ކުރިއަށް އޮތް އާއަހަރުގެ ޗުއްޓީ އާއި ދިމާކޮށް 21 ގައުމެއްގެ ރައްޔިތުންނަށް ހިލޭ 15 ދުވަސް ވަންދެން ވިސާ ދިނުމަށް ތައިލެންޑް ސަރުކާރުން ނިންމި އިރު އެގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ތައިލެންޑްގެ ކެބިނެޓުން އިއްޔެ ނިންމާފައި ވަނީ އަންނަ ޑިސެމްބަރ މަހުން ފެށިގެން ޖަނަވަރީ މަސް ނިމެންދެން 21 ގައުމެއްގެ ރައްޔިތުންނަށް ހިލޭ ވިސާ ދިނުމަށެވެ. މިނިންމުމަކީ ތައިލެންޑްގެ ފަތުރުވެރިކަން ކުރިއަރުވާ، އެގައުމަށް އަންނަ މީހުންގެ އަދަދު އިތުރު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ތައިލެންޑް ސަރުކާރުން ބުނެއެވެ.

ހިލޭ ވިސާ ދިނުމަށް ހަމަޖެހިފައި ވަނީ އެންޑޯރާ، ބަލްގޭރިއާ، ބޫޓާން، ޗައިނާ، ސައިޕްރަސް، އިތިއޯޕިއާ، ފިޖީ، އިންޑިއާ، ކަޒަކިސްތާން، ލެތުވިއާ، ލިތުއޭނިއާ، ދިވެހިރާއްޖެ، މޯލްޓާ، މޮރިޝަސް، ޕަޕާ ނިއު ގިނީ، ރޮމޭނިއާ، ސެން މަރީނޯ، ސައުދީ އަރަބިއްޔާ، ޔޫކްރޭން އަދި އުޒްބަކިސްތާން ރައްޔިތުންނަށެވެ.

ފަހަކަށް އައިސް ތައިލެންޑަށް ޒިއާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ މަދުވެފައެވެ. މިދިޔަ ތިން މަސް ދުވަސް ތެރޭގައި ތައިލެންޑަށް ޒިއާރަތް ކުރި ފަތުރުވެރިންގެ އަދަދު ދިހަ އިންސައްތަ ވަނީ މަދުވެފައެވެ. އެހެންކަމުން އާއަހަރުގެ ބަންދާއި ދިމާކޮށް ފަތުރުވެރިންގެ އަދަދު އިތުރު ކުރަން ތައިލެންޑްގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައެވެ.

ވިސާ އަށް ލުއި ދީގެން ފަތުރުވެރިން އަންނަ މިންވަރު 30 އިންސައްތަ އިތުރު ކުރެވިދާނެ ކަމަށް ތައިލެންޑް ސަރުކާރުން އުއްމީދު ކުރެއެވެ.

ތައިލެންޑް ސަރުކާރުން ނިންމާފައި ވަނީ ކުރިއަށް އޮތްތަނުގައި ޗައިނާގެ ފަތުރުވެރިން ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރާށެވެ. އެގޮތުން ޗައިނާގެ ބޮޑެތި ކުންފުނިތަކާއި ގުޅިގެން ތައިލެންޑް އިސްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަޒްލީން

    ދިވެހީން ގޮވައިގެން ޕަތާޔާއަށް އަގުހެޔޮކޮއް ޚިދުމަތް ލިބިގަތުމަށް ޕެކޭޖު ތައާރަފެއް ނުކުރޭތޯ..

  2. ގާސިމް

    މިފަހަރު މުދާފަށެއް އިތުރުވާނެ ވިޔަފާރިއައްވެސް އިތުރު ފައިދާއެއްލިބިގެން ދާނެ ނަމަވެސް ހިތާމައަކީ އިބޫސަރުކާރުން މިފަހަރު ޑޮލަރުގެ އަގު ބޮޑުކުރީމާ ވާނެގޮތް