12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ކަނޑައެޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް އެ މެންބަރުން ސޮއިކޮށް ހުށަހެޅުއްވި މައްސަލަ ތާވަލުކޮށް، އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅުމުން އެ މެންބަރުން ސޮއިކޮށް ހުށަހެޅުއްވި މައްސަލަ ސައްހަވާނެ ކަމަށެވެ.

އަލީ ހުސެއިން މިހެން ވިދާޅުވިއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 51 މެންބަރުންގެ ސޮއި އާއެކު މަޖިލީހަށް ވައްދާފައިވެއެވެ. އަދި މަސީހު އިސްތިއުފާ ދެއްވާފައިވާކަމުގެ އަޑުތައްވެސް މީގެ ކުރިން ފެތުރިފައިވެއެވެ.

މީގެ ކުރިންވެސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން މަޖިލީހަށް ވައްދާފައި ވެއެވެ. އެގޮތުން ފުރަތަމަ ހުށަހެޅި މައްސަލައިގައި މަސީހުގެ އިތުބާރު އޮތް ކަމަށް ފާސްވިއިރު، ދެވަނައަށް ހުށަހެޅި މައްސަލަ ހުށަހެޅިއިރު އެންޓި ޑިފެކްޝަން ބިލުގެ ދަށުން މައްސަލަ ހުށަހެޅުމަށް ސޮއި ދިން ބައެއް މެމްބަރުންގެ މަޖިލީސް ގޮނޑި ގެއްލުމުން އެ ހުށަހެޅުން ވަނީ ބާތިލުވެފައެވެ.

މަޖިލީހުގެ ރައީސް ކަމުން މަސީހް ވަކިވުމުން ދެން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުން އެންމެ ގާތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ބައެއް މެންބަރުން ވިދާޅުވެއެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ. އޭނާ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތީ 28 މެއި 2014 ގައި ބޭއްވުނު 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް އިންތިޚާބު ކުރުމަށް މެންބަރުންގެ މެދުގައި ނެގެނު ވޯޓުގައި 43 ވޯޓުގެ އަޣުލަބިއްޔަތެއް ލިބިވަޑައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެންދޫ ޒުވާނުންގެ ފަރާތުން

    އަހަރެމެން ދެނެއް ކެންދޫ ދާއިރާއަކައް އަލީ ހުސޭނޫ ނުހޮވާނަމޭ. ކެންދޫގަ އަލީ ހުސޭނު ނޫނިއްޔާ ޖޭޕީގެ އެކަކުވެސްނެތޭ. ޕީޕީއެެމްގެ ވޯޓުން ލިބުނު ގޮނޑިއެކޭތީ. ދާއިރާ ތަރައްގީކުރާން ބަޖެޓައް ވޯޓެއްވެސް ނުދެއޭ. މަޖީހައް ނުގޮސް މަހަކު 85000 ރ ކައިގެންނޭ ތިތިބެނީ. ޢަލްއުސްތާޒު އަލީ ހުސޭނު ބުނެބަލާށޭ އެއީ ހަލާލު ގޮތުގަ ހޯދި ފައިސާތޯ. ޟަނިކުފާނު ތީ ގާޒީކަން ކިޔަވައިގެން ޑަބަލްޑިގުރީ މަތިމައްޗައް ނަގައިގެން ހުންނެވި ބޭފުޅެކޭ. ޔަގީނޭ އެއީ ހަރާން ފައިސާއޭ އެއީ އެއްވެސް ޝައްކެތް އޮތްކަމެއްނޫނޭ ހަރާން ފައިސާއައް ވަނީ ވެރިމިހާގެ އެކަުންޓައް ނުހައްގުން ޖަމާވާ ފައިސާ އެކަންޏެއްނޫނޭ. މަޖުލީހައް ނުގޮސް ލާރި ނެގި އެންމެން ކަނީ ހަރާންލާރިއޭ