ސްރީލަންކާގެ ދެކުނުގެ ސަރަހައްދުގައި އުފެދުނު ކޮޅިގަނޑު ބާރުގަދަވަމުން މިހާރު މަޑު މަޑުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކާ ދިމާލަށް ދަތުރު ކުރަމުންދާ ކަމަށް ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

ނިއު ދިއްލީގައި ހުންނަ ރީޖަނަލް ސްޕެޝަލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރުން އިއްޔެ ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 36 ގަޑި އިރުގެ ތެރޭގައި ކޮޅިގަނޑުގެ ބާރު ގަދަވެ ޑިޕްރެޝަންއަކަށް ބަދަލުވެދާނެ ކަމަށާއި ލަންކާގެ ދެކުނުގައި އުފެދުނު އެ ކޮޅިގަނޑު ދަތުރު ކުރަމުންދަނީ ހުޅަނގުން އުތުރަށް ކަމަށެވެ.

އޭގެ އިތުރުން މެޓު އޮފީހުންވަނީ ހއ.އަތޮޅާއި ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓްވެސް ނެރެފައެވެ.

މެޓްއޮފީހުން ވިދާޅުވެފައި ވަނީ ވައިޖެހޭނީ އުތުރަށާއި މެދުތެރެއަށް އުތުރާއި އިރު އިތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި، ދެކުނުގެ ސަރަހައްދަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 05 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަަށީގެންށާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން އުތުރާއި މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ، އަދި ބޯކޮށް ވާރޭވެހި ގުގުރާ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ޢާއްމުކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން ވަނީ ދަންނަވާފައި އެވެ.