އިންސާފުގެ ވާހަކަ އާއި ހަމަހަމަކަމުގެ ވާހަކަ އަޅުގަނޑުގެ ކަންފަތައް ފުރަތަމަ އިވެން ފެށީ އީވާން ނަސީމްގެ މަރާއި، އަދި އެއަށް ފަހު ޖަލުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާ އަށް ފަހު އެވެ. 2003 ވަނަ އަހަރު އޭރު ވަރަށް ސިއްރުން ނެރެމުން ދިޔަ "ސަންދާނު" ނޫސް ކިޔުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އެނޫހުގައި ހުރީ ރައީސް މައުމޫންގެ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، ލާއިންސާނިއްޔަތު ކަމާއި، ތަފާތު ކުރުންތަކުގެ ވާހަކަ އެވެ.

ދެން އައީ އޮގަސްޓް 12،13 ގެ ހާދިސާއެވެ. އެހާދިސާ އަށް ފަހު ރައީސް މައުމޫންގެ ސިޔާސީ ފިކުރު ގަބޫލު ނުކުރާ ރައްޔިތުންގެ މައްޗަށް އެއްވެސް ޤާނޫނަކަށް ޤަވައިދަކަށް ބެލުމެއްނެތި ވަރުގަދަ ތަޙްޤީޤެއް ހިންގިއެވެ. އަނެއްކާވެސް ނާއިންސާނާއި، އަނިޔާގެ ވާހަކައެވެ. އޭރުވެސް ޝަރުޢީ ކޯޓުތައް ހުއްޓެވެ. އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ނަމަވެސް ސަރުކާރުން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ގޮތައް ކޯޓުތަކުން ކަންތައް ކޮށްފައި އޮތުމަކީ އިއްތިފާގެކެވެ.

2005 ވަނަ އަހަރު ބޭރުގެ ޕްރެޝަރަށް ކެތްނުކުރެވިގެން ރައީސް މައުމޫން ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދާ ހިންގުމުގެ ހުއްދަ ދެއްވިއެވެ. އެމްޑީޕީ އުފެދުނު ފަހުން ރައީސް މައުމޫންގެ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، ލާއިންސާނިއްޔަތު ކަމާއި، ތަފާތު ކުރުންތަކުގެ ވާހަކައިގެ އަޑު ވަރަށް ގަދަވެގެން ދިޔައެވެ. ނަތީޖާއަކަށް ވެންދިޔައީ 2008 ވަނަ އަހަރު ރައީސް މައުމޫންގެ ވެރިކަން ބަދަލު ވެގެން ދިއުމެވެ. ވެރިކަން ލިބިވަޑައިގެންނެވީ މުހައްމަދު ނަޝީދަށެވެ.

ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް ވެރިކަން ކުރެއްވުން ރައީސް ނަޝީދަށް ފަސޭހަފުޅެއް ނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތެއް ރައީސް ނަޝީދުގެ ސަރުކާރަކަށް ލިބިވަޑައެއް ނުގެންނެވިއެވެ. އެމްޑީޕީގެ ބަހުންނަމަ ޝަރުޢީ ދާއިރާ ވެސް އޮތީ އެމްޑީޕީ އާއި ދެކޮޅަށެވެ. އެމްޑީޕީ އަށް ފަހިވާގޮތައް އެންމެ ޙުކުމެއް ވެސް އަންނަ ކަމަކަށް ނުވިއެވެ. އިއްތިފާގަކުން ކަމަށް ވީނަމަވެސް މެޖިސްޓްރޭޓް ކޯޓްތަކުން، ކްރިމިނަލް ކޯޓުން، ހައިކޯޓުން އަދި ސުޕްރީމް ކޯޓުން ވެސް ޙުކުމްތައް އައީ ސަރުކާރުން ބޭނުންވި ގޮތަކަށް ނޫނެވެ. ވަރަށް ފާޅުގައި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކޮށްފައި ހުރި ކަންކަން ވެސް ރައީސް ނަޝީދު ހިތްރުހޭ ގޮތައް އަނބުރާލައްވައިގެން ކުރައްވަން އުޅުއްވުމުން ޝަރުޢީ ކޯޓުތަކަކަށް އެކަން އޯކޭ އެއް އޭރު ނުވިއެވެ.

ގޯހަކަށް ފަހު ގޯހެއް ހެއްދެވެމުން ގޮސް ރައީސް ނަޝީދުގެ ވެރިކަމުގެ އިމާރާތައް ބޮޑު ބިންހެލުމެއް އައިސް ވެރިކަން ބިމުން ލުހިގެން ވެއްޓެން މެދުވެރިވީ ވެސް ޝަރުޢީ ދާއިރާ އެވެ. ޑރ.މުހައްމަދު ޖަމީލް އަހްމަދާއި ސަންދާނު އަހައްމައިދީ އަދި އަބްދުﷲ ގާޒީ ހައްޔަރު ކުރަން ކޯޓު އަމުރުތައް ސަރުކާރުން ބޭނުންވި ގޮތައް ލިބުނު ނަމަ އެބޭފުޅުން ހައްޔަރު ކުރުމުގެ ކަންކަން ޤާނޫނީ އިމުގެ ތެރެއަށް ފެއްތުނީހެވެ. ނަމަވެސް ތަގުދީރު ކުރުހާފައި އޮތީ އެހެން މަންޒަރެކެވެ. އެދުވަހު ރައީސް ނަޝީދަށް "އިއްތިފާގު" އެހީއެއް ނުވިއެވެ. ނަތީޖާއަކަށްވީ އެމަނިކުފާނުގެ ވެރިކަން ވެއްޓުމެވެ.

2012 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރު ނިމުމާއި ގާތް ވަންދެން އެމްޑީޕީ އިން ތިބީ ވެރިކަން ހޯދަން ނިކުމެ މަގުމަތީގައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެރިކަން ހޯދުމާއި ދާދި ގާތައް ރައީސް ނަޝީދު ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް މިފަހަރު ވެސް "ޝަރުޢީ ނަސީބު" ހިފީ ރައީސް ނަޝީދާއި ދެކޮޅު މީހުންގެ އަތުގައެވެ. ޖުމްހޫރީ ޕާޓީ އިން ބޭނުންވި ގޮތައް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބާތިލް ކުރީއެވެ. ދެވަނަ ފަހަރަށް ވޯޓް ލައިގެން ލިބުނު ކާމިޔާބަށް ބަލާފައި ނިކަން އަވަހަށް ދެވަނަ ބުރެއް ބޭއްވިއްޖެނަމަ ރައީސް ނަޝީދު ވެރިކަން ހޯއްދަވާނެ ކަން ގާތްގަނޑަކަށް އެންމެނަށް ޔަގީންވިއެވެ. ނަމަވެސް ހުރިހާ ވެސް އެއްޗަކީ ނަސީބާއި އިއްތިފާގެވެ. އެހެންނޫންތޯއެވެ.

ގައުމުގެ ހުންގާނު އަނބުރަން ތިބި ބަޔަކު ބޭނުންވި ގޮތައް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓް ލުން ލަސް ކުރެވިގެން ދިޔައީއެވެ. ވޯޓްގެ ނަތީޖާއަށް ބަލާއިރު އިތުރު ވޯޓް ހޯދަން ޖެހޭ މީހުން ގަދައަޅައި ކުރި ގިނަ މަސައްކަތްތައް ކާމިޔާބުކޮށް އިންތިޚާބު މިހާރުގެ ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ވުމުގައި އެހީވީ ނަސީބާއި، އިއްތިފާގެވެ.

ރައީސް ޔާމިންގެ ވެރިކަން ފެށިގެން ދުވަސްކޮޅެއް ވަރަށް ހަމަހިމޭންކޮށް ދިޔަ ނަމަވެސް ސިޔާސީ މަސްރަހު ހަނލަބޮލިވާން ގިނަ ދުވަހެއް ނުނެގިއެވެ. ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އަކާއި ދެން ހިނގައި ދިޔަ ކަންކަން ނިމިގެން ދިޔައީ ރައީސް ޔާމީނާއި ސަރުކާރަށް ފަހިވާ ގޮތަށެވެ. އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ނަމަވެސް ސަރުކާރުން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ގޮތައް ޙުކުމް އައުމަކީ އިއްތިފާގެކެވެ. ކޯޓުތަކަށް އެދުވަހު އެއީ އިންސާފެވެ. ކޯޓުތަކަށް އެދުވަހު އެއީ ހަމަހަމަކަމެވެ.

ރައީސް ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ކުރިން އުފުއްލަވާފައި އޮތް ދައުވާ އަނބުރާ ގެންގޮސް، މާބޮޑު ޙުކުމެއް އަންނަ ޓެރަރިޒަމްގެ ދައުވާއެއް އުފުލި ޝަރީޢަތް ކުރެވި އެންމެ ފަހުން 13 އަހަރުގެ ޖަލު ޙުކުމެއް ވެސް އައީއެވެ. އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ނަމަވެސް ސަރުކާރުން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ގޮތައް ޙުކުމް އައުމަކީ އިއްތިފާގެކެވެ. ކޯޓުތަކަށް އެދުވަހު އެއީ އިންސާފެވެ. ކޯޓުތަކަށް އެދުވަހު އެއީ ހަމަހަމަކަމެވެ.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރު ކުރެވި ވަރަށް ދިގު މުއްދަތެއްގެ ޙުކުމެއް އައީ ހަމައެކަނި ދެއްކި ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ. އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ނަމަވެސް ސަރުކާރުން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ގޮތައް ޙުކުމް އައުމަކީ އިއްތިފާގެކެވެ. ކޯޓުތަކަށް އެދުވަހު އެއީ އިންސާފެވެ. ކޯޓުތަކަށް އެދުވަހު އެއީ ހަމަހަމަކަމެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމުގެ ކުށުގައި އޭރުގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރު ކުރުމާއި އެކު ހީވީ ތެއްފިނީގައި ހަންޑި ކުޑަ ފަޅައިގަތް ހެންނެވެ. އަދީބުގެ މައްސަލަތައް ފުލުފުލުން ފެންމަތިވިއެވެ. ގިނަ ކުށްތަކުގައި ދެއަތުގެ އިނގިލިން ނުގުނޭ ވަރުގެ ބޮޑެތި ޙުކުމްތަކެއް އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ނަމަވެސް ސަރުކާރުން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ގޮތައް އައުމަކީ އިއްތިފާގެކެވެ. ކޯޓުތަކަށް އެދުވަހު އެއީ އިންސާފެވެ. ކޯޓުތަކަށް އެދުވަހު އެއީ ހަމަހަމަކަމެވެ.

ސަރުކާރުގެ ވަރުގަދަ ކަން އެންމެ ވަރުގަދަ އަށް ފެންނަން އޮތް ރައްޔިތުން މަޖިލީސް ފާރިސް މައުމޫން ނިކުމެ ގުޑުވާލުމުން އޭނާ އަށް ޖެހުނީ ޖަލު ގޮޅިއަށް ދާށެވެ. އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ނަމަވެސް ސަރުކާރުން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ގޮތައް ފާރިސް ބަންދުކުރުމަށް ކޯޓުން އަމުރެއް އައުމަކީ އިއްތިފާގެކެވެ. ކޯޓުތަކަށް އެދުވަހު އެއީ އިންސާފެވެ. ކޯޓުތަކަށް އެދުވަހު އެއީ ހަމަހަމަކަމެވެ.

ގާސިމް އިބްރާހިމް ޖަލްސާއެއްގައި ދެއްކި ވާހަކަ އަކުން ކުށްވެރިވެ ޖަލު ޙުކުމެއް އައީއެވެ. އެއްވެސް ނުފޫޒެއް ބިރުދެއްކުމެއް ނެތި ނަމަވެސް ސަރުކާރުން ބޭނުންވާނެ ކަމަށް ލަފާކުރެވޭ ގޮތައް ޙުކުމް އައުމަކީ އިއްތިފާގެކެވެ. ކޯޓުތަކަށް އެދުވަހު އެއީ އިންސާފެވެ. ކޯޓުތަކަށް އެދުވަހު އެއީ ހަމަހަމަކަމެވެ.

ދެން އައީ ބޮޑު އިއްތިފާގެކެވެ. މިފަހަރު އިއްތިފާގަކުން ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ވިސްނިވަޑައިގެންނެވީ މިހުރިހާ ޙުކުމެއް ކުރެވިފައި އޮތީ ޝަރުޢީ ދާއިރާ އަށް ނުފޫޒު ފޯރުވައިގެން ކަމެވެ. އެހެންކަމުން ހުރިހާ ބޭފުޅުން މިނިވަން ކުރަން ޖެހޭ ކަމަށެވެ. މިގޮތައް ވިސްނިވަޑައިގެންނެވީ އެއްވެސް ހާލެއްގައި ބައެއްގެ ނުފޫޒެއް، ފައިސާގެ އެހީއެއް، ރިޝްވަތެއް ދީގެންނެއް ނޫނެވެ. އިއްތިފާގަކުން ހަމަ ކުއްލިއަކަށް އެގޮތައް ވިސްނިވަޑައިގެންނެވީއެވެ.

ނަމަވެސް އެވިސްނިވަޑައިގަތުން ދެމިއޮތީ ވަރަށް މަދު ދުވަސްކޮޅަކަށެވެ. އާދެ. އެންމެ ދެތިން ދުވަހަށެވެ. ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންނަަށް އަނެއްކާ ވިސްނިވަޑައިގެންނެވުނީ މިއީ ގޯހެއް ކަމަށެވެ. އެހެންކަމުން ހުރިހާ ބޭފުޅުން ދޫކޮށްލަން ނެރުނު އަމުރު އަނެއްކާވެސް ކުރިން އޮތް ގޮތައް ހެއްދެވީއެވެ. ހަމަ އިއްތިފާގަކުންނެވެ. އެއްވެސް ނުފޫޒެއް އޮވެގެންނެއް ނޫނެވެ. ހަމަހަކަމާއި އިންސާފަކީ އެގޮތައް ކަމަށް ވިސްނިވަޑައިގެންނެވީއެވެ.

ސިޔާސީ މަސްރަހުގެ އޮޔާއި ވައި ޖެހެމުން ގައުމު ކުރިއަށް ހިނގައެވެ. ސެޕްޓެމްބަރ 23 ވަނަ ދުވަހު ކުރިއަށް އޮތް ފަސް އަހަރު ރައީސުލްޖުމްހޫރިއްޔާ އަކު އިންތިޚާބު ކުރަން ނެގި ވޯޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވިއެވެ.

ކޯޓު އަމުރުތަކުން ބަންދުގައި ތިބި ގިނަ "ސިޔާސީ ބޭފުޅުން" ޖެހިގެން އައި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ދޫކޮށްލައިފިއެވެ. އެވިދާޅުވާ ސިޔާސީ ކުށްވެރިންގެ ތެރެއިން މިހާރު ބަންދުގައި ތިބިއްޔާ ތިބީ ސިޔާސީ އެކްޓިވިސްޓުންނެވެ. ހުރިހާ ބޮޑުން ދޫކޮށްލައިފިއެވެ. ދޫކޮށްލީ ޝަރުޢީ ކޯޓުންނެވެ. ނަމަވެސް އެއީ ބާރު އޮންނަ މީހުންނަށް އިންސާފު ލިބޭ އުސޫލުން ކުރި ކަމެއް ނޫނެވެ. ބާރު ލިބުނު ވަގުތާއި އެބޭފުޅުން ބޭނުންވާ ގޮތައް ޙުކުމްތައް އަންނަ ވަގުތާއި އެއް ވަގުތަކަށް ވީއެވެ. އެހެންކަމުން މިއީ އިއްތިފާގެކެވެ. އެއްވެސް ހާލެއްގައި ހެކިނެތް ތުހުމަތެއް ޝަރުޢީ ދާއިރާގެ ބޮލުގައި ނާޅުވާށެވެ. އެއީ ގޯހެކެވެ.

އާދޭހެވެ. ދިވެހި ޑްރާމާއެއްގައި އޮންނަހެން ކުކުޅުގެ މަރު ގެންދެވި ވަގުތާއި ކުކުޅުގެ ގައިގައި ދާނި ދަނޑިން ޖެހުނު ވަގުތު އެއް ވަގުތަކަށް ވީއެވެ. އެހެންކަމުން ދާނިން ކުކުޅުގެ ގައިގައި ޖެހި މީހާ ކުށްވެރިއެއް ނުވާނެތާއެވެ. އިއްތިފާގަކުން އޭނާ ދާނި ދަނޑިން ކުކުޅުގެ ގައިގައި ޖެހި ވަގުތާއި ކުކުޅުގެ މަރު ގެންދެވި ވަގުތާއި އެއްވަގުތަކަށްވީއެވެ.

ނަމަވެސް ސުވާލަކީ އިންސާފާއި ހަމަހަމަކަމާއި އިންސާނީ ޙައްޤުތަކަކީ އިއްތިފާގަކުން ލިބޭ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ރައްޔިތުން ތިބުމަކީ އިންސާފު ހެއްޔެވެ؟ ރައްޔިތުން ބޭނުންވާ ގޮތަކީ މިއީ ހެއްޔެވެ؟ މި އިންސާފު އޯކޭ ވެގެން ރައްޔިތުން ކިހައި ދުވަހު ތިބޭނެ ހެއްޔެވެ؟ ރައްޔިތުން ނިކުމެ ބަޔަކު ހަވަރަށް ނުދެނީސް މިކަން ނިމި ހަޤީޤީ އިންސާފު ގާއިމް ކުރެވިދާނެ ހެއްޔެވެ؟

މިސުވާލުތަކަށް ޖަވާބު ދޭކަށް ނޭނގެއެވެ. ކުރިއަށް ހުރި އިއްތިފާގުތަކަށް އިންތިޒާރު ކުރަން ހިންގަވާށެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޓަވަރު

    ހަޔާތް ކުޑަކަން...

  2. ސާމްބެ

    ތިޔައީ ވަރަށް ބަރާބަރު ލިޔުމެއް. ތިޔައީ ހަމަ ހަޤީޤަތް. ކަންހިގާ ގޮތް.

  3. މިރުސް

    މިިހާރު ތިޔަކޯޓްތަކުގެ ފެންވަރު އެންމެންއަށްވެސްއެގޭ

  4. ޙައްގުބަސް

    ވަރަށް ރަގަނޅު ތެދު މަޢުލޫމަތު އެކުލެވޭ ލިއުމެއް!! ލިއުންތެރިޔާއަށް ޝުކުރު ދަންނަވަން!! މިއީ ސަދޫމުގެ ކޯޓުތަކެއްބާއޭ ހިތައް އަރަނީ!! ވރަށް ދެރަކަމެއް!! ކޯޓުތަކުން ޙުކުމް ކުރަންޖެހޭނީ ގާނޫނުތަކާއި ގަވާއިދުތަކާ އިސްލާމީ ޝަރީޢަތާ އެއްގޮތްވާގޮތުގެ މަތީން ވަކިފަރާތަކަށް ބުރަނުވެ ހުރިހާ އިރެއްގައިވެސް!! ޢަދުލުވެރި ޙުކުމެއް ބޭނުންވާތީ ރައްޔިތުންނާ ދައުލަތުންވެސް ކޯޓްގެ ދޮރުގައި ޓަކިޖަހަނީ!! ވަކިން ޚާއްސަކޮށް ސްޕްރީމް ކޯޓަކީ ޝަރުޢީ މަރުޙަލާގެ އެންމެ ފަހު ބަސް ބުނާތަނަށްވާތީ މިމަރުޙަލާގައި ފަނޑިޔާރުން ކުރާ ޙުކުމްތައް ވަރަށް ސާފުވާންޖެހޭ!! ޢަދުލުވެރިވާންޖެހޭ!! ފަނޑިޔާރުންގެ ނަޒާޙަތްތެރިކަން ހުންނަންޖެހޭ!! ބަޔަކު ނުވަތަ މީހަކު ބޭނުންވާހާ ގޮތަކަށް ކޯޓްތަކުން ޙުކުމް ނެރޭނަމަ އެއީ ގައުމަށާ މުޅި ރައްޔިތުންނަށް ހުރި ވރަށް ބޮޑު ބިރެއް!! އަދި އެހާމެ ނުރައްކާތެރިކަމެއް!! އަދި އަމުދުން މަހުޖަނުންނާ ސިޔާސީ ނުފޫޒުގަދަ ފަރާތްތަކުން ފަނޑިޔާރުގެތެރެއަށް އަތްބާނާ ފަނޑިޔާރުގޭގެ ޙުކުމްތައް ގަޑުބަޑު ކުރވޭ ހިސާބަތް ކަންތައްތައް ދިއުން އެއީ މާބޮޑަށްވެސް ނުރައްކާތެރިކަމެއް!! ފަނޑިޔާރުން ﷲއަށް ބިރުވެތިވާން ގޮވާލަން!! ޢަދުލުވެރި އިންސާފުވެރި ޙުކުމްތައް ނެރެން ގޮވާލަން!! ..."ކުކުޅުގެ މަރު ގެންދެވި ވަގުތާއި ކުކުޅުގެ ގައިގައި ދާނި ދަނޑިން ޖެހުނު ވަގުތު އެއް ވަގުތަކަށް ވީއެވެ. އެހެންކަމުން ދާނިން ކުކުޅުގެ ގައިގައި ޖެހި މީހާ ކުށްވެރިއެއް ނުވާނެތާއެވެ. އިއްތިފާގަކުން އޭނާ ދާނި ދަނޑިން ކުކުޅުގެ ގައިގައި ޖެހި ވަގުތާއި ކުކުޅުގެ މަރު ގެންދެވި ވަގުތާއި އެއްވަގުތަކަށްވީއެވެ."... މިބުނާހެން ޙުކުމް އައީމަ ކަމަކުނުދާނެ!! މިގައުމު ހަލާކުގެތެރެއަށް ވައްޓާނުލާ!! ރައްޔިތުން މަޑުން ތިބޭނެކަމަށް ހީކުރާނަމަ އެއީ ކުށްހީއެއް!! ކޮންމެވެސް ދުވަހަކުން ކެތްތެރިކަން ކޮޅުންލައިގެން ނިކުންނާނެ!!

  5. އަނާރު

    ވަރަށް ފުރިހަމަ އާޓިކަލްއެއް ސުކުރިއްޔާ ވަގުތު

  6. އިންޑިޔާއިން

    ވ ރަނގަޅު އާޓިކަލްއެއް

  7. އެމްވައި

    ވަރަށްވެސް ފުރިހަމަ ލިޔުމެ. ވަކިފަރާތަކަށް ނުޖެހި ކަންހިނގާފަ އޮތްގޮތް ލިޔެލާފަ މިއޮތީ. މީޔޭ މިކިޔާ ނޫސްވެރި ކަމަކީ. މިއޮތީ ރީތިބަހުން އެންމެނަށް އެނގޭނެހެން ލިޔެލާފަ.

  8. މާޒިން

    100 ގެލިޔުމެއް. ތަހުނިޔާ!

  9. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ނަޞޭޙަތަކީ، ވެރިންނާއި ރައްޔިތުންގެ މެދުގައި ގުޅުން ދަމަހައްޓައި ދޭ ހަރުދަނާ ވަސީލަތެކެވެ. އަދި ފަޟީޙަތްވެ، ބޭޒާރުވުން، ނުހިމެނޭ ގޮތުގައި ދެވޭ ނަޞީޙަތުގެ މާބާރުގަދަވާނެއެވެ.

  10. ާއާދަމް

    ވަރަށް އުފާވެއްޖެ. ޝުކުރު. ތެދުނިޔަތުގައި ލިޔާ ލިޔުން ހުންނާނީ ތިހެން.

  11. ހިއްވަރު

    ވަރަށް ފުރިހަމަ ލިޔުމެއް

  12. ރުޒާނާ ޗޮއްޕަޓު

    ދެންވެސް އޮތީ ހަމަ ހުސް އިއްތިފާގާއި ހަމަހަމަކަން. ސޭޓުން ފައިސާ ގެންގުޅޭހާ ޒަމާނަކު ތިޔަ އިއްތިފާގުތަކާއި ހަމަހަމަކަން ދެމިއޮންނާނެ.

  13. Anonymous

    ‏ފައިސާގެ ގޮތުން ކިތަންމެ ތަނަވަސްބޭފުޅެއް ކަމުގައި ވިޔަސް، ޤާސިމް އިބްރާހިމް ރައްޔިތުންގެ ހިތްތައް ގަނެލީއެއް ނޫނެވެ. ރައްޔިތު މީހާގެ ހިތުގައި ލޯބި އުފައްދަވާ އެލޯބި ހޯއްދެވީ!

  14. ކޮސް ސޮޑު

    އާދަމް ނަވާޒަކީ 21 އަހަރުގެ ކުޑަ ކުއްޖެއް. ސިޔާސީ ވާހަކަ ދައްކަން ކުފޫ ހަމައެއްވެސް ނުވާ ރައީސް ޔާމީނުގެ ބޯއި އެއް.

  15. އަލީ

    ކަލޯ ނަވާޒޫ ބަލަ ޔާމީނުގެ އާރާއި ބާރު އޮވެ ގަދަދެއްކި ދުވަސްތަކުގައި ކަލޯ ސިކުނޑިއަކައް ތި ސުވާލެއް ނޭރި ދޯ.

  16. ނިހާން

    ތި ސުވާލު އެއްމެ ކުޑަކުއްޖާ އަށްވެސް އިނގޭ ތީގެން ދޭހަވީ ޔާމިނު ގެ ނުބައި ނުލަފާކަން.

  17. Anonymous

    މިއީ ތެދު މައުލޫމާތުކަމަށް ގިނަބަޔަކު ގަބޫލުކުރި ކަމުގައިވިޔަސް ބައެއް މައުލޫމާތުތައް މާތިލަކޮށްހުރުމުން ރައްޔިތުންނަށް އޮޅުންއަރާނެއެވެ، އެގޮތުން ގާސިމުއަށް ޙުކުމްކުރެވުނީ ހަމައެކަނި އަނގައިން ދެއްކި ވާހަކައަކުން ނޫނެވެ، އިތުރު ކިތައްމެ ހެކިތައް ލިބި އެހެކިތަކަށް އެއްބަސްވާން ޖެހުމެވެ. ޝައިޚު އިމްރާނަށްވެސް ހަމައެފަދަ ގޮތެކެވެ. ފާރިޝްއަށް ހިންގުނު ޝަރީޢަތާއި ބެހޭ އިތުރު ކިތައްމެ މަޢުލޫމާތްތައް މިއާޓިކަލްގައި ނުވޭ، ވީމާ ފުރިހަމައަށް މަޢުލޫމާތު ނުލިބިހުރެ މިފަދަ ލިޔުންތައް ޝާޢިއު ނުކުރުމަށް ނަސީހަތްތެރިވަން

  18. ޢައިންތު

    ތިފަނޑިޔާރުންތަކުގެ ދުވަސް ދުއްވާލާކަށް ލަހެއްފަހެއްނޯންނާނެ މީހެއްގެ ކަނދުރާއަކަށް ބޮލަކަށް ބަލާނުލާ ބޭނުންގޮތަކަށް ކަންތައް ކޮށްފައެތިބީ ދުވަހެއްއޮތްކަން ހަދާންކޮށް ބިރުވެތިވޭ

  19. ބިރުވެތިވާ މީހާ

    މި ލިޔުމުގައިވަ ހުރިހާ ވާހަކަތަކެއް ހަމައޯކޭ. އިއްތިފާޤު.ވާަންޖެހޭގޮތް އަދި ވާންވީގޮތްވެސްމެ. ހަމަ އެންމެ ކަމެއް ނޫނީ. ރައީސް ނަޝީދު އާ ގުޅޭ ހުރިޙާކަމެއް ވާންޖެހޭނީ ހަމާ މާފު ނުކުރެވޭ ވަރުގެ ބޮޑެތި ކުށަށް. ޢަބްދުﷲ ޤާޒީ ހައްޔަރުކުރީ ހަމަ ހުރިހާ ކަމަކާ ޚިލާފަށް 13 އަހަރުގެ ބަދަލުގަ އެޔަށްވުރެ ގިނަދުވަހަށް އަނދަގޮޑިޖަހަންޖެހޭނެ. އެކަމު ސްޕްރީމްކޯޓް ފުރާޅު ޓިނުނަގައިގެން ވަދެ އުއްތަމަ ފަޑިޔާރު ދަމަ ކޫއްތާފަ ނެރުމަކީ ޔާމީނުގެ ޢަދާލަތުގައި ވާޖިބެއް އިއްތިފާގެއް. ފާރިސްމައުމޫނު އެއްވެސް ތަހުގީގެއްނެތި ބަންދު ކުރުމަކީ މަޖަލެއް. ޔާމީނީ ޢަދާލަތުގެ ވާޖިބެއް. އެއީ ފޮރުވުމެއްނޫން. އެކަންވާންޖެހޭނެ. އޭގެ ބަދަލުގަ ޔާމީން ބަންދުކުރުމުގެ ބަދަލު 13 އަހަރު އިތުރަށް ރައީސްކަންކުރަން ވަގުފައިސާ ގެޔަށްވައްދަން ހަމަބެހެއްޓުމަކީ ޔަމީނީޢަދާލަތުގެ ވާޖިބެއް. ކުރިޔަށްގެންދޭ. ބަލަންތިބޭނަން. ކެތްނުވީމާ އަރައިގަންނާނަން . އޭރުން އޭއްޗެކޭ މީއްޗެކޭ ނުކިޔާތި. މީ ދިވެހި ހަވަރު

  20. ބްރަވާޑޯ

    ކުރިން ތިޔަ ފަނޑިޔާރު ގެޔަކީ އަހަރެން ވަރަށް ގަދރު ކުރިތަނެއް.މިހާރު ތިޔައީ ކޮންމެވެސް ބައެއްގެ ކޮމްޕެނީއެއްހެން ހީވަނީ...އެއްހުކުމެއް ތަފާތު އެކިގޮތްގޮތައް އެއްބަޔަކު ގާޒީންނަށް ތިބެގެން ނެރެނީ......ގައިމު ކޮންމެވެސް އެއްހުކުމެއް އެބޭކަލުންވަީ އިތުރުފުޅު ހައްދަވައިފަ...އަޅުގަނޑު ބުނާކަންނެތީން ގާޒީންނަކީ ރިޝްވަތު ހިފާބަޔެކޭ.އެހެނަސް ކޮންމެވެސް ކަމެއްވެއްޖެ.....ހަމަގައިމުވެސް އެނގޭނެ ދުވަހެއް އަންނާނެ.

  21. ފަލަކް

    ވަގުތު ނޫސްއަށް އައްސެރިބަހާއި ސާބަސް

    ޙަމަ އަސްލުގަވެސް ހަޤީގަތް އެކުލެވިގެންވާ

    އާޓިކަލްއެއް ކުރިއަށްއޮތްތަނުގައިވެސް ހަމަ

    ތިގޮތޮތުގައި ހިފަހައްޓަވާ ކޯޓް ތަކަށް އެއްވެސް

    ވަރަކަށް އިތުބާރެއް ނުކުރަން އަދި ނުވެސް

    ޚުރާނަން މަނީ މަނީ ދިން ކޮޅަކަށް ޙުކުމް

    އިއްވާނަން މަނީ މަނީ ގިނައިން ދިނީމަ

    ދިންވަރަކަށް ޙުކުމް އަވަސް ވާނެ ވަރައް

    ސަލާމް

  22. ބުއްޅަބޭ

    މާގިނަދުވަހެއްނުވެ ތިޔަ ސްޕްރީމްކޯޓް ރޫޅާލާ ތިއެއްމެން ބަދަލުކޮށް ބުރުމާމެން ބައިބައިވެ ގައުމު އިންޑިޔާގެ ބާރުގެދަށަށް ދާތަން ބަލަން ތިބޭތި! އެއިރުން އޮންނާނީ ޑިމޮކްރަސީވެފަ!

  23. އަހްމަދުބޭ

    އަހަރުމެންގެސޭޓަށް ކިތަންމެބޮޑު ގޮނޑިއެއްދިނަސް އެގޮނޑީގައިންނާކަށްނޭގޭނެ މަޖިލިސް އިންތިހާބުއަންނަށްވާއިރަށް ބޯގޮވާނެ