ސެޕްޓެމްބަރ މަހު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އިބުރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަޑައިގަތުމުގެ ފުރުސަތު ބޮޑުކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

މޯދީ ރާއްޖެ ވަޑައިގަތުމާއި ގުޅޭގޮތުން އިންޑިއާގެ ނޫހެއް ކަމަށްވާ ޓުޑޭ އިން ބުނީ މޯދީގެ ދަތުރުފުޅަށް އިންޑިއާ ސަރުކާރުން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އެ ރަސްމިއްޔާތުގެ ހަވާސާގައި މޯދީ އާއި އިބޫގެ ބައްދަލުވުމެއް އޮންނާނެ ކަމަށް ވެސް ނޫސްތައް ބުނެއެވެ.

މިކަމާއި ގުޅޭ ގޮތުން އިބޫގެ ތަރުޖަމާނު މާރިއާ އަހުމަދު ދީދީ ވިދާޅުވީ އިބޫ ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ވަޑައިގަތުމަށް ފޮނުއްވި ދައުވަތު ޑިޕްލޮމެޓިކް ޗެނަލްތަކުން ޕްރޮސެސްވަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާނެ ކަމުގެ ފެހި ސިގްނަލް އެގައުމުގެ ބައެއް މީޑިއާތަކުން ދީފައިވާއިރު އިންޑިއާގެ ބައެއް ނޫސްތަކުން މީގެކުރިން ބުނެފައިވާ ގޮތުގައި، ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމަށް އިސްކަން ނުދެއްވައެވެ. އަދި އެއީ އެ ރަސްމިއްޔާތުގައި އެހެން ލީޑަރުން ވެސް ބައިވެރިި ވަޑައިގަތުމާއި މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރަށް ވުމުން ދަތުރުގެ ހާއްސަކަން ގެއްލޭތީ ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު އަރުވާފައިވާއިރު އޮކްޓޯބަރުމަހުގެ 24 އިން 26 އިންޑިއާ އެކްސްޓާނަލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޑިނޭޝް ޕަޓްނައިކް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މޯދީގެ ދަތުރާ ބެހޭ ގޮތުން ވަނީ އިބޫގެ ޓްރާންސިޝަން ކޮމިޓީއާ އެކު މަޝްވަރާކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސީނު

    ކީއްކުރަން ގެންނަ މޯޑީ އެއްތަ؟ އޭނައަކީ ވަކި ކާކުތަ ގުޖުރާތު ފަނާކުރިމީހެއް އެއީ