ގަލޮޅު ޕޮލިސް ސްޓޭޝަނުން މާލެތެރެ ޕެޓްރޯލް ކުރަމުންދަނިކޮށް، މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ހުއްޓުވާ ހަށިގަނޑު ބަލައިފާސްކުރުމަށްފަހު މި މަހުގެ 4 ވަނަ ދުވަހުގެ 12:20 އެހާކަންހާއިރު ހެންވޭރު ގުލިސްތާނު ގޯޅިތެރެއިން ކަމަށެވެ.

އެވަގުތު މާލެތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ދެ ފުލުހުންނަށް މި މީހާ ފެނުމާއެކު، އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ ވައަތުގެ މުށުތެރޭން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު