ރައްޔިތުން މަޖިލީހަށް ހޮވިވަޑައިގަންނަވާ އިރު މެންބަރުން ތިބި ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ނިސްބަތްވާ ޕާޓީ އިން ވަކިކޮށްފިނަމަ ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިކުރެވޭ ގޮތައް އޮތް އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ހުށަހެޅި ބިލު މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.

ޕީޕީއެމްގެ މެންބަރުންތަކެއް ޕާޓީ ދޫކޮށްލުމުން އެމެންބަރުންގެ މެންބަރުކަމާއި މެދު ސުވާލު އުފެއްދުމުގެ ބޭނުމުގައި ޕީޕީއެމް އިން ފާސްކުރި އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުއެވެ.

މިބިލު މަޖިލީހަށް ބަލައިގެންފައިވަނީ 34 މެމްބަރުންގެ ވޯޓާއެކުއެވެ. މަޖިލީހަށް މި ބިލު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ނިންމާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ކަޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިނާއި، ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޢަބުދުލް ޣަފޫރު މޫސާ އާއި، ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު ޢަލީ މައުރޫފްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން މަޖިލިސް މެންބަރުން ގަނެ ވިއްކުމުގެ ވިޔަފާރި ހުއްޓުމަކަށް އައިސްފައި ވީނަމަވެސް އެޤާނޫނު އުވާލުމާއި އެކު އަނެއްކާވެސް ޕާޓީ ބަދަލު ކުރުމަށް މަޖިލިސް މެންބަރުންނަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އެހެންކަމުން އެޤާނޫނު އުވާލުމަކީ މަޖިލިސް މެންބަރުންނަށް ނާޖާއިޒް ފައިދާތަކެއް ނަގަން ލިބޭ އިތުރު ފުރުސަތަކަށް ވެގެން ދާނެއެވެ.