އުމުރުން ދުވަސްވީ މީހުން ބަލާނެ ނާސިންގް ހޯމް އެއް ގާއިމުކޮށް ބައެއް ރަށްރަށުގެ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަޝްރޫއުތަކެއް އާ ސަރުކާރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓްގައި ދުވަސްވީ މީހުން ބަލާނެ ނާސިން ހޯމް އެއް ހެދުމަށް ބަޖެޓްގައި ވަނީ ހިމަނާފައެވެ. އެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި ދެ މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

ހެލްތު މިނިސްޓްރީގެ ދަށުން މުޅިން އަލަށް ހިންގާ މަޝްރޫއުތަކެއްގެ ގޮތުގައި މަޝްރޫއުތަކެއް ވެސް ވަނީ ހިމަނާފައެވެ.

އެ ގޮތުން ހޮސްޕިޓަލްތަކުގެ ތެރެއިން މި ވަގުތު އިމަޖެންސީ ރޫމުގެ ހިދުމަތް ފުރިހަމަ ގޮތުގައި ލިބެން ނެތް ބައެއް ހޮސްޕިޓަލްތަކަށް ބޭނުންވާ އިކިއުޕްމެންޓް ހޯދުމަށް ވަނީ ބަޖެޓްކޮށްފައެވެ.

މީގެ އިތުރުން ގ.ދ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަކަށް ހެދުމަށް އަންނަ އަހަރުގެ ބަޖެޓުގައި ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ހއ އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅުގެ އިތުރު ގއ. އަތޮޅު ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ބޭނުންވާ އިކިއުޕްމެންޓް ހޯދުމަށް އެއް މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ގއ. އަތޮޅާއި ޅ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ހިދުމަތް އަލަށް ތައާރަފުކުރުމަށް 1.5 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

އަދި ގއ. އަތޮޅާއި ތ. އަތޮޅާއި ޏ. އަތޮޅުގެ އިތުރު ށ. އަތޮޅު ހޮސްޕިޓަލްތަކުގައި ޑައިލިސިސްގެ ހިދުމަތްތައް ތައާރަފުކޮށް ފެށުމަށް ބޭނުންވާ އިކްއުޕްމަންޓް އަދި ނަރުހުން ތަމްރީނުކުރުމަށް 8 ލައްކަ ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަޖިލީހަށް ފޮނުވީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ބަޖެޓް މަޖިލީހަށް ފޮނުވީ އެއްވެސް އުނި އިތުރެއް ގެނައުމެއް ނެތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑެލްބޯއި

    މުސްކުޅިންނަށް ނާރސިންގ ހޯމެއް ހަދަން އެންމެ ދެ މިލިއަން ރުފިޔާ، އެކަމަކު ކުޅިވަރަށް އެތަށް މިލިއަނެއް. މީ ރަގަޅު ގޮތެއް ނޫން. މުސްކުޅިންނަށް ރަގަޅަށް އަޅާލާ ފަރުވާ ދެވޭނެ ރަގަޅު ގޮތްތަކެއް ހަދަން ދެ މިލިއަން މާ މާ މަދު.

  2. ނޮޓް މޮޑާން ތިންކިން

    ކީއްކުރަން ސަރުކާރުން މިކަހަލަ ކަންތައްތައް ކުރަނީ ... ބިޑަށް ލާފަ ޕްރައިވެޓައިޒްކޮށްފަ ރަގަޅު ސަރުކާރުގެ މޮނީޓަރިންގ ބޮޑީއެއް ހެދީމަ ނިމުނީ ...

  3. ނާޒިމާ

    އިސްލާމް ދީނާއި ފުށު އަރާކަމެއް.