ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ހުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ހުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަމުން ވަކިވާނެ ގޮތް ހެދުމަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފި އެވެ.

ފަނޑިޔާރުންގެ ޤާނޫނަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހް ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވުމާއި އެކު އެބޭފުޅަކު ފަނޑިޔާރު ކަމުން ވަކިވާނެއެވެ.

އަބްދުލްރަހީމް ހުށަހެޅުއްވި އިސްލާގައި ފަނޑިޔާރުންގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ފ) ގައި ބުނެފައި އޮންނަނީ ފަނޑިޔާރުންގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ކުރާ ޙުކުމެއް ނިހާޢީ ޙުކުމެއް ކަމަށް ކަނޑައެޅޭ ހިނދުން ފެށިގެން އެފަނޑިޔާރަކު މަގާމުން ވަކިވާނެއެވެ. މިމާއްދާގެ މިއަކުރުގެ ދަށުން ފަނޑިޔާރަކު މަގާމުން ވަކިވާ ވަކިވުމަކީ ތައުދީބީ ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ފިޔަވަޅު އެޅުމުން ކަމުގައި ނުވާތީ ޤާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް އޮންނަ އިޖުރާޢަތެއް މި ހާލަތުގައި ނުހިނގާނެ ކަމަށް ވެސް އިސްލާހްގައި ވެއެވެ.

އަބްދުލްރަހީމް ހުށަހެޅުއްވި އިސްލާހްގައި ވަނީ ޖިނާޢީ ކުށެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވެއްޖެނަމަ ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ލިބޭނީ 10 ދުވަސް ކަމަށާއި އަދި 30 ދުވަސް ތެރޭގައި ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް އެމައްސަލަ ބަލައި ނިންމަން ޖެހޭނެ ކަމަށެވެ.

ޖިނާޢީ ކުށެއްގެ ތުހުމަތުގައި ފަނޑިޔާރަކު ހައްޔަރުކޮށްފިނަމަ މުސާރަ ހިނގާ ގޮތައް އެފަނޑިޔާރަކު ޖޭއެސްސީ އިން ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށާއި އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ދައުވާ އެއް އުފުލައިފި ހާލަތެއްގައި ފަނޑިޔާރަކު މުސާރަ ނުހިނގާ ގޮތައް ސަސްޕެންޑް ކުރަން ޖެހޭނެ ކަމަށް ވެސް އަބްދުލްރަހީމް ހުށަހެޅުއްވި އިސްހާލުގައި ވެއެވެ.

އަބްދުލްރަހީމް ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލްގެ ބަހުސް މާދަމާ މަޖިލީހުގައި ފަށަން ވަނީ ތާވަލް ކޮށްފައެވެ.

ފަނޑިޔާރުންގެ ޤާނޫނު އިސްލާހް ކުރުމުގެ މަސައްކަތް ސަރުކާރު ހިންގާ ޕީޕީއެމް އިން ކުރަމުން ގެންދާއިރު ބޮޑެތި ޖިނާޢީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށްފައެވެ.