ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެއްދީ ގާސިމް އިބްރާހިމަށް ވެރިކަން ހޯދައިދިނުމުގެ މަޤުޞަދުގައެވެ. އަދިވެސް އެމަޤުޞަދު އޮތީ އެގޮތަށެވެ. ގާސިމަށް ވެރިކަން ހޯދައިދިނުމުގެ މަޤުޞަދު ޖޭޕީ އަށް އަދި ހާސިލްނުވި ނަމަވެސް ޖޭޕީ އަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ގޭމް ޗޭންޖަރެކެވެ. 2008، 2013 އަދި 2018 ގައި ވެސް އެޕާޓީ އިން ވަނީ އެކަން ސާބިތުކޮށްދީފައެވެ. ނަމަވެސް ސުވާލަކީ ޖޭޕީގެ ލީޑާޝިޕަށް އެޕާޓީގެ ހަޤީޤީ ސައިޒު އެނގޭ ހެއްޔެވެ؟ ޖޭޕީގެ މެންބަރުންނަށް ޙައްޤުވާ މިންވަރު ޖޭޕީގެ ލީޑާޝިޕަށް އެނގޭ ހެއްޔެވެ؟

ކުރިއަށް އޮތީ ރައްޔިތުން މަޖިލީހުގެ އިންތިޚާބެވެ. ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ޕާޓީއެއްގެ ގޮތުގައި އޮތުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު މުހިންމެވެ. އިދިކޮޅު އިއްތިހާދުގެ މެދުގައި ގޮނޑިތައް ބަހާލާއިރު ޖޭޕީއަށް އެޕާޓީގެ ހަޤީޤީ ސައިޒާއި އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބެން ޖެހޭނެއެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރާއި، ގިނަ ނައިބު ލީޑަރުން ވެސް ނެތި އެޕާޓީ އިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. ޖޭޕީގެ ދާއިރާތައް ކަމަށް ޒަމާނުއްސުރެ ބެލެވިފައިވާ ދާއިރާތަކަށް ރައީސް ޔާމީން ކިތަންމެ ކަމެއް ކޮށްދެއްވާފައި އޮތް ނަމަވެސް ރައްޔިތުން ވޯޓް ދިނީ ގާސިމްގެ ފިކުރަށެވެ.

ފާއިތުވި ތިން ރިޔާސީ އިންތިޚާބުގެ ނަތީޖާ އާއި މިހާރު ޖޭޕީގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަށް ބެލުމުން ޔަގީންވާ ކަމަކީ ޖޭޕީގެ ސައިޒަކީ ހަމައެކަނި ވަޒީރުންގެ މަޖިލީހުން ދެތި ޖާގައާއި ރައްޔިތުންގެ މަޖިލީހުގެ ހައެއްކަ ގޮނޑި ނޫންކަން ޖޭޕީގެ ލީޑާޝިޕުން މިއަދު ގަބޫލު ކުރަން އެބަޖެހެއެވެ.

ޖޭޕީގެ ލީޑަރަކީ ފާއިތުވި ވިއްސަކަށް އަހަރު ރާއްޖޭގެ ސިޔާސީ މައިދާނަށް ސިއްރާއި ފާޅުގައި އެތައް ބަދަލެއް ގެނައުމުގެ މޭސްތިރިއެވެ. ޕާޓީގެ އެންމެ އިސް ސަފުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އެބަހުންނެވިއެވެ. އޭނާ އަކީ ފާއިތުވި ހަތަރު ވެރިކަމުގައި ކެބިނެޓްގައި ހިމެނިވަޑައގެންނެވި ސިޔާސީ ތަޖުރިބާކާރެކެވެ. ދާދި ފަހުން ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވަނީ ޖޭޕީ އާއި ގުޅިވަޑައިގެންފައެވެ. ސިޔާސީ މައިދާނުން މާވަރުގަދަ އަށް ނާޒިމް ނުފެނުނު ނަމަވެސް ނާޒިމަކީ އޭނާގެ ފިކުރާއި ދެކޮޅު މީހުންގެ ވަރަށް ބޮޑު އަމާޒެކެވެ. ނާޒިމް ބަލިކޮށްލުމަށް ބަޔަކު މަސައްކަތް ކުރާނީ ނާޒިމަކީ ސިޔާސީ ގޮތުން ހަރުދަނާ ބޭފުޅަކަށް ވާތީއެވެ. އަދި ދެކޮޅު މީހުންނަށް ހުރި ގޮންޖެހުމަކަށް ވާނެތީއެވެ.

ޖޭޕީގެ ރައީސްގެ ގޮތުގައި ހުންނެވި އަލީ ވަހީދަކީ ޕާޓީ ބަދަލު ކުރުމުގައި މިހާރު ހެޓްރިކް ހައްދަވާފައިވާ ބޭފުޅެއް ކަމަށް ވީނަމަވެސް އޭނާގެ ޒުވާން، ޖޯޝް ވަރުގަދަ ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ތަޖުރިބާ އަކީ ޖޭޕީ އެހެން ހަރުފަތަކަށް ގެންދެވިދާނެ ތަޖުރިބާތަކަކަށް ވާނެ ކަން ޔަގީނެވެ.

މީގެ އިތުރުން ވެސް ޖޭޕީގެ އިސް ސަފުގައި ސިޔާސީ މައިދާނުގެ އެކޮޅާއި މިކޮޅު އެނގިވަޑައިގަންނަވާ ވަރަށް ދުރުވިސްނޭ ބޭފުޅުން އެބަތިއްބެވިއެވެ. ކައުންސިލްގައި ތައުލީމީ ޒުވާނުން އެބަތިއްބެވިއެވެ. ޕާޓީގެ އެކްޓިވިސްޓުންގެ ގޮތުގައި ވެސް ވަރަށް ހަރަކާތްތެރި ބޭފުޅުން އެބަތިއްބެވިއެވެ.

މިހުރިހާ ކަމަކަށް ވިޔަ ޖެހުމުން ނިކުންނަ ނަތީޖާ އަކީ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި އެމްޑީޕީ އަށް ލިބުނު ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުވަތަ އަޣުލަބިއްޔަތާއި ކައިރި ކުރާވަރުގެ އަދަދެއްގެ ގޮނޑި ޖޭޕީ އަށް ޙައްޤެވެ. އެކަން ގަބޫލުކޮށް ޕާޓީއަށް ޙައްޤު މިންވަރު ހޯދަން މަސައްކަތް ކުރުމުގެ ޒިންމާ އޮތީ ޖޭޕީގެ ލީޑާޝިޕްގެ އަތްޕުޅުގައެވެ.

ޖޭޕީ އިން ކޯލިޝަން ހަދައިގެން ރައީސުލްޖުމްހޫރިއްޔާ އަކު ހޮވުމުގެ ބޭނުމަކީ ގާސިމްގެ ކުންފުނިތަކުން ސަރުކާރާއި އެކު ސެޓްލްމެންޓް އެގްރީމެންޓްތަކެއް ހަދާ، ވިޔަފާރިގެ ނަފާ ހަމައެކަނި ހޯދުން ކަމަށް ގަބޫލު ކުރެވިފައި އޮތް ވިސްނުން ދޫކޮށް ޖޭޕީ އިން ވެސް ފުރިހަމަ ސިޔާސީ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.

މިހާތަނަށް ޖޭޕީ އަށް ވެރިކަން ހިއްސާ ކުރަން ލިބިގެން ޕާޓީގެ އެކްޓިވިސްޓުންނަށް ވެސް ލިބުނު ފައިދާއެއް ނެތެވެ. ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންގެ ފެންވަރަށްވުރެ ދަށުން މަގާމެއް ވެސް ޖޭޕީ އަށް ލިބިފައެއް ނެތެވެ.

ސިޔާސީ ބާރާއި ނުފޫޒަކީ، ހޯދަން މަސައްކަތް ކޮށްގެން ނޫން ގޮތަކަށް ލިބޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން ސިޔާސީ ބާރާއި ނުފޫޒު ހޯދުމުގެ ގަޓް ޖޭޕީގެ ކިބައިގައި މިހާރު ހުންނަން އެބަޖެހެއެވެ. ޖޭޕީގެ ހަޤީޤީ ސައިޒު ޖޭޕީ އަށް އެނގެން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިއަދު

    ޖޭޕީއަކީ އަދިވެސް އަތޮޅުތެރޭގެ ރަޢިއްޔަތުންގެ މާ މަގުބޫލު ޕަޓީއަކަށްނުވެ ޖޭޕީ އަކީ ފައިސާއަށް މެމްބަރުންގަންނަ ޕާޓީއެއްގެގޮތުގައި ރަޢިއްޔަތުން ޤަބޫލު ކުރަނީ އެއީ ރަޢިއްޔަތު މީހާގެ ފިކުރެއްނޫން ޖޭޕީގެ ލީޑަރ ޤާސިމް އިބުރާހިމަކީ ސިޔަސީގޮތުން އެއްވެސް ހަރުދަނާކަމެއްހުރި މީހެއްކަމަށް ދިވެހި ރަޢިއްޔަތުން ޤަބޫލެއްނުކުރެ މިކޯލިޝަނުގައިވެސް ޖޭޕީގެ ސައިޒަކީ ނިސްބަތުން ހަމަ ޒީރޯ އެމްޑީޕީގެ ސްޕޯކްސް ޕާޝަން ހާމިދު ބުނިފަދައިން ޖޭޕީއަކީ ގޮޑީގެ ވާހަކަ ދައްކާވަރަށްވުރެ ކުޑަ ޕާޓީއެއް އަދި ޖޭޕީއަށް 5% ވެސް ނުލިބޭނެ

  2. ޙާފިޒު

    މިފަހަރު މަޖިލިސް އިންތިޚާބުގައި އެންމެ ރަނގަޅުވާނީ ވީހާވެސް ގިނަ މެމްބަރުން ޖުމްހޫރީ އާއި ޕީ ޕީ އެމް އިން ހޮވިއްޔާ. އެހެންނޫނީ ވެރިކަމަށް ވަރަށްބޮޑު ބަދަލެއް ގެނެސްދާނެ.

  3. ބުރުމާކަށި

    ޖޕގެ ލީޑަރެ ނާއިބުލީޑަރެ ނެތަސް ރިޔާސީއީންތިހާބުގަ ވަކިނުވެހުރީ ފައިސާ. ފައިސާދުވެފަދިޔައީ ލީޑަރުގެ އަނބިމީހާފަހަތުން. ލީޑަރުގެ އަނބިމީހާ ރަށަކަށްދިޔުމުގެކުރިން އެޑްވާސްޓީމުގެ ކުރީގަ ދެމިހުރީ ފައިސާ. މިފައިސާ ގޭގެއަށް ވެއްދުމުގަ އިސްމީހަކަށްހުންނަނީ ނިކަން މައުސޫމުމީހެއް. އެގިއްޖެދޯ. ދެންއެހެންވީމަ ޖޕގެ ސައިޒުނޭގިގެން އުޅެންނުޖެހޭނެ. ވލާދެމިހުރިހާދުވަހަކު.... ވިއްސާރަވެ ބަނަވެއްޖެނަމަ ވިލާފުސްވީދުހަކުން ޖޕގެ ސައިޒުހޯދަންވީ. ބަނަކަމެ އަޔަނުދޭން ކޮއްމެތަނެ ތޮރުފަންޖެހުނަސް ބުރުމާއަށް ކަށިލައްވާފަ ރެޑީގަހުންނާނީ. ކޮއްމެކޮޅަކަށްވެސް މިބުރުމާއެބުރޭނެ. ނުތޮރުފޭތަނެވެސްނުހުރޭ. އެކަން އެބައިގެއެނުން މިރާއްޖޭގެ ކޮއްމެކޯޓެވެސް މިހާރު ތޮރުފެމުންދާ ވަރުބަލާލީމަ. ތޮރުފާތަންތަނަށް ވިލާ ސިމެންތި އަޅާލީމަ އެނިމުނީ.

  4. ޒަލަފް

    ޖޭޕީގެ ހަގީގީ ސައިޒު ފެންނާނެ އަނެއްފަހަރު ޤާސިމް ބަޤާވާތް ކުރަން އުޅެގަތީމަ

  5. މުހައްމަދު

    ޖޭޕީގެ މާބޮޑު ސައިޒެއް އޮތް ކަމަކަށް ނުދެކެން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރެއިން ގިނަރައްތަކުން ޖޭޕީގެ ދިދަ ހިފައިގެން ތިބީވެސް ރީނދޫ ކުދިން.

  6. އަފްލާ

    ޖޭޕީ ގެ ލީޑަރަކީ ގައުމުގެ ހަމަޖެހުން ހަމަ އެހެނމެ ގައުމުގެ ހަލާކުވެސްމެ ޝަރުޢީ ކޯޓްތައް ހިސޯރު ކޮށް ޑޮލަރު ބަހާ ހެދީމަ އެވީ ބޮޑު ޕާޓީ