް ހުސްވެފަ ހުރި މީހެއް. ޢެހެންވީމަ ވައިގަދަ ކޮންމެކޮޅަކުން ފައިދާ ހޯދަން މަސައްކަތްކުަރަން ހުރަހަކަށްވީ ތިޔަ ގާނޫނު. ތި ގާނޫނާއި ދެކޮޅަށް އޭރުވެސް ވާހަކަ ދެއކި މީހުން އޯކޭ. ޢެކަމް ތި ފާސް ކުރަން މަޖުބޫރުވި ސަބަބެއް ނުބުނެވޭނެ. ލާރި ގަނދެއް ނޫނީ ގޯއްޗެއް އޮތީތަ.
    މުޅި ގައުމުގެ ހަލާކު ތިޔަ މަޖްލިސް ތީ. ޔާމީނު ވިޔަސް ރަނގަޅުކަމެއް ވިއްޔާ ވާނީ ރަނގަޅު ހަމަ.
    ޓި ގާނޫނު ، އަބުރުގެ ގާނޫނު ހަމަ މަރެއް އެއީ.