ޕީޕީއެމް ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން އެންޑޯޒް ކޮށްނުދިން މައްސަލައިގައި ހައިކޯޓުން ހުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމް އިން ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނުން އެންޑޯޒް ކޮށްނުދިނުމުން، އެ ޕާޓީން ހައިކޯޓަށް ހުށަހެޅި މި މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން މިއަދު ވަނީ ނިންމާލާފައެވެ.

ހައިކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގައި މިއަދުގެ އަޑުއެހުމުގައި އޮތީ ޕީޕީއެމް އިން ހުށަހެޅި މައްސަލައިގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުން ދައްކާފައިވާ ވާހަކަތަކަށް، ޕީޕީއެމް އިން ޖަވާބުދާރީ ވުމާއި، ފަނޑިރާރުން ސާފުކުރަންޖެހޭ ކަންކަން ދެފަރާތުންވެސް ސާފު ކުރުމެވެ.

އިލެކްޝަންސްގެ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމްގެ ވަކީލް ޢަބްދުﷲ ޝިޔާޒް ވިދާޅުވީ، ކޮންގްރެސް ބަލައި ނުގަންނަން ނިންމި ސަބަބުތައް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ޕީޕީއެމް އަށް އަންގާފައި ނުވާ ކަމަށާއި، ކޮންގެރެސް ބަލައި ނުގަތް ސީދާ ސަބަބުތައް އިލެކްޝަނުން ސާފުކޮށްދެއްވީ ހައިކޯޓުގެ ޝަރީއަތުގައި ކަމަށެވެ. އަދި ޕީޕީއެމްގެ ޢާއްމު ކޮންގްރެސްތަކާއި، ޚާއްޞަގޮތުން ބާއްވާ ކޮންގްރެސް ތަފާތެއް ނުވާނެކަމަށް އިލެކްޝަނުން ބުނެފައިވަނީ އަސާސެއްގެ މައްޗަށް ނޫން ކަމަށްވެސް ޕީޕީއެމް އިން ހައިކޯޓުގައި ވިދާޅުވިއެވެ.

ޕީޕީއެމްގެ ޚާއްޞަ ގޮތުން ބޭއްވި ކޮންގްރެސްގެ ކުރިން އެ ޕާޓީގެ އަސާސީ ގަވާއިދުގެ ބައެއް މާއްދާތަކަށް ޢަމަލު ނުކުރަން ނިންމުމުގެ ބާރު އެ ޕާޓީގެ ކައުންސިލަށް ލިބިގެން ނުވާކަމަށް އީސީން ބުނި ބުނުންވެސް ޕީޕީއެމް އިން ވަނީ ދޮގު ކޮށްފައެވެ. ޝިޔާޒު ވިދާޅުވީ، އެ ބާރު އެ ޕާޓީގެ އަސާސީ ގަވާއިދުގެ 87 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުން ޕީޕީއެމްގެ ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

މައްސަލަ ހުށަހެޅިއިރު އެ މާއްދާތައް އުނިކުރަން ނިންމި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގެ ޔައުމިއްޔާ ކޯޓަށް ހުށަހެޅިފައި ނެތުމުން ކައުންސިލްގެ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ ޕީޕީއެމް އިން މިއަދު ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ. އެ ޔައުމިއްޔާ ޝަރީއަތަށް ހުށަހެޅުމަށް އެކަމާ އިލެކްޝަންސް ކޮމިޝަނުންގެ ވަކީލުން ވަނީ އިންކާރުކޮށް، އެގޮތަށް އެ ލިޔުން ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު ވިދާޅުވީ އެ ލިޔުން ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ.

ކޮންގްރެސްގެ ކުރިން ޕީޕީއެމްގެ ޚާއްޞަގޮތުން ބާއްވާ ކޮންގްރެސްގެ ތަފްސީލު ޕީޕީއެމް އިން ޢާއްމުކޮށްފައި ނުވާކަމަށްވުނެ އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރާ ކަންކަމަށް ރައްދު ދެއްވައި ޕީޕީއެމް އިން ހައިކޯޓުގައި ވިދާޅުވީ، އެ އިއުލާންތަކުގެ ތަފްސީލު ނުލިބިގެން ޕާޓީގެ އެއްވެސް ޢާއްމު މެންބަރަކު އަދި ޢާއްމު ފަރުދެއްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުންވެސް އެއްވެސް ޝަކުވާއެއް އެ ޕާޓީގެ އެއްވެސް ގުނަވަނަކަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

ޕީޕީއެމް އަށް 4 ނައިބު ރައީސުން އިންތީޚާބު ކުރިއިރު، އެ ޕާޓީން ކުރި އިޢުލާނުގައި އިންތިޚާބު ކުރާނީ 3 ނައިބު ރައީސުން ކަމަށް ބަޔާންކޮށްފައި އޮތް އޮތުމާ ގުޅިގެން އީސީން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި ޕީޕީއެމް އިން ވިދާޅުވީ، ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް ޕީޕީއެމްގެ މުޅި ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަނުން ނިންމަންޖެހޭ ކަމެއް ނޫންކަމަށާއި، އެކަމަކީ އެ ކޮންގްރެސްގެ ޞައްޚަކަމަށް އަސަރުކުރާނެ ކަމެއްވެސް ނޫން ކަމަށެވެ. އަދި އަސާސީ ގަވާއިދަށް ކޮންގްރެސްގެ ތެރެއިން އިސްލާހު ގެނެސް މަޤާމްތަކަށް ބޭފުޅުން އައްޔަންކުރުމަކީވެސް މީގެ ކުރިން ފެނިފައިވާ މަންޒަރުތައް ކަމަށް ޕީޕީއެމް އިން ފާހަގަކުރެއްވިއެވެ.

ޕީޕީއެމްގެ ދަފަތަރުގައި ނެތް އެތައް ބަޔަކު ޕީޕީއެމްގެ ކޮންގްރެސްގައި ވޯޓުލާފައިވާތީ ކޮންގްރެސްގެ ޞައްޚަކަމާމެދު އިލެކްޝަންސް ކޮމިޝަނުން ސުވާލު އުފައްދާފައިވާތީ ރައްދު ދެއްވައި ޕީޕީއެމްގެ ވަކީލު ޢަބްދުﷲ ޝިޔާޒު ވިދާޅުވީ، ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްގައި ވޯޓުލާފައިވަނީ ކޮންގްރެސް ބޭއްވި ދުވަހުގެ (28 ސެޕްޓެމްބަރ 2018) މެންދުރުފަހު 14:00 އާ ހަމައަށް ސިޔާސީ ޕާޓީގެ ޤާނޫނާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ ޕާޓީގެ މެންބަރުން ކަމަށެވެ.

ޕީޕީއެމްގެ އަސާސީ ޤަވާއިދާ ޚިލާފަށް ކޮންގްރެސްގައި ވޯޓިންގ ބޫތު ބަހައްޓައިގެން ވޯޓުލާފައިވާކަމަށް އިލެކްޝަނުން ފާހަގަކޮށްފައިވާ ކަންކަމަށް ރައްދު ދެއްވައި ޕީޕީއެމް އިން ވިދާޅުވީ، ޚާއްޞަގޮތުން ބޭއްވި ކޮންގްރެސްގައި ޝީޓިންގ އެރޭންޖުމެންޓަސް ހުރި ގޮތުންނާއެކު، ވޯޓިންގ ބޫޓު މަންދޫބުން ތިބި ތަނަށް ގެންގޮސްގެން ވޯޓު ލުމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވޯޓު ލީއިރު ވޯޓުގެ ސިއްރުކަން ގެއްލިގެން ނުވަތަ ޖަހާ ފާހަގަ އެހެން މީހުނަށް ފެންނަކަމުގެ އެއްވެސް ޝަކުވާއެއް އެއްވެސް މަންދޫބަކު ކޮށްފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ކޮންގްރެސް އޮބްޒަރވް ކުރި އިލެކްޝަނުގެ މަންދޫބުންވެސް ކޮންގްރެސް ކުރިއަށްދިޔައިރު ފާހަގަކޮށްފައި ނުވާކަމަށްވެސް ޕީޕީއެމް އިން ކޯޓުގައި ވިދާޅުވިއެވެ.
ޕީޕީއެމް އިން ހައިކޯޓަށް ހުށަހެޅި މި މައްސަލައިގައި އިލެކްޝަނުން ދެއްވި ޖަވާބަށް ޕީޕީއެމް އިން ރައްދު ދީ ނިމުމުން މައްސަލައާއި ގުޅިގެން ހައިކޯޓުން މައްސަލަ ބެއްލެވި ބެންޗުން ސާފުކުރަން ބޭނުންފުޅުވި ބައެއް ކަންކަން ސާފު ކުރައްވާފައިވެއެވެ.

މި މައްސަލައިގައި ފަހު ބަސް ވިދާޅުވުމަށް ދެއްވި ފުރުޞަތުގައި ޕީޕީއެމްގެ ވަކީލު ޢަބްދުﷲ ޝިޔާޒު ވިދާޅުވީ، 2018 އޮކްޓޯބަރ 2 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އިތުރު މަޢުލޫމާތަށް އެދި ޕީޕީއެމްގައި އެދިފައިވާ ކަމަށާއި، އެދިފައިވާ ކަންކަން ސާފުކޮށް ދިނުމުގެ ގޮތުން ޖަވާބު އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން އިތުރު އެއްވެސް ކަމެއް ސާފު ކުރުމަށް އިލެކްޝަނުން ޕީޕީއެމްގައި އެދިފައި ނުވާ ކަމަށާއި، އިޖުރާއަތުތައް ފުރިހަމަ ނުވާކަމަށް ބުނާއިރު ފުރިހަމަ ނުވަނީ ކޮން އިޖުރާއަތުތަކެއް ކަންވެސް އިލެކްޝަނުން ސާފުކޮށްދީފައި ނުވާ ކަމަށް ޕީޕީއެމް އިން ވިދާޅުވިއެވެ.

ފަހު ފުރުޞަތުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ރިފްޢަތު ޢަބްދުﷲ ވިދާޅުވީ، އެ ކޮމިޝަނުން ޢަމަލުކުރަމުންދާ އުޞޫލަކީ އެކަކު ގިނަ ޕާޓީތަކުގެ ކޮންގްރެސްތަކުގައި ވޯޓުލުން ހުއްޓުވުމަށް ދެމެހެއްޓުން މުހިންމު އުޞޫލެއް ކަމަށާއި، އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ޤާނޫނާއި ގަވާއިދާ ޚިލާފަށް ބާއްވާފައިވާ ކޮންގްރެސްއެއްގެ ނިންމުންތައް އެންޑޯޒް ނުކުރުމަކީ އެ ކޮމިޝަނަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކޮށްދިނިމަށް އެދި ޕީޕީއެމް އިން ހައިކޯޓަށް ހުށަހެޅި މި މައްސަލައިގައި މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން އިސް ފަނޑިޔާރު ވިދާޅުވީ، މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ސާފުކުރަންޖެހޭ އިތުރު ކަމެއް ދިމާ ނުވާނަމަ، ދެން އޮންނަ އަޑުއެހުމެއްގައި މި މައްސަލައިގެ ހުކުމް އިއްވާނެ ކަމަށެވެ.