ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމެޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ އާއްމު ކޮމެޓީގެ މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 2017 ވަނަ އަހަރު 45 މެމްބަރުންގެ ސޮޔާއިއެކު ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެގޮތަށް ކުރިއަށް ގެންދިއުމަށެވެ.

ކޮމެޓީން ނިންމާފައިވަނީ މަސީހުއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތު ވެސް ނުދީ 2 ގަޑި އިރުގެ ބަހުސަކަށްފަހު ވޯޓަށް ދިއުމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން އާއްމު ކޮމެޓީން ނިންމި އިރު 51 މެމްބަރުންގެ ސޮޔާއި އެކު މިދިޔަ ހަފްތާގައި ވެސް ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާފައެވެ. އަދި އެ މައްސަލަ އަންނަ މަހުގެ އަށްވަނަ ދުވަހަށް ވަނީ ތާވަލުވެސް ކޮށްފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެން ފާސްކުރިއިރު، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވަނީ މިއަދު މަސީހު ބޭރު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބޭރު ނުކުރެވޭނަމަ މިއަދު މަސީހު އިސްތިއުފާ ދެއްވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"މިއަދަކީ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވެގެންދާނެ. އިރާދަކުރެއްވިއްޔާ މިއަދު އަނިޔާވެރި މަސީހް ބޭރުކުރާނަން ނޫނީ އޭނާ މިއަދު އިސްތިއުފާ ދޭނެ." މަޙްލޫފް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު މަގާމުން ދުރުކުރުމަށްފަހު، އެ މަގާމު ދިނުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައިވަނީ މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށެވެ. މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ އިދިކޮޅު މެމްބަރުންގެ އަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޔަސް

  އަނިޔާވެރިން އެހެން މީހުންނަށް އަނިޔާވެރިއޭ ތިގޮވަނީ ވަގުން ވަގާ ވަގާވެސް ގޮވާނި

 2. ޔަސް

  އަނިޔާވެރިން އެހެން މީހުންނަށް އަނިޔާވެރިއޭ ތިގޮވަނީ ވަގުން ވަގާ ވަގާވެސް ގޮވާނި. ތަސްމީނަށް ކިހާވަރެއް ކޮށްލި މީހެއްތަމި. ކެނެރީގޭ ނަސީދަށްވެސް ކޮށްލިވަރު ހަދާންނެތުނީތަ

 3. ބޮންޑޭ

  މަހުލޫފަކަށް މަސީހަކާ ނުކުޅެވޭނެ

 4. ޭކަސަބު

  މިއީ ޑިމޮކްރެސީގެ ނަމުގައި ހިންގާ ޖަރީމާތައް؛ މެންބަރުން ކޮންމެ ސަރުކާރެއް ހޮވޭއިރަށް އުދަބާންޏެއްދާހެން އެބަޔަކާ ދިމާއަށްދަނީ އާއިލާގެ މީހުންނަށް ސަރުކާރުގެ ތެތެއިން ފުރުސަތު ހޯދުމަށާއި މާއްދީބޮޑް ފައިދާތަކަށް. ރައްޔިތުން އެބަޖެހޭ މެންބަރުން ހަމަމަގަށް އަޅުވަން. ޤާނޫނު ހަދާ މަޖުލިސްގެ މެންބަރުންގެ ދައުރަކީ ސިޔާސީ މަސައްކަތްކުރުމެއްނޫން. އެކަންކުރާނީ ސިޔާސީ ޕާޓީތަކުން.

 5. މަރިޔަމް މޫސާ

  ރޔ ދުރުކޮށްފަ އިބޫ. މަސިހު ދުރުކޮށްފަ ގާސިމް. ޑރ. އަހުމަދު ޢަބްދުﷲ ދީދީ ދުރުކޮށްފަ މާރިޔާ. އަޙުމަދު ސައީދު ވަކިކޮށްފަ ޖާބިރު............ އިންސާފުގެ ދަތުރާއި ހެޔޮ ވެރިކަން މިއޮތީވާ އައިސްފަ. ގައްޑާ!