ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ގެއަށް ބަދަލު ކުރެވޭނެ މަގެއް ހޯދަންޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެއެވެ.

ފާއިޒު މިއަދު ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ބޭފުޅުން މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމުން ޖެހިގެން އައި ދުވަހު އެ ދެ ބޭފުޅުންގެ އަނބިކަނބަލުންނަށް ވަކިވަކިން ގުޅުއްވައި، އެ ބޭފުޅުން ހައްޔަރު ކުރުމަކީ ސިޔާސީ ގޮތުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވި ކަމަށެވެ. އަދި ގާނޫނީ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާނެ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.

ފާއިޒު ވިދާޅުވީ އެ ބޭފުޅުންނަށް އިންސާފުވެރި ޝަރީއަތެއް ލިބިދާނެ ކަމާ މެދު އޭރު ވެސް ސުވާލު އުފެއްދެވި ކަމަށެވެ. އަދި އެކި ގޮތްގޮތަށް ސިޔާސީ ބޭފުޅުން މިނިވަންވަމުންދާއިރު އެ ދެ ބޭފުޅުން ގެއަށް ބަދަލު ކުރެވޭނެ މަގެއް ހޯދަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.

އަބްދުﷲ ސައީދު އާއި އަލީ ހަމީދު މިނިވަން ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މީގެކުރިން ވައުދުވެ ވަޑައިގެންނެވިއިރު އެ ދެ ބޭފުޅުން ހައްޔަރުކޮށްފައިވަނީ ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެންނެވެ. އެ އަމުރުގައި ވަނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ ހުރިހާ ފަރާތްތަކެއް މިނިވަން ކުރަން އަމުރުކޮށްފައެވެ.

އެ ދެ ބޭފުޅުން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައިވާއިރު، އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް މިހާރު ވަނީ އިސްތިއުނާފް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    އިބޫގެ ވަޢުުދުތަކުގެ ތެރެއިން އެއްވަޢުދު ސިޔާސީ ހައްޔަރީން މިނިވަންކުރުމަކީ، ނަމަވެސް ވެރިކަން ލިބުމުން، ނިޔަތް އަރައިރުންވެ، ސިޔާސީ ހައްޔަރީން މިބަހުގެ ތަރުޖަމާއަކަށް ފަހަރެއްގައި ރައްޔިތުން ދާންޖެހިދާނެ،

  2. ޢަބްދުﷲ ސަޢީދު ދަނބުފަށުވިގެ ގދ.ގައްދޫ

    ތިޔަފަދަބަހެއް ބުނެލުމުގެ ހިތްވަރު ފާއިޒު އުސްތާޛުގެ އެބަހުރި ދޮއްތޯ؟