ރާއްޖެ އިން ބޭރަށް ގެންދަން އުޅުނު ރުއްތައް ހިފަހައްޓާފައިވާ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނ.މާފަރުގައި އަލަށް ތަރައްޤީކުރާ އެއާޕޯޓްގައި ޖަހަން ކަމަށް ބުނެ މާފަރުގެ ބައެއް މީހުންގެ އަތުން ރުއްތައް ގަނެ މާފަރު އެއާޕޯޓްގެ އެމެރިކާގެ ކޮންސަލްޓެންޓަކަށް ވިއްކާލާފައިވާއިރު ރުއްތައް ނެގުމުގެ މަސައްކަތް ކުރަނީ މާފަރު އެއާޕޯޓްގެ ކޮންޓްރެކްޓާ ކަމަށްވާ ސިންގަޕޫރްގެ ޓަފް އޯފްޝޯއިންނެވެ.

އަދި މާފަރުން 40-50 ވަރަކަށް ރުއް ނަގައި ރަނގަޅަށް ޕެކް ކުރުމަށް ފަހު މާފަރު ފަޅުތެރޭގައި އޮތް ކޮޅުވެއްޓިއަށް އަރުވާފައިވާ ކަމަށް މާފަރުގެ ބައެއް މީހުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވައިދާއި ހިލާފަށް ރުއްގަސް އުފުރާ ރުއްގަސް ބޭރުކުރަމުން ދިޔުމާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ، މާފަރުން ރުތައް ނަގައިގެން ރާއްޖެއިން ބޭރުކުރަން އުޅޭ ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް މީސް މީޑިއާގައި އެވާހަކަތަށް ދައުރުވުމުގެ ކުރިން ލިބިފައިވާ ކަމަށެވެ.

"ސޯޝަލް މީޑިއާގައި މިވާހަކަތަށް ފެތުރުމުގެ ކުރިން އަޅުގަނޑުމެންނަށް މި މައުލޫމާތު ލިބުނު. އަޅުގަނޑުމެން މަސައްކަތް ކުރަނީ ކަސްޓަމްސްގެ އިންޓެލިޖެންސާއި އެކުގައި. އެންވަޔަރަންމެންޓް މިނިސްޓްރީއަކީ ކަސްޓަމްގެ ވަރަށް ބޮޑު އިންޓެލިޖެންސަކާއި އެކުގައި މަސައްކަތް ކުރަމުން އަންނަ މިނިސްޓްރީއެއް. އޭރުގައި ތިވިދާޅުވާ ބޯޓަށް 40 ހަކަށް ރުއް އެރުވި، ނަމަވެސް އެ ރުއްތައް ރާއްޖެ އިން ބޭރުކުރުމުގެ ކުރިން އެކަން ހުއްޓުވާފައިވާނެ. ނަތީޖާއަކަށްވީ އެ ބޯޓަކަށް އަރުވައިގެން އެއްވެސް ރުކެއް ނުގެންދޭ" ޒާހިރު ވިދާޅުވިއެވެ.

ނަމަވެސް އެއީ ޕްލޭން ކުރެވިގެން ކުރެވިފައިވާ ކަންތައްތަކެއް ކަމަށާއި އެކަން ކުރި ފަރާތްތަކާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ މި ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށުން ރުއްގަސް އުފުރާފައިވާ ކަމުގެ ޝަކުވާ އެމިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

"މިފަހަކަށް އައިސް ށ. މާކަނޑޫދޫ، ށ. މިލަންދޫ، ދ.ބަނޑިދޫ، ބ. ފުޅަދޫ، ދ.ފޮއްދޫ، ފަރެސްމާތޮޑާ ކައިރީގައި އޮންނަ ފަޅުރަށް، ރ. ރަސްގަތީމު، މ.މަޑުއްވަރި، ޅައިމަގު އަދި މާފަރުން ގިނަ އަދަދަކުން ރުއްގަސް ނެގިފައި އެބަހުރި" ޒާހިރު ވިދާޅުވިއެވެ.

ރުއްގަސް ނެގުމުން އެފަރާތްތައް ޖޫރިމަނާކުރުމަކީ އެކަމަށް އޮތް ހައްލު ނޫންކަމަށާއި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ހައްލު ކުރެވޭނީ ފަރުދީ ޒިންމާ ނަގައިގެން ކަމަށްވެސް ޒާހިރު ވިދާޅުވިއެވެ. ރުއްގަސް ނެގުމުގެ ސަބަބުން ބިންބޮޑެތި ބައެއް ރަށްތަކުގެ ޖަންގަލިތަށް އެއްކޮށްހެން ނެތިގެން ގޮސްފައިވާ ކަމަށް ޒާހިރު ވިދާޅުވިއެވެ.