އައްޑޫ ސިޓީ ގަމުގައި ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރެއްގައި ޖެހި އެފާރު ކާރުގެ މައްޗަށް ވެއްޓި ކާރުގައި ތިބި ދެމީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކާރު ކޮންޓްރޯލު ނުވެގެން ގޮސް ފާރަކަށް އެރި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 5:45 ގައި ކަމަށެވެ.

ފާރު، ކާރު މައްޗަށް ވެއްޓުމުން ކާރުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުނީ އެކްސިޑެންޓްގައި ކާރުގައި ތިބި ދެމީހުންނަށް ވެސް ކުދި ކުދި އަނިޔާ ލިބިފައިވާ ކަަމަށެވެ.

"އައްޑޫ ލައިވް" ގައި ބުނެފައިވާ ގޮތުގައި އެކްސިޑެންޓުވި ކާރަކީ ހިތަދޫ ޓެކްސީ ސެންޓަރެއްގެ ކާރެކެވެ. ކާރު އެކްސިޑެންޓުވެފައި ވަނީ ކާރު ދުއްވަން އިން މީހާއަށް ނިދި ޖެހިގެން ކާރު ކޮންޓްރޯލު ނުކުރެވި ގެން ކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

ޑްރައިވަރާއި ހަވާލާދީ އެ ނޫހުން ބުނީ، ކާރު ދުއްވަން އިން މީހާ ބަލިވެގެން ރޭ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެޑްމިޓުކޮށް ފަރުވާ ހޯދާފައިވާ ކަމަށެވެ. އޭނާ އެކްސިޑެންޓުވީ ރޭ ދަންވަރުގެ ވަގުތެއްގައި ހޮސްޕިޓަލުން ދޫކޮށްލުމުން ދަތުރެއްގައި އެއާޕޯޓަށް ބަޔަކު ލާން ދިއުމަށްފަހު މީހަކު ގޮވައިގެން އެނބުރި ހިތަދޫއަށް ދިޔަ މަގުމަތީގައި ކަމަށެވެ.