ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ އަށް ތާވަލުކޮށްފިއެވެ.

މާދަމާ ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މަސީހުގެ އިތުބާރު ނެތްކަމަށް ބުނެ މިދިޔަ އަހަރު 45 މެމްބަރުންގެ ސޮޔާއިއެކު ހުށަހެޅި މައްސަލައެވެ. އެ މައްސަލަ ކުރިއަށް ގެންދަން މަޖިލީހުގެ އާއްމު ކޮމެޓީން މިއަދު ވަނީ ފާސްކޮށްފައެވެ.

އާއްމު ކޮމެޓީން ނިންމާފައިވަނީ މަސީހުއަށް ޖަވާބުދާރީ ވުމަށް 30 މިނެޓް، އަދި 2 ގަޑި އިރުގެ ބަހުސަކަށްފަހު ވޯޓަށް ދިއުމަށެވެ.

މިދިޔަ އަހަރު ހުށަހެޅި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަން އާއްމު ކޮމެޓީން ނިންމި އިރު 51 މެމްބަރުންގެ ސޮޔާއި އެކު މިދިޔަ ހަފްތާގައި ވެސް ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދާފައެވެ. އަދި އެ މައްސަލަ އަންނަ މަހުގެ އަށްވަނަ ދުވަހަށް ވަނީ ތާވަލުވެސް ކޮށްފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ އަށް ތާވަލުކޮށްފައިވާއިރު އިއްޔެގެ އިރުއޮއްސުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ބުނެ މަސީހު އިތުރުފުޅު ހެއްދެވި ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ހުންނަވާ ވަނީ ވިދާޅުވެފައެވެ.

"އިއްޔެގަ (މަސީހު) އަޅުގަނޑު ކައިރީ ވިދާޅުވި ތިމަންނަ މިރޭ ހައެއް ޖެހުމުގެ އިސްތިއުފާ ދެއްވާނަމޭ، މާދަމާ އެ ޖަލްސާ ބާއްވާށޭ ވިދާޅުވެފައި އަޅުގަނޑަށް އިތުރުފުޅު ހައްދަވާފައި މިގޮތަށް ކަންތައްތައް ކުރައްވާފައި ވާތީ ތިބޭފުޅުންނަށް ދަންނަވާލީ." މޫސާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު މަގާމުން ދުރުކުރުމަށްފަހު، އެ މަގާމު ދިނުމަށް އިދިކޮޅު ފަރާތްތަކުން ނިންމާފައިވަނީ މާމިގިނލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށެވެ. މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ އިދިކޮޅު މެމްބަރުންގެ އަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    އެއްވެސް ތަފާތު ކުރުމެއްނެތި، ހުރިހާ ނަޒަރިއްޔާތު އެއްވަރުކޮށް، ހުށަހެޅޭ ޚިޔާލުތަކުގެ ތެރެއިން ފުރޭނިގެން ނެގޭ އެންމެ ތާޒާ، އަދި އެންމެ ތަނަވަސް ޚިޔާލަކަށް ތާއީދުކޮށް، ދީމިޤްރާޠީ ހަމަތަކާއެއްގޮތަށް ދައުލަތުގެ ކަންކަން ހިންގައި ބެލެހެއްޓެވުމުގެ ނިޔަތުގައި މަސައްކަތް ކުރަން ބޭނުންފުޅުވާނަމަ، މަޖިލީހުގެ މެޖޯރިޓީއަށް އިންތިޒާރު ކޮށްކޮށް ނުތިބޭނެއެވެ. ޔަޢުނީ، އޭރުން އެންޓި-ޑިފެކްޝަންގެ ޤާނޫނެއް އޮންނާކަށް ނުޖެހޭނެއެވެ. އެބަހީ، ގޮނޑި ވިއްކުމުގެ މާރކެޓް އުވޭނެއެވެ.

  2. ސިޔާސީ

    ގާސިމަށް މަޖްލީހުގެ ރައީސްކަން ދޭންތާއީދެއް
    ތާއީދެއް ނުކުރަން ގާސިމަށް އެމަގާމު ހައްގެއްނޫން ގާބިލް މީހެއްވެސް ނޫން

  3. ނަގޫރޯޅި

    ކަމެއްނުކޮއް މުސާރަ ނަގައިގެނަ ތިބި އިއްޒައްތެރިންކޮޅު މަޖްލީސް އިންތިހާބު ކައިރިވީމާ ހާދަ ރާގުބަދަލުވެއްޖެޔޭ. އެހެންތާވާނީ ގިނައީ ގުނބޯހެއްދޭ ރައްޔިތުންވިއްޔަ