ހުޅުމާލެއިން ހޮނިހިރު ދުވަހުގެ ރޭ ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

އާއިލާ މީހަކު ބުނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ރޭ ފެނުނީ ފުލުހުންނަށް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެ ކަން "ވަގުތު" އަށް ކަށަވަރު ކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ފަތިހުގެ ވަގުތެއްގައި އެކުއްޖާ ފެނިފައިވާ ކަމަށެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައި ވަނީ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައެވެ. މިކުއްޖާ އާއިލާއާއި ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ ކުއްޖަކީ ގއ.މާމެންދޫ އަށް ނިސްބަތްވާ ކުއްޖެކެވެ. އެކުއްޖާ އާއިލާ އާއި އެކު ދިރިއުޅެމުން އައީ ހުޅުމާލޭގައެވެ.