ޕީޕީއެމް އިން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ އާއި ގުޅިގެން ޕީޕީއެމް އިން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފިއެވެ.

މި މައްސަލަ ޕީޕީއެމުން ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ މެންދުރު 1:15 ގައި ބޭއްވުމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.

ޕީޕީއެމުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އެ ކޮމިޝަނުން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި އެ ޖަލްސާގައި ފާސްކުރި އެ ޕާޓީގެ އަސާސީ ގަވާއިދާއި މަގާމުތަކަށް އިންތިޚާބު ކުރި ފަރާތްތައް ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އަމުރުކޮށް ދިނުމަށް އެދިފައެވެ.

ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ އެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާތުތައް ފުރިހަމަނުކޮށް ކަމަށް ބުނެއެވެ.

ޕީޕީއެމްގެ އެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމަށް، ޕާޓީގެ މިހާރުގެ މުސްތަޝާރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންތިޚާބު ކޮށްފައެވެ.

އަދި މި ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސްކަމަށް މިހާރުވެސް ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުރައްހީމް ޢަބްދުﷲ، ޓޫވަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ ޝަކޫރު ވަނީ އިންތިޚާބު ކޮށްފައެވެ. މީގެ އިތުރުން މި ޖަލްސާގައި ޕީޕީއެމްގެ ކައުންސިލަށްވެސް ބޭފުޅުން ވަނީ އިންތިޚާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ޕީޕީއެމަށް މަރްޙަބާ !

    މަގުމައްޗަށް ނުކުމެ، އެއްވެސް ހަމައެއް އުޞޫލެއްނެތި ޤާނޫނާއި ޚިލާފަށް ގަދަބާރުން ކަންތައްތައް ކުރުމަކީ، ޕީޕީއެމުގެ ފަރާތުން އެއްވެސް އިރެއްގައި ތަރްޙީބު ދެއްވާކަމެއް ނޫންކަމަށާއި ނަމޫނާ ޕާޓީއެއްގެ ގޮތުގައި މިރާއްޖޭގައި ޕީޕީއެމް އޮންނާނެ ކަމަށް އެޕާޓީގެ ފަރާތުން ބުނެފައިވާއިރު، މިރާއްޖޭގައި މިހާރު މިފެންނަނީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތީން ޕީޕީއެމް މިރާއްޖޭގައި ޙަރަކާތްތެރިވާ މަންޒަރެވެ.

  2. ބޮޑު ދެލޯ

    އަނެއްކާ އަނެއް ލަދާ ކުރިމަތިލަނީ ދޯ؟! އެއްވެސް ކޯޓަކުން ތިޔާ ޕީ ޕީ އެމް އަށް ފަހިވާގޮތައް އެއްވެސް ޙުކުމެއް މިހާރަކު ނުނެރޭނެކަން ނޭގެނީ ބީތާ ވީބާ؟!!!!