ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމުން ވަކިކުރަން އުޅެނީ ލާދީނީ ފިކުރުތަކަށް ފުރުސަތު ހޯދުމަށް ކަމަށް ރައްޔިތުން މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވެއްޖެއެވެ.

ރިޒާ މިހެން ވިދާޅުވީ އޭނާ ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަކިކުރަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން މައްސަލަ އަށް ޖަވާބުދާރީ ވުމަށް ދެއްވި ފުރުސަތުގައެވެ.

ރިޒާ ވިދާޅުވީ އޭނާ ޖޭއެސްސީން ވަކިކުރަން ބޭނުންވަނީ ފަނޑިޔާރުންނާއި ފަނޑިޔާރު ގެތަކަށް ނުފޫޒު ފޯރުވާ، ލާދީނީ ފިކުރުތަކަށް ފުރުސަތު ހޯދުމަށް ކަމަށެވެ. އޭނާ މަގާމުން ވަކިކުރަން ހުށަހެޅިއިރު އޭނާގެ މަސައްކަތުގެ ދާއިރާގައި ހިމެނޭ ކަންކަމުގެ ތެރެއިން އެއްވެސް މައްސަލައެއްގެ މައުލޫމާތު ސާފުކުރަން މަޖިލީހުން އެދިވަޑައިގެންފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"މި މަޖިލީހުން އަޅުގަނޑު ޖޭއެސްސީގެ މެންބަރު ކަމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަަމައަށް ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާނީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން. އަޅުގަނޑު ޖޭއެސްސީގައި އިނދެ ބެލި އެއްވެސް މައްސަލައެއްގައި ފިޔަވަޅު އެޅި އެއްވެސް ފަނޑިޔާރަކު، ފިޔަވަޅު އެޅިގޮތަކުން އެއްވެސް ޝަކުވާއެއް މިހާތަނަށް އުފުއްލަވާފައެއް ނުވޭ." ރިޒާ ވިދާޅުވިއެވެ.

ނަމަވެސް މަޖިލީހުގެ ހާލަތު މިއަދު އޮތް ގޮތުން އޭނާ މަގާމުން ވަކިކުރެވިދާނެ ކަމަށާއި އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އޭނާ އަކީ ފިނޑި މީހަކަށް ނުވާތީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކޮށްފައިވާތީ ރިޒާ ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައެވެ. ރިޒާ ވިދާޅުވީ އޭނާއަށް ތުހުމަތުކުރާ މައްސަލައަކީ އެމްޕީއެލްގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރެއްވި މައްސަލައެއް ކަމަށެވެ.

"އެމައްސަލައިގައި އަޅުގަނޑު ކޯޓަށް ދިޔައީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކުން 42 މިލިއަން ރުފިޔާ ހޯދަން އަމިއްލަ ފަރާތަކުން ކޮށްފައިވާ ދައުވާއެއްގައި ސަރުކާރުގެ ކުންފުނި ދިފާޢު ކުރަން. އަޅުގަނޑުގެ ތަޖުރިބާ އާއި މަސައްކަތުން ސަރުކާރު ކުންފުނި ވާނީ 42 މިލިއަން ރުފިޔާގެ ދަރަންޏަކުން ސަލާމަތް ކޮށްދީފައި. އެއީ ކޮރަޕްޝަން ކަމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވަންޏާ ދެން އަޅުގަނޑު ދަންނަވާނެ އެއްޗެއް ނެތް." ރިޒާ ވިދާޅުވިއެވެ.

ރިޒާ މަގާމުން ވަކިކުރުމުގެ މައްސަލައަށް ވޯޓަށް އަހާނީ މިއަދު 13:30 ގައި ވޯޓަށް އެހުމަށް އޮންނަ ވަގުތުގަ އެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ރިޒާ އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. ރިޒާ މިމަގާމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެެއްވީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ަިިިަްއިއްބެ

    ދީނުގެ ނަމުގައި ކޮންމެ ކަމެއް ވެސް ވަރިހަމަދޯ.

  2. ާއެދުރު

    ރިޒާ ކަލޭ ލަދެއް ނުގަނޭތަ ދީނޭ ކިޔަގެން

    މީސްތަކުންގެ ޙައްޤު ތަކަށް އަރައިގަންނަމުން

    ތިޔަ ދަނީ.

    • ފިކުރު

      ރިޟާ އެ ގޮވަމުންދަނީ ތިމަންނަ ކާކުގެ ޙައްޤަކަށްހޭ އަރައިގަތީ. މީހުންގެ ޙައްޤުތަކަށް އަރައިގަންނަނީއޭ ބުނާއިރު އެމީހަކުވެސް ހުންނާނެ. މިރާއްޖޭގައި ރައީސަކު ފާޅުގައި އެންމެންގެ ލޯކުރިމަތީގައި ޤާޟީއަކު ރަހީނުކޮށް ޤާނޫނާއި ޤާނޫނުއަސާސީއާއި ޚިލާފަށް ބެހެއްޓިއިރުވެސް އަދި އެކަން ދިފާޢުކޮށް އާންމުކޮށް ޖަލްސާތަކުގައި ވާހަކަ ދެއްކިއިރުވެސް އެ ރައީސް އަކީ ކުށެއްނުކުރާ މަޢުޞޫމް މީހަކަށް މިވަނީ ހަދާފައި. އެހެނަސް ހުވައިގާ ވަނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށް. މިއަދު ރާއްޖެ މިދަނީ ފުންވަޅުގަނޑަކަށް ވެއްޓެން. ހިތާމައަކީ މީހަކު އެއްޗެކޭ ބުނާއިރަށް އޭގެ ޙަޤީޤަށް ބެލުމެއް ނެތި ހޯބޯ ލައްވައިގަތުން. މިއަދު ރިޟާ ބޭރުކުރަނީ ހަމަ ޙަޤީޤަތުގައިވެސް ލާދީނީ ފިކުރުގެންނަން. އެނޫން އެއްވެސް ކަމެއްނެތް. އެތަނަށް ދެން ގެންނާނީ މާރިޔާ.

  3. ނަޖްވާ

    ލާ ދީނީ ފިކުރޭ ކިޔައިގެން ކޮން ދީނީ ކާޑެއް ޖަހާކަށްތަ؟ އިންތިހާ އަށް ކޮރަޕްޓް މީސްމީހުން މަޤާމު ތަކުގަ ތިބޭނެ ކަމެއް ނެތޭ!

  4. މޮޔަބެ

    ކަލޭ ވ ދީނީދޯ؟ އެންމެ ފަހުން ކިޔާނެ އެއްޗެއް ނޭނގިގެނ ދީން.. އަޖާބެއް ބުނަން މީ

  5. ފިޔާޒް

    ދީނާ ގައުމަށްޓަކާ ! ލާދީނީ ފިކުރަށް ތަން ދިނުމަށް ! ދައްކާނެ ބަހަނާއެއް ނެތީމަ ކިޔާ އެއްޗިހި.

  6. ޑިމޮކްރަސީ

    ތީނަޔާ ތީނަގެ އައުވާނުން ނޫން އެންމެންނަކީ ލާދީނީމީހުން ކޮބާލަދު ތިމީހުންގެ މިޤަވްމުގެ މެޖޯރިޓީ ރައްޔިތުންނަށް ލާދީނީއޭގޮވަން

  7. ވަތަބަޑޭރި

    ބެލި މައްސަލައެއްގައި ފަޑިޔާރަކު ޝަކުވާނުކުރެއޭ ބުނާއިރު އޭދަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓްގެ އަބުރު ކަތިލީ ގަސްދުގަ ސިޔާސީ ބޭނުމަށް