މާލީ ބަޔާން އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށް ޤާނޫނު އަސާސީގައި ނުވަތަ ޤާނޫނުގައި ކަނޑައަޅާފައި އޮންނަ ވަގުތު ނުވަތަ ނުއްދަތަށް ބަދަލު ގެނެސް އެމުއްދަތު ކުރުމަށް ނުވަތަ ދިގު ކޮށްދިނުމަކީ އޮޑިޓަރ ޖެނެރަލަށް ލިބިފައިވާ ބާރަކަށްނުވާތީ މާލީ ބަޔާން ހުށަހެޅުމަށް އޮންނަ މުއްދަތައް ބަދަލެއް ގެނައުމަށް އެއްވެސް ފަރާތަކަށް އޮޑިޓަރ ޖެނެރަލް ފުރުސަތު ދީފައިނުވާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިހެން ވިދާޅުވީ ރިޔާސީ ފަހު އަހަރު ހިމަނައިގެން ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅަން އޮޑިޓަރ ޖެނެރަލް ރައީސް ޔާމީނަށް ފުރުސަތު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެފައި ވަނިކޮށް މިރޭ ނެރުއްވި ބަޔާނެއްގައެވެ.

އެބަޔާނުގައި ވިދާޅުވީ "މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ މުއްދަތުގައި މާލީ ބަޔާން ހުށަނާޅުވާ ފަރާތްތަކަށް އެފަރާތެއްގެ މަގާމުގެ ދައުރު ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވަން ދަންނަވާ ދެންނެވުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފާއިތުވުމަށް ފަހު ވެސް މާލީ ބަޔާން ހުށަހެޅުއްވުމަކީ މަގާމުގައި ހުންނަވައިގެން ކުރައްވައި ނިންމެވުން ޤާނޫނީ ގޮތުން މުހިންމު ކަމެއް ކަމަށް ވާތީ އެކަން އެފަރާތްތަކުގެ ސަމާލަކަމަށް ގެނައުމަށްޓަކައި ދެންނެވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަމަލު ކުރާ ގޮތެކެވެ."

އޮޑިޓަރ ޖެނެރަލް ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއަދު ވިދާޅުވުމުން އެކަމަށް ވެސް އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޔާނުގައި ވަނީ ރައްދު ދެއްވާފައެވެ.

ބަޔާނުގައި ވިދާޅުވީ އޮޑިޓަރ ޖެނެރަލް މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ ބޭފުޅުންނާ މުއާމަލާތް ކުރަމުން ދަނީ އެބޭފުޅު ނިސްބަތްވާ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ނޫން ކަމަށެވެ. އަދި އެ މުއާމަލާތްތައް ހިންގަވަނީ ސީދާ އެ މާލީ ބަޔާން ހުށަހަޅުއްވާ ބޭފުޅަކާ އެކުގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އޮޑިޓަ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަމުންދާ ގޮތާ ބެހޭ ގޮތުން ގާނޫނީ ބާރު ލިބިގެންވާ ތަހުގީގީ އިދާރާއެއް ފިޔަވައި އެހެން އެއްވެސް މީހަކާއެކު އޮޑިޓަ ޖެނެރަލްގެ އޮފީހުން މައުލޫމާތުތައް ހިއްސާކޮށްފައި ނުވާނެ،" އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ގާނޫނުއަސާސީގައި އާއި ގާނުނުގައި ކަނޑައަޅާފައިވާ ގޮތަށް އެބޭފުޅެއްގެ މިލްކިއްޔާތުގެ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ މާލީ ބަޔާނެއް ކޮންމެ އަހަރަކު އޮޑިޓަ ޖެނެރަލަށް ހުށަހަޅަން ޖެހެ ކަމަށާއި އެބަޔާން ހޯއްދެވުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކެނޑިނޭޅި މަސައްކަތް ކުރައްވާ ކަމަށް ބަޔާނުގައި ވެއެވެ.

ރައީސް ޔާމީންގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ލަފާދީފައެވެ.

ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައީސްގެ މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވާފައި ނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ފަރާތަށް ދިން ޖަވާބުގައި އޭސީސީ އިން ވިދާޅުވީ ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅާފައި ނެތް ކަމަށާއި ނަމަވެސް އެމައްސަލަ އޭސީސީ އަށް ބެލެން ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުން، ފަނޑިޔާރުން، ރައްޔިތުން މަޖިލީހުގެ މެންބަރުން އަދި މިނިވަން މުއައްސަސާތަކުގެ މެންބަރުން ކޮންމެ އަހަރެއް ނިމުމުން މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަން ޖެހެއެވެ. ނަމަވެސް އޭގެތެރެއިން ގިނަ ބޭފުޅުން މާލީ ބަޔާން ހުށަހަޅުއްވަމުންނެއް ނުގެންދަވައެވެ. މާލީ ބަޔާން ހުށަހަޅަން ޤާނޫނު އަސާސީ އިން މަޖުބޫރު ކުރި ނަމަވެސް މާލީ ބަޔާން ހުށަނާޅާ ފަރާތްތަކަށް އަދަބެއް ކަނޑައަޅާފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހަންމާ

    މިސަރުކާރުގަ އެކަނި ކުރަންޖެހޭކަމެއްބާ

  2. ފްރީޑަމް މޫވްމެންޓް

    އަދަބު ކަނޑަނޭޅީ މާލީ ބަޔާން ހުށައަޅަން ބޭޏުން ނުވާ ބަޔަކު ތިބެގެން ގާނޫނު އަސާސީ ލިޔުނީމަ، އެމީހުންނަކީ އަމިއްލަ އެދުމުން ފުރިފައި ތިބި ކަރަޕްޓް ބައެއް، އަދި މިހާރުވެސް ރައްޔިތުން މަޖިލިސް ގެ %95 މެމްބަރުންނަކީ ކަރަޕަޓް ވެފައި ތިބި މެމްބަރުން، ބިލަކަށް ވޯޓް ދޭނަމަ އެބިލަށް ވޯޓް ދިނުމުން މެމްބަރުގެ ޖީބަށް ލެވޭނީ ކިހާވަރެއްތޯ ބަލާފައި ވޯޓް ދެނީ. ރާއްޖޭގައި ފަނޑިޔާރުން، މިނިސްޓަރުން، މިނިވަން މުވައްސަސާ ތަކުގެ މެމްބަރުންނާ އިސްވެރިން އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ކަމެއް ކުރުމުގެ ކުރިން ބަލަމުން ދަނީ ތިމާގެ އެކައުންޓަށް ޖަމާ ކުރެވޭނީ ކިހާވަރެއްތޯ ތިމާގެ ލިބޭނީ ކިހާވަރެއްގެ މަންފާއެއްތޯ

  3. ރައްޔިތުން

    ތިޔަ ބަޔާން ނުހުށަޅާ ކަމެއް ނޭގޭ. ތިޔަ ކަން ނުކޮށްގެން އޮޑިޓަރ ޖެެނެރަލް އެއްކެމްވެސް ނުކުރޭ ވީމާ އޮޑިޓަރ ޖެނެރަލް އޭނާގެ މަސްޢޫލިއްޔަތު އަދާކުރެއްވިންތޯ ތިކަމުގައި.