އިއްޔެ މަޖިލީހުން ފާސްކޮށް ކޮމިޓީއަށް ފޮނުވާފައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުއްﷲ މަޖިލީހަށް ހުށައެޅި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނެވުމުގެ ބިލުގެ އިތުރުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކް މަޖިލީހަށް ހުށައެޅި އެންޓި ޑިފެކްޝަން ބިލްގެ ވޯޓަށް އެހުން މިއަދަށް ތާވަލް ކޮށްފިއެވެ.

މިއަދުގެ ޖަލްސާ 13:00 ގައި ފެށޭއިރު ޖަލްސާގައި ވަނީ އެންޓި ޑިފެކްޝަން ބިލް، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކުރެއްވި ރިޕޯޓް ގެ އިތުރުން ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނެވުމުގެ ބިލް، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހާއި ހިއްސާ ކުރުމެވެ.

އެ ދެބިލްގެ ބަހުސް މަރުހަލާ ނިންމާ ކޮމިޓީ މަރުހަލާއަށް އިއްޔަގެ މަޖިލީހުގައި ފޮނުވާފައިވާއިރު އެ ދެބިލްވެސް ފާސް ކުރުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރުންނާއި އެމްޑީއޭގެ މެންބަރުން ދަނީ ގޮވާލަމުންނެވެ.