ފުވައްމުލަކުގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ 18 އަހަރުގެ ޒުވާނަކު ޒަހަމްކޮށްލި މައްސަލައިގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ 20:50 ހާއިރު ފުވައްމުލަކު ގެއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

"މިމައްސަލައިގައި 15 އަހަރުގެ ކުއްޖަކު މިހާރު ވަނީ ހައްޔަރު ކުރެވިފައި. މައްސަލަ ދަނީ ތަޙްޤީޤު ކުރަމުން." ފުލުހުން ވިދާޅުވިއެވެ.

ފުވައްމުލަކުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ޒަހަމްވި ޒުވާނާގެ ކަރަށާއި، ބޮލަށާއި، ބަނޑަށާއި މެއަށް ވަނީ ވަޅިން ހަމަލާ ދީފައެވެ. ނަމަވެސް ރަސްމީ ފަރާތަކުން މިކަން އަދި ކަށަވަރު ކޮށެއް ނުދެއެވެެ.

ވަޅި ހެރުމުން ޒަހަމްވެފައި ވަނީ ފުވައްމުލަކު މާދަނޑު އަވަށަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާ އަށް ހަމަލާ ދިނީ ގޭތެރޭގައި އިންދާ ދެމީހުން ތޫނު އެއްޗެހި ހިފައިގެން ގެއަށް ވަދެ ކަމަށް މައުލޫމާތު ލިބެއެވެ. އެމީހުން ތިބީ މޫނު ނިވާކޮށްގެންނެވެ.