ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި މިވަގުތު ފުލުހުންގެ ބަންދުގައި ހުންނެވި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ އަދުލު އިންސާފު ޤާއިމުކުރުމަށް ނުކުޅެދިފައިކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ގާނޫނު ނެގެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކަށާއި ޖުޑީޝަރީ އަށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގޮވާލެއްވި ގޮވާލެއްވުމާއި ގުޅޭ ގޮތުން ޑރ.ހަލީލް "ވަގުތަށް" ވިދާޅުވީ، ބޮޑެތި ތުހުމަތުތަކެއް ކުރެވި އެ ކަންކަމުގެ ތަހްގީގު ކުރިއަށްދާ ދަނޑިވަޅެއްގައި، އެ މޭރުމުން އުއްތަމަ ފަނޑިޔާރަށް ވާހަކަފުޅު ނުދެއްކެވޭނެ ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު އެހުރީ ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި، އެކަންކަމުގެ ތަހްޤީގް އެބަ ކުރިއަށްދޭ. އުއްތަމަ ފަނޑިޔާރަށް އެމަނިކުފާނަށް މިހާރު ވިދާޅުވެވޭނެ ވާހަކަތަކެއް ނޫން އެ ވިދާޅުވަނީ." ޑރ.ހަލީލް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރުމާއި ގުޅިގެން އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި، އެމަނިކުފާނުގެ ޤާނޫނީ ވަކީލް ހިސާން މެދުވެރިކޮށް ގާނޫނު ނެގެހެއްޓުމަށް ސަލާމަތީ ހިދުމަތްތަކަށާއި ޖުޑިޝަރީ އަށް ގޮވާލައްވާފައިވަނީ، ކުރެވިފައިވާ ތުހުމަތުތަކުން ބަރީއަވެ، ކަމެއް ނުކުރާ ކަމަށް ހައްދަވަން ކަމަށްވެސް ޑރ.ހަލީލް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްތުގައި ހުރަސްއެޅުމުގެ އިތުރުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާއި ގުޅިގެން ތަހުގީގަށް ހޯދަން ބޭނުންވާ ހެކިތައް ފޮރުވާފައިވާ ކަމުގެ ތުހުމަތެވެ.

ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރާއެކު ގިނަ އަދަދެއްގެ ބަޔަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިމެނިވަޑައިގަންނަވަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަމްދީ

    ބޮޑު ޚާއިނު!

  2. ދިވެހިން

    އުއްތަމަ ގަނަދިޔާރާއި ރިސްވަތުގައި ހިފިކަމަށް
    ތުހުމަތުކުރެވޭ ޝާރުޢީ ދާއިރާގެ ފަރާތަކުގެ
    މައްސަލަ ވީހާ އަވަހަކަށް ޝަރީޢަތަށް ތަހްޤީޤު
    ތައްނިންމައި ޝަރީޢަތަށް ހުށަހެޅުން މުހިއްމެވެ

  3. ސަނދުވާ

    އެބޭފުޅުން ޕެރަލައިޒް ވެފަތިއްބަވާތާ ކިތަންމެ ދުވަހެއް. އަދިކިރިޔާ ނުހިނގޭވަރުވީ. ކޮނޑުމައްޗަށް ބުރަކަމުން.

  4. ނަސީދު

    ޖަލުގައި ތިބޭ ވަކިބަޔަކައްތަ ނޫހައްޚަބަރު ދެވެނީ ފުލުހުން ވެއްޖޭނު މިކަންހުއްޓުވަން.

  5. މުޙައްދަދު.../........

    ސަހަރޯ.. ޖުޑީޝިއަރީ ގެ ޤަދަރާކަރާމަތް ގެއްލިދާމަންޒަރުދެކެން ވަރަށް ހިތަށް އުނދަގޫވޭ.