ރައްޔިތުން މަޖިލީހުގެ މެންބަރުން އަމިއްލަ ފައިދާ އާއި މަންފާ އަށް މަޖިލީހުގައި ތަމްސީލް ކުރަމުން އަންނަ ޕާޓީ ބަދަލު ކުރުން ހުއްޓުވަން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެނިމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފިއެވެ.

އެންޓިޑިފެކްޝަން ޤާނޫނު އުވާލަން 37 މެންބަރުން ވޯޓް ދެއްވިއެވެ. ޤާނޫނު އުވާލާން ނުފެންނަ ކަމަށް ވޯޓް ދެއްވީ 17 މެންބަރުންނެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި މަޖިލީހުން ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

މި އަހަރުގެ މާޗް މަހު އަމަލުކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީން ސުލޫކީ ފިޔަވަޅު އެޅުން ވެސް ހިމެނެ އެވެ. އަދި ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ވެސް މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސިޔާސީ ޕާޓީތައް ތަމްސީލް ކުރަން ފެށިފަހުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަޖިލީހަށް މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލު ކުރުމެވެ. ނަމަވެސް އެންޓިޑިފެކްޝަން ޤާނޫނު އައުމާއި އެކު އެމައްސަލައަށް އޮތީ ހައްލު ލިބިފައެވެ. އެންޓިޑިފެކްޝަން ޤާނޫނަށް ކޮންމެވެސް ވަރެއްގެ އިސްލާހުތަކެއް ގެނެސްގެން ނަމަވެސް އެޤާނޫނު އުވާނުލުމަށް ވަރަށް ގިނަ ރައްޔިތުން ދިޔައީ އެކި ފޯރަމްތަކުގައި ގޮވާލައްވަމުންނެވެ.

އިދިކޮޅު މެންބަރުންގެ ތާއީދާއި އެކު އެންޓި ޑިފެކްޝަންގެ ޤާނޫނު އުވާލުމަށް ފާސްވުމާއި އެކު މިހާރު އަނެއްކާވެސް މިވަނީ ޕާޓީ ބަދަލު ކުރުމުގެ ބާރު މެންބަރުންނަށް ލިބެން ފުރުސަތު ފަހިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވިލުފުށިމީހާ

    ރިޔާޒު ރަސީދު މެމްބަރު ކަމައް ހޮވުން ދެން ނިމުނީ

  2. އަލީ

    ރައްޔިތުންގެ މަޖިލިހުގެ ނަންބޯޑު އަވަހަށް ބަދަލުކުރައްވާ! ނީލަން ފިހާރަ މިނަމަށް! އަދި މެންބަރުން ގަނެވޭނެ އެންމެނަތީއަގުވެސް ހައްދަވައި އިއުލާ ބަހައްޓަވާ!

  3. ފާތުން

    އަބުރާބެހުން ވެސް ހުއްދަ ވެއްޖެ. ދީނަށް ފުރައްސާރަ ކުރާ ކޮންމެ މީހަކީ ސިކުނޑި ހަމަނުޖެހޭ މީހަކަށް ވެސް ދީނީ ޢިލްމުވެރީންނާއި ދިވެހި މުޖުތަމަޢުން ބަލައިގެންފި. ސާބަހޭ ޖަޒީރާ ރާއްޖެ.