ބްލޫމްބާރގް އިނިޝިއޭޓިވްގެ ގްރާންޓަސް ޕްރޮގްރާމުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު 03 ޑިސެމްބަރ 2018 ގެ ނިޔަލަށް ހުޅުވާލައިފިއެވެ.

"ބްލޫމްބަރގް އިނިޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް" އަކީ ދުނިޔޭގެ ފެންވަރުގައި ހިލޭ އެހީ ދިނުމުގެ ތަފާތު ޙަރަކާތްތަކަށް އެހީދެއްވާ ފަރާތެއް ކަމުގައިވާ މައިކަލް އާރ.ބްލޫމްބާރގެ ގެ އެހީގައި، ފަޤީރު އަދި މެދުފަންތީގެ ޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުން މަދުކުރުމަށް ޑިސެމްބަރ 2006 އިން ފެށިގެން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫޢު އިންތިޒާމްކޮށް ހިންގަނީ ހިލޭސާބަހަށް މަސައްކަތް ކުރަމުންދާ ޖަމްޢިއްޔާއެއް ކަމަށްވާ "އިންޓަނޭޝަނަލް ޔުނިއަން އެގެއިންސްޓް ޓިއުބަރކުލޮސިސް އެންޑް ލަންގް ޑިސީޒް" (ދަ ޔޫނިއަން) އާއި "ކެމްޕެއިން ފޮރ ޓޮބޭކޯ-ފްރީ ކިޑްސް" އާ ގުޅިގެންނެވެ. މި މަޝްރޫޢޫގެދަށުން ކުރިއަށް ގެންދާ ގްރާންޓްސް ޕްރޮގްރާމްގެ 25 ވަނަ ބުރުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ.

އެހީއަށް އެދި ހުށަހަޅަން ޖެހެނީ ސީދާ އެ ޕްރޮގްރާމަށް އެ ޕްރޮގްރާމްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮށެވެ. ނަމަވެސް، ޕްރޮޕޯސަލްތައް އެކުލަވާލުމުގައި އެހީތެރިކަން ބޭނުންވާ އަދި މި ގްރާންޓް ޕްރޮގްރާމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ވަޑައިގަތުމުން ނުވަތަ ފޯނު ނަންބަރ 3014455 އާއި ގުޅުއްވުމުން ނުވަތަ އީމެއިލް އިން [email protected] މުޢާމަލާތް ކުރެއްވުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީ ދިނުމަށް ހަމަޖެހިފައިވަނީ، އެ ޙަރަކާތެއްގެ ސަބަބުން ފާހަގަ ކޮށްލެވޭފަދަ ބަދަލުތަކާއި ކުރިއެރުންތައް ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަށް ގެނައުމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުން ތަކަށެވެ. އަދި މިފަދަ ހުށަހެޅުންތަކުގެ ތެރެއިން އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކުރެވިފައިވާ ހުށަހެޅުންތަކަށް އިސްކަން ދެވޭނެއެވެ.

ދުންފަތުގެ ވަގު ވިޔަފާރި ހުއްޓުވުމާއި ،ދުންފަތުގެ ބާވަތްތަކުގެ އަގާއި އަދި ޓެކްސް ނެގުމަށް އެޅޭ ފިޔަވަޅުތައް.

ދުންފަތުގެ ބާވަތްތައް ޕްރޮމޯޓްކޮށް އިޝްތިހާރުކުރުންމަނާކުރުމަށް އެޅިފައިވާ ފިޔަވަޅުތަކާއި އަދި އެފަދަ ފިޔަވަޅުތައް ތަންފީޒު ކުރުން.

މަސައްކަތުގެ މާޙާއުލުގަޔާއި ޢާންމު ތަންތަނުގެއި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ހެދިފައިވާ ޤަވާޢިދުތަކާއި އެފަދަ ޤަވާޢިދުތައް ތަންފީޒު ކުރުން.

ދުންފަތުގެ ބާވަތްތަކުގެ ޕެކެޓްތަކުގެ ބޭރުގައި ފޮޓޯޖަހައިގެން ދެވޭ ޞިއްޙަތުގެ އިންޒާރު ޖެހުން ތަޢާރަފްކުރުން.

ސާބިތުހިފޭ ފަންނީ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އެހެނިހެން ހުށަހެޅުންތައް.

އަދި މިނޫންވެސް، ދުންފަތް ކޮންޓްރޯލް ކުރުން އެ ހުށަހެޅުމެއްގެ މައިގަނޑުކަމުގައި ހިމެނޭގޮތަށް، އެކިފަރާތްތައް ގުޅިގެން ހިންގުމަށް ރާވާ ކަންކަމާއި، ދުންފަތުގެ ސިނާޢަތުގެ ޙަރަކާތްތަކަށް ފާރަވެރިވެ ބެލުމަށާއި މިފަދަ އެހެނިހެން ކަންކަމަށް އަމާޒު ކުރެވިފައިވާ ހުށަހެޅުންތައް.

މި ޕްރޮގާމާއިބެހޭ އެނައުންސްމެންޓް އަދި އިތުރު މަޢުލޫމާތު މިލިންކުން ލިބިވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނޯ ސްމޯކިން

    ރާއްޖޭގެ ހުރިހާރަށެއްގެ މަގުތައްމަތީ އާއްމުންނައް ފެންނަގޮތައް އަދި އުނދަގޫވާގޮތައް ސިނގިރޭޓު ބުއިމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންޖެހޭ

  2. ދޮންބެ

    ދުންފަތާ ދެކޮޅަށް ކުރެވިދާނެ ތިޔަށްވުރެ މާރަނގަޅު ބައެއް ކަންތައް.

    1، ދުންފަތުގެ އިސްތިޢުމާލު ކުރާމީހުންގެ އާސަންދަ ކަނޑާލުން. ސަބަބަކީ އަމިއްލަޔަށް ހަށިގަނޑަށް ގެއްލުންދީފަ ހިލޭބޭސްކޮށްދޭކަށް ނުޖެހޭ.
    2، ސިނގިރޭޓް ބޯމީހުން އަތުން ޗަންދާއެއް ނަގާފަ ނުބޯ ބީހުންނަށް އެ ބަހާލުން. ސަބަބަކީ ބޯމީހުން ނުބޯމީހުންނަށް އުނދަނގޫ ކުރާތީ.

    • ކޮއްކޮ

      ދޮންބޭ!! ތީތި ސަޅިއޭ