ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަވަހާރަ ކޮށްލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާވައިގެން ރާއްޖެ ގެނައި ކަމަށް ތުހުމަތު ކުރާ، ސްރީލަންކާގެ "ސްނައިޕަރު"، ލަހިރު މަދުޝަންކަ ދީން ބަދަލު ނުކޮށްގެން ދިވެހި ފުލުހުން، އޭނާއަށް އަނިޔާކޮށް އަދަބު ދީފައިވާ ކަމަށް، އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގެ ނަމުގައި އުފައްދާފައިވާ ބައިނަލްއަޤުވާމި ޖަމްޢިއްޔާ، އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ތުހުމަތުކުރާ ގޮތުގައި، މަދުޝަންކައަށް ދިވެހި ފުލުހުން ޙަމަލާދީ އަނިޔާކުރަމުން ދަނީ، އޭނާ ޤަބޫލުކުރާ ބުދުދީން ދޫކޮށް އިސްލާމްދީނަށް އުޅެން ދިވެހި ފުލުހުން އެންގުމުން އެކަމަށް ނުކިޔަމަންތެރިވުމުންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން މިކަމާއި ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި، މަދުޝަންކައާއި މެދު، ދިވެހި ފުލުހުން ވަނީ އިންސާނިއްޔަތާއި ޚިލާފު އެތައް ޢަމަލުތައް ހިންގާފައެވެ. އެގޮތުން އޭނާގެ ގައިގައި ތަޅައި އަނިޔާކުރުމުގެ ސަބަބުން، އޭނާގެ އެއް ކަންފަތުން އަޑުނީވޭފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައި ވެއެވެ.

"އޭނާ ހައްޔަރުކުރެވުނު ވަގުތުން ފެށިގެން އޭނާއާއި މެދު އިންސާނިއްޔަތާއި ޚިލާފު ސީރިއަސް ޢަމަލުތައް ހިންގަމުންދާކަމަށް އާއިލާ އާއި ލޯޔަރުންވެސް ބުނަމުން ދިޔަ. މިކަންކަން މިނިވަންކަމާއި އެކު ތަހުޤީޤު ކުރަން ޖެހޭ،" އެމްނެސްޓީގެ ބަޔާނުގައި ވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފައިވާގޮތުގައި، މަދުޝަންކައަށް އަދަބު ދިނުމުގެ ގޮތުން އޭނާ އެކަހެރިކޮށް ވަކިން ގޮޅިއެއްގައި ބާއްވާފައިވާ ކަމަށެވެ. އަދި އޭނާގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދީ ރަހުމުކުޑަ ޢަމަލުތައް އޭނާ އާއި މެދު ދިވެހި ފުލުހުންނާއި ކަމާއި ބެހޭ އިދާރާތައް ގުޅިގެން ހިންގަމުންދާ ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ނެރުނު ބަޔާނުގައި ވަނީ، "މަދުޝަންކައަށް ދިވެހި ފުލުހުން އަނިޔާކުރަމުންދާ ދިއުން ހުއްޓާލުމަށް" ގޮވާލާ އެކަން ހަރުއަޑުން ކުށްވެރިކޮށްފައެވެ. އަދި އޭނާއަށް އިންސާނީ ހައްޤުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަންކަން ކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

މަދުޝަންކައާއި މެދު އަމަލުކުރަމުންދާ ގޮތާއި މެދު މީގެ ކުރިންވެސް އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކުރިއެވެ. އެފަހަރު ނެރުނު ބަޔާނުގައި އެ ޖަމްޢިއްޔާއިން ބުނެފައި ވަނީ، މަދުޝަންކައަށް މާފުށީ ޖަލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. މަދުޝަންކަގެ ޝަރީއަތް ދިވެހިން ކުރިއަށްގެންދާއިރު މަދުޝަންއަކީ ދިވެހިން މުއާމަލާތުކުރަން އެނގޭ މީހެއް ނޫން ކަމަށާއި އެހެންކަމުން ދިވެހިން އޭނާގެ ޝަރީއަތް ކުރިއަށް ގެންގޮސްފިނަމަ އޭނާއަށް އިންސާފު ލިބޭނެ ކަމާމެދުވެސް އެމްނެސްޓީން ވަނީ ސުވާލު އުފައްދާފައެވެ.

ރައީސް އަވަހާރަ ކޮށްލަން ރޭވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަދީބާއި މަދުޝަންކާގެ އިތުރުން ދައުވާ ކޮށްފައިވަނީ މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށެވެ. މައްސަލައިގައި ބޭއްވި އަޑުއެހުންތައް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ.

މަދުޝަންކަގެ ހާލަތާއި މެދު ކަންބޮޑުވާކަން ފާޅުކޮށް އެމްނެސްޓީން ބަޔާނެއް ނެރެފައި މިވަނީ، އޭނާ މިނިވަންކުރުމާއި ގުޅޭގޮތުން އިންތިޚާބީ ރައީސް، އިބްރާހީމް މުޙައްމަދު ސޯލިހު (އިބޫ) ލަންކާގެ ކެބިނެޓް މިނިސްޓަރަކާއި އެކު ދާދިފަހުން މަޝްވަރާކޮށްފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއަކީ އިންސާނީ ހައްޤުތަކާއި ޚިލާފުކަމަށް ބުނެ އިސްލާމީ ޤައުމުތަކުގައި މަރުގެ ޙުކުމް ތަންފީޒުކުރުމާއި ދެކޮޅަށްވެސް އަޑު އުފުލާ ޖަމްޢިއްޔާއެކެވެ. އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެ ޖަމްޢިއްޔާއިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިބޫގެ ސަރުކާރުން ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކޮށްގެން ނުވާނެ ކަމަށާއި، މަރުގެ ޙުކުމް ތަންފީޒު ކުރެވޭނެ ގޮތައް ހުރި ޤާނޫނުތައް ބަދަލު ކުރަން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މިރާހް

    ކަޑައެޅިގެން ދޮގެއް.. ބޮޑު ދޮގެއްތީ.. ދީނާ ގުޅުވުމުގެ މާނައެއްނެތް.. ދީނޭ ނުކިޔާ ކަލޭމެން އިސްލާމްދީން ދެކެ ކިތަންމެ ރުލިއެއް އަޔަސް ދީނޭ ކިޔައިގެން ދިވެހި ފުލުހުން ނުތަޅާނެ.. އެހެނެއްނޫން ކުށަށް އިއުތިރާފް ނުވުމުން ތަޅާފާނެ.. އެކުދިންވެސް ނުލާހިކު ތަޅާ ހިތްވާނެ.. ފުލުހަށް ވަންފަހުން ތަޅާލާނެ ކުއްޖެއް ނުލިބި ހުއްޓާ ތިކަހަލަ ޖާޏު ވަރުގަދަ ސޮރަކު ލިބުނީމަ އަތް މުނި ކަވާގަނެގެން ނުޖަހާނެއެކޭ ނޫން.. ޖެހިދާނެ.. އެކަމަކު ދީން ބަދަލް ކުރާށޭ އެވެރިން ނުބުނާނެ..

  2. ޙައްގު

    ތީ މުސްލިމުންގެ އަގު ވައްޓާލަން މަސައްކަތް ކުރާ ޖަމިއްޔާ އެއް. އިންސާނީ ހައްގުތައް ހިމާޔަތްކުރާ ޖމިއްޔާ އަކުން އިންސާނުން މަރަން ސްނަިޕަރު ހިފައިގެން އައި މިީހެއްގެ ހިމާޔަތުގަ ވާހަކަ ދެއްކުމަކީ ބޮޑު ޖޯކެއްނު. ޢެމްނެސްޓީ އަށް ވަރަށް ސަލާމް. ދެއުޅި އެއްނުވާ ވާހަކަ ނުދައްކާ މަޑުން ތިބިއްޔާ މާތާހިރު ވާނެ.

  3. ކިޔަވާ

    މިއީ ތެދެއް ކަމުގައި ވަނީ ނަމަ މިއީ ވަރަށް ދެރަ ކަމެއް. އަދި ކަންތައް ތިކުރީ ގޯސްކޮށް. މަޖުބޫރު ކޮއްގެން އިސްލާމްދީނަށް ވެއްދުމެއް ދީނަކު ނޯވެ. ތިއެރުވުނީ ދީނަށް ވެސް ހުތުރު.

  4. މުހަންމަދު

    ސުބްހާނައްލާހް! ..... މި ޔަހޫދީން މިއުޅެނީ މިހާރު ދިވެހިންނަށް ލަންކާގެ ބުޑިސްޓުން ލައްވާ ލަންކާގަ އުޅޭދިވެހިން ނައް އަނިޔާކުރުވާނެ މަގެއްހޯދަން .....

  5. Anonymous

    ބަޔަކު ކޮންމެގޮތެއް ހަދާއިގެންވެސް އޭނަ އިސްލާމް ވެއްޖެއްޔާ އޭނައަށް ދެދުނިޔޭގެ ރަޙުމަތް ލިބޭނީނޫން،؟؟ބަޔަކު އަޑީގަތިބެގެން ނުބައިހައްދާން ދައްކާފަހުރި ވާހަކަތަކައް، އެއީ އޭނަ ބުނި ވާހަކަތަކަކަށްވެސް ނުވާނެ، ހަމަ ވަކިބައެއްގެބޮލުގަ އެޅުވޭތޯ ހިންގާ ޖަރީމާއެއް

  6. ސަޓޯ ތުރާކުނު

    އޭނާ ހައްޔަރު ކުރުމުގެ ކުރިންވެސް އެއް ކަންފަތައް އަޑުނީވޭ ކަމެއް ކިހިނެއް އެނގެނީ

  7. ހުސޭނުބޭ

    މި ފަސްގަނޑުގައި އެހެނިހެން ދީންތައް ފެތުރުމަށް އިންސާނިއްޔަތޭ ކިޔައިގެން އުޅޭ ޔަހޫދީ ޖަމާޢަތްތަކުން ދައްކާ ދޮގު ވާހަކަ! ކްރިސްޓިއަން މިޝަނަރީތަކުންވެސް އޮތީ ބުނެފައި އިބޫގެ ވެރިކަމެއްގައި އެހެން ދީންތައް ފަތުރަން ފަސޭހަވާނެޔޭ! އަދި މިއުޅެނީ ހުވާނުކޮށް! މުސީބާތްތައް މިހެރެ އަންނަނީ! މިއުޅޭ ސައިޚް އިލްޔާސަށް އެ މިޝަނަރީތަކުން ޑޮލަރު ދީފައި ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް! އެއީ އެމީހުންގެ ބުރުސޫރަ ރީތިކުރުމަށް ދަރުހޭ ކިޔައިގެން މަގުފުރައްދާދޭތީ!

    1
    1
  8. މޮހޮދޭ

    މިކަންވަނީ ސާދަސަތޭކަ އަހަރުކުރިން އަހަރުމެންނަށް އަމަލުކުރަން އަންގަވާފަ.

  9. މުނާ

    ދީނީ މިނިވަންކަން ގެންނަން ހާދާ ދޮގެއް މިއީ

  10. ހަހާ

    ދިވެހި ފުލުހުން އެއުޅެނީ ކުރާނެ ކަމެއްނެތިގެންތަ

    2
    1
  11. ހެހެ

    އެމްނެސްޓީ ގަ އުޅެނީ ބޯހަމަޖެހެ ބައެއްތަ؟

  12. Anonymous

    ލަންކާ ގެ ބުޑިސްޓުން މުސްލިމުންނަށް ކުރާ އަނިޔާ ފޮރުވަން ދައްކާ ދޮގު ވާހަކަ

  13. ސުރައްޔާ

    ކޮބާސުޕްރީމްކޯޓް އެވެރިން ނަށްޗިޕެއްޖަހާލަނިކޮށް ހަމަޖެހޭނެ

  14. ބުލް

    އެމްނެސްޓީތީ ހަމައިގަ ތިބޭ ބައެއް ނޫން

  15. ޢައިންތު

    ކޮބާސުޕްރީމްކޯޓް އެވެރިން ނަށްޗިޕެއްޖަހާލަނިކޮށް މިބޭބެ ރަށާހިސާބައް ފޮނުވާންހަމަޖައްސާދޭނެ

  16. ކަޑަމޭން

    ތީ ހުސް ދޮގު.. ވެރިކަން ބަދަލު ވީމަ ފުލުހުން ޖައްބާރުވީބަރ؟؟؟؟ އޭގެ ކުރިން އެއީ ހުދު ފޮތިކޮޅެއް ވަގުތުއަށް...ހީހީ

  17. މުޙައްމަދު

    ތިއީ ދިވެހި ފުލުހުންގެ އަގުވައްޓާލަން ރާވައިގެން ހަދަ ބުހުތާން ދޮގެއް، ތިވާހަކަ ޤަބޫލެއް ނުކުރާނަން

  18. ބަމަރސް

    އެމްނެސްޓީ އަކީ އަންނި ގްރޫޕް އެމީހުން ކަންބޮޑެއް ނުވޭ އޭނަގައިގަ ތަޅައިގެން އޭނާ މުސްލިމަކަށް ވެދާނެތީ ކަންބޮޑުވީ

    1
    1