ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުގެ ބެންޗަށް އަރާ ޒުވާނުންތަކެއް ނަގާފައިވާ ފޮޓޯތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

އެ ތިން ޒުވާނުން ފޮޓޯ ނަގާފައިވަނީ ޖުވެނައިލް ކޯޓު ތެރޭގައި ކަމަށްވާއިރު، މައުލޫމާތު ލިބޭ ގޮތުގައި އެ ޒުވާނުންނަކީ އެ ކޯޓަށް ހެކި ބަސް ނެގުމަށް ގެންދިޔަ ޒުވާނުންތަކެކެވެ. ނަމަވެސް މިއީ ކޮން ދުވަހެއްގައި ނަގާފައިވާ ފޮޓޯތަކެއްކަން ސާފެއް ނުވެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނުން ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެ ތިބޭ މަންޒަރު ފެނެއެވެ. އެ ފޮޓޯތައް ނެގިއިރު ޝަރީއަތުގެ މަޖިލީހަށް ފޯނު ވެއްދުމަކީ މަނާ ކަމެކެވެ.

މިކަމާ ގުޅިގެން ޑީޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޯޓެއްގެ ހުއްދައަކާއި ނުލައި، ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ، ކޯޓު ހުރުމަތް ރައްކާތެރި ކުރުމާއި ބެހޭ ޤަވާއިދަށް ބަލާއިރު، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަކަށް ވާތީ އެ އަމަލު ކުއްވެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ކަރާމާތާއި ޤަދަރަށް އުނިކަން އަތުވެދާނެ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އާއްމުކޮށް އަންގާ ކަމަށެވެ.

އަދި އެ އަމަލަކީ ކޯޓު ހުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާއިދުގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލަކަށް ވާތީ، އެމައްސަލަ ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ އެންމެހައި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ބަލަ އާދައިގެ ބައެއްވީމަ އެމައްސަލަ ބެލޭދޯ؟ ކޮބާ ރައްޔިތުން މަޖިލީހުގެ ހުރުމަތްކަނޑާ އެތާ ހިތައްެއެރި ކަރުދާހެއް ހިފައިގެން، މަޖިލިސް ރައީސްގޮނޑިއާ މޭޒަށް ކޮޅަށްއެރިމީހުންގެ މައްސަލަ ބަލާކަށް ނުޖެހޭތަ؟ އެމީހުންނަކީ ރައްޔިތުން ތަމްސީލުކުރަން ތިބިބައެއް.. ތިބުނާމީހުންނަކީ މައްސަލައެއްގަ ގެނައިބައެއް. މީގަ ސީރިއަސް އީ ކޮން މަސްސަލައެއް؟ އަދި ކޮންތަނެއް؟ ކީއްވެ އެކަން ނުބެލެނީ؟

  2. Miadhu

    ޢަދެ އަދޭ. ކޯޓުގެ ހުރުމަތް އޮންނާނީ އެތާ ތިބޭފަޑިޔާރުންގެ ހިރުމަތެއް އޮތްނަމަތާ