އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން ހުށަހަޅާފައިވަ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލަން ޕާޓީތަކުގެ ފަރާތުން މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ. މި ބިލު ބަލައިގަތުމަށް ފާސްވީ 48 މެމްބަރުންގެ ވޯޓާއެކުއެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވިއެވެ.

އަބުރުގެ ގާނޫނު އުވާލުމުގެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު އަބުރު ރައްކާތެރި ކުރުމާއި ބެހޭ ގާނޫނު އުވާލާ، ނޫސްވެރިކަމުގެ މިނިވަންކަން ޔަގީންކޮށްދެއްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ކެންޕެއިން ތެރޭގައި ވައުދުވެވަޑައިގެންފައެވެ.

މީގެ ކުރިން ބައެއް މީޑިއާތަކަށް ޒިޔާރަތްކުރައްވާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ، ވެރިކަމަށް ވަޑައިގަތުމަށްފަހު ގިނަވެގެން 100 ދުވަހުގެ ތެރޭގައި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލާނެކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން މީޑިއާ އަކީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ދެކި އެގޮތަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން އިބޫ ވަނީ މީޑިއާ އަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Miadhu

    ފާސްކުރޭ ފާސްކުރޭ ހުރިހާއެއްޗެއް ފާސްކުރޭ.
    ޤާނޫނު އަސާސީގައި އޮންނާނެ ރާއްޖޭގެ ދީނަކީ އިސްލާމްދީނޭ މިބައިވެސް އުވާލަން ފާސްކުރޭ ތިއޮތީ މަޖިލިސް ހިތަކަށްލިބިފަ