ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިންކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފާރިޝްގެ މައްޗަށް އުފުލި ދައުވާގެ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެކުށް ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި އިތުރަށް ހުށަހެޅި ހެކި ބަލައި ނުގަންނަން ނިންމައިފިއެވެ.

މިއަދުގެ ޝަރީއަތް ފެށުމާއެކު ދައުލަތުގެ ވަކީލާ އައިޝަތު ރީޝާ، ފާރިޝްއާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި އިތުރަށް ހުށަހެޅީ އޭފޯ ގަނޑެކެވެ. އެހެންނަމަވެސް، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ނިންމެވީ އެ ހެއްކަކީ ޝަރީއަތަށް ދައުލަތުން ހެކި ހުށަހެޅިއިރުވެސް އަދި މައްސަލަ ތަހްޤީގު ކުރުމަށްފަހު ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅިއިރުވެސް ފާޅުވެފައިވާ ހެއްކަކަށްވެފައި، އޭރު ދައުލަތުން އެ އޭފޯ ގަނޑަކީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ނުވާތީ، މިހާރު ހެއްކެއްގެ ގޮތުގައި ބަލައިގަނެވޭނެ ޝަރުއީ ހަމައެއް ނެތް ކަމަށެވެ.

މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވަނީ ފާރިސްގެ ގެ ބަލާ ފާސްކުރުމުގެ ތެރޭގައި އެ ގެއިން ފެނުނު އޭފޯ ސައިޒް ގަނޑެއް ފެނުނުކަމަށް ހުށައަޅާފައި އެވެ. އަދި އެ އޭފޯ ގަނޑުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ނަން ލިޔެފައިވާ ކަމަށް ދައުލަތުން ބުނެފައިވާއިރު އެއީ ހެއްކެއްގެ ގޮތުގައި ބަލައިނުގަނެވެނީ ޝަރުހީ ހަމަތަކުގެ މަތިން ހުށަހަޅާފައިނުވާތީ ކަމަށް ބުނެފައިވެއެވެ.

ޝަރީއަތް ފެށި ފަހުން ދައުލަތުން ތިން ހެކި ހުށަހެޅި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހެކި ހާމަކުރަން ލިބޭ ފުރުސަތުގައި ހުށަނާޅާ ހެއްކެއް އެއީ ފަހުން ފާޅުވާ ހެއްކެއް ނޫންނަމަ ބަލައިނުގަނެވޭނެ ކަމަށްބުނު އެ ހެކިތައް ވަނީ ބާތިލްކޮށްފައި އެވެ.

ކުރިން ހެކީގެ ގޮތުގައި ހުށައަޅާފައި ވަނީ އޭފޯ ގަނޑު ފެނުނު ތިން ފުލުހުން ކަމަށްވާއިރު އެ ގަނޑު ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ނިންމުމުން ދައުލަތުން ވަނީ އެ ތިން ފުލުހުންގެ ހެކި ބަސް ނެގުމުގެ ބޭނުމެއް މިހާރު ނެތް ކަމަށް ބުނެފަ އެވެ.

ފާރިސް އާއި ދެކޮޅަށް ހެއްކެއްގެ ގޮތުގައި ހުށަހެޅި މެމްބަރު ފާރިސް އާއި އެއްކޮޅަށް ހެކިބަސް ދީފައިވާއިރު މި މައްސަލަ ސާބިތުކުރުމަށް ދައުލަތުން 10 ހެއްކެއް ވަނީ ހުށަހަޅާފައެވެ. އަދި މައްސަލައިން ދިފާއުވުމަށް ފާރިސްގެ ފަރާތުން ވަނީ 62 މީހުން ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

ފާރިސްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަޢާވާތާދެކޮޅު

    ތިޔަ ޝަރީއަތްވެސް އަލުންބެލޭނެ ދުވަހެއް އެބައާދެ.. އެދުވަހު ތިހުރިހާ ހެއްކެ އަމިއްލަޔަށް ޖަވާބުދޭނެ... ފާރިސް ވަރަށް އުފަލުންހުއްޓަސް ތެދުވާނީ ތެދަށް... ދޮގު ތެދުކަމަށް ދެއްކިޔަސް ދޮގުވާނީ ދޮގަށް...

  2. ސާބަހޭ ޤާޞީ

    ޤާޞީ ހައިލަމް ތިގޮތަށް އިންސާފުވެރި ކަމާއި އެކު ޝަރީޢަތްތައް ނިންމެވުމަކީ ނުޙައްޤުން އަނިޔާ ލިބެމުންދާ އެތައް ބައެއްގެ އުންމީދު އާލާވާނެ ކަމެކެވެ. ﷲ ގެ ރަޙުމަތްފުޅުން ޤާޟީ ހައިލަމް އަށް ޘާބިތުކަމާއި އިތުރު ކުރިއެރުން މިންވަރު ކުރައްވަވާށި! އާމީން