ދިވެހިރާއްޖޭގެ ފަޚުރުވެރި 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މިއުޒިކަލް ޑްރިލް މިއަދު ހަވީރު އަދި "ނަސްރުގެ ދުވުން" މާދަމާ ހެނދުނު ބާއްވަން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ނިންމައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ނަސްރުގެ ދުވަހުގެ ޚާއްޞަ ހަރަކާތްތަކުގެ ތެރެއިން އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށެވެ. މި ޚާއްޞަ ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 16:30 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރ ކެޕްޓަން އަޙްމަދު އާޒިމް ވިދާޅުވީ، "ވިކްޓަރީ ރަން" ފެށުމަށް ހަމަޖެހިފައިވަނީ 2018 ނޮވެމްބަރ 4 ވާ އާދީއްތަ ދުވަހު (މާދަމާ) ހެނދުނު 06:00 ގައި ކަމަށެވެ.

އާޒިމް ވިދާޅުވީ ނަސްރުގެ ދުވުން ފެށިގެން ދާނީ ކަޅުތުއްކަލާ ކޮށީގެ ދެކުނު ފަރާތު ގޭޓުން ކަމަށާއި، އެތަނުން ފެށިގެން ދުވުމުގެ ބައިވެރިން ހުޅަނގަށް ގޮސް، އައިޖީއެމްއެޗް ކުރިމަތިން، މާލޭ ސިޓީގެ އެންމެ ބޭރު މަގުން (ބޮޑުތަކުރުފާނުމަގު) ވަށާލާފައި ކަޅުތުއްކަލާ ކޮއްޓަށް ނިމޭގޮތަށް ކަމަށެވެ.

ހަމައެއާއެކު ދުވަހުގެ ޚާއްޞަ ޖަލްސާ މިރޭ 20:30 ގައި ބޭއްވުމަށް ހަމެޖެހިފައިވާއިރު ޤައުމީ ޓީވީން ވަގުތުން ދުރަށް ދައްކާނެ ކަމަށެވެ.

އެމްއެންޑީއެފް މިއުޒިކަލް ޑްރިލް މިއަދު ހަވީރު އަދި ރަސްމީ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ވަނީ މިއަދު ހެނދުނު ބާއްވާފައެވެ.

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކައިރީގައި މިއަދު ހެނދުނު 06:30 ގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

ދިވެހިރާއްޖޭގެ ފަޚުރުވެރި 30 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ޝަހީދުންގެ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކޮށްފައިވާ އެކި ރޭންކުތަކުގެ ބޭކަލުންނާއި ސީނިއަރ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު