އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް އަބްދުﷲ ޝަހީމްއަށް ޑޮކްޓަރުން ދީފައިވާ ލަފަޔާ ހިލާފަށް ޝަހީމްގެ ބޭސްފަރުވާއަށް ހުރަސްއަޅަމުން ގެންދާ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް އޭނާގެ ބޭސްފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް ދައުލަތުވެ މުވައްސަސާތަކަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަހީމް ހައްޔަރުކުރުމަށްފަހު ޑޮކްޓަރުންގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތީން އޭނާއަށް މިހާރުން މިހާރަށް ބެނުންވާ ފަރުވާ ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއަޅަމުންގެންދާ ކަމަށެވެ.

އެމްޑީޕީ އިން ބުނީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެމްޑީޕީ ހަރުގެ ކައިރިން ޝަހީމް ހައްޔަރުކުރުމުގައި ވެސް ކުރިން އޭނާގެ ކަކުލަށް ލިބިފައިވާ ބޮޑު އަނިޔާއަށް އިތުރަށް އަނިޔާ ލިބުނުކަމަށާއި ބަންދުކުރުމަށްފަހު ބޭސްފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް އާއިލާއިން ތަކުރާރުކޮށް އެދުނު ކަމަށެވެ. ނަމަވެސް އެކަން ހަމަޖައްސައި ނުދިނުމުގެ ސަބަބުން ކުރިން ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވުމުގެ ސަބަބުން މިހާރު ޑޮކްޓަރުން ލަފާދީފައިވަނީ ވީހާވެސް އަވަހަށް ސާޖަރީ ހެދުމަށް ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ބަޔާނުގައި ބުނެފައި ވަނީ ސާޖަރީ ހެދުމަށް މިއަދު ހަމަޖެއްސުމާއެކު ފުލުހުންގެ ފަރާތުން އާއިލާއަށް އަންގާފައިވަނީ މިއަދު ޝަހީމް ޑޮކްޓަރަށް ދެއްކުމުން އޮޕަރޭޝަން ކުރުމަށް އެޑްމިޓް ކުރަންޖެހޭނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ މަތިން ކަމަށެވެ.

ޝަހީމްގެ ބޭސްފަރުވާގެ ކަންކަން ފުލުހުން ހަމަޖައްސައިނުދީ ލަސްކުރަމުންގެންދާތީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މިހާރުވަނީ މައްސަލަ ހުށަހަޅާފައި ކަމަށާއި އާއިލާއަށް އެންގުމަކާނުލައި ޝަހީމް މިހާރު ވަނީ އަނބުރާ ދޫނިދޫއަށް ގެންގޮސްފައި ކަމަށް އެމްޑީޕީ އިން ބުންޏެވެ.

ބޭސްފަރުވާ ހަމަޖައްސައިދިނުމަށް މިއަދާ ހަމައަށް އާއިލާއިން ފަސް ސިޓީ ފޮނުވާފައިވާއިރު އެކަމާ ގުޅޭ ގޮތުން އެއްވެސް ސިޓީއަކަށް ފުލުހުން ޖަވާބުދީފައިނުވާ ކަމަށް އެމްޑީޕީއިން ބުނެފައި ވެއެވެ.