މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައި ހިންގާ ކޯހެއްގައި ބައިވެރިވުމަށް ދިވެހިއަށް އިމާމަކު މިޞްރަށް ފުރައިފިއެވެ.

އެ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރި އިމާމުންނާއި މިއަދުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދު ވަނީ ބައްދަލުކުރައްވާފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާއި ގޮންޖެހުންތައް ޙައްލުކުރާނެ ގޮތްތައް މި ކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ އިމާމުންނާއި ވާއިޟުން ތަމްރީނުކުރުމަށް ދެ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ކޯހެކެވެ. އެ ކޯސް މިއަދު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ކޯހުގެ ތެރެއިން، މިސްކިތްތަކަށް ޒިޔާރަތްކޮށްގެން ޢަމަލީ އަދި ފަންނީ ތަޖުރިބާވެސް ލިބޭނެ ގޮތަށް ކިޔަވައިދެއެވެ.

އެ ކޯހަށް މީހުން ހޮވާފައިވަނީ ޢާއްމުކޮށް އިޢުލާންކުރުމަށްފަހު، ކޯހަށް ކުރިމަތިލި ފަރާތްތަކުގެ މެދުގައި އިންޓަރވިއު ކޮށްގެންނެވެ.