މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ކަށަވަރު ކޮށްދެއްވާފައިވަނީ، ޕްރައިވަޓައިޒޭޒަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރުއެވެ.

ޕްރައިވަޓައިޒޭޒަން އެންޑް ކޯޕަރޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މަޤާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، އެމްޕީއެލްގެ ގެ ސީއީއޯގެ އިސްތިއުފާ ޕްރައިވަޓައިޒޭޒަން އެންޑް ކޯޕަރޭޝަން ބޯޑުން ބަލައިގެންފައިވާ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޖުނެއިދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމްޕީއެލްގެ ސީއީއޯގެ މަޤާމަށް އިބްރާހިމް އަބްދުއްރައްޒާގް ހަލީމް އައްޔަން ކުރައްވާފައިވަނީ 2017 ވަނަ އަހަރުގެ މާރޗް މަހުގެ 1 ވަނަ ދުވަހުއެވެ. އޭނާ ވަނީ މި ސަރުކާރުގައި އެމްޓީސީސީ ސީއީއޯގެ މަޤާމުގެ އިތުރުން އެމްއާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ.

އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މަޤާމުން އިސްތިއުފާ ދެއްވިއިރު، އޭނާގެ ސީއީއޯ ކަމުގެ ދަށުން އެމްޕީއެލް ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ބަނދަރުގައި ބޮޑުވެފައިވާ ކިޔުގެ އިތުރުން އެތައް ކަމެއްގައި ކާމިޔާބީތަކެއް ހޯއްދަވާފައިވެއެވެ.

ސީއީއޯގެ މަޤާމުން އިބްރާހިމް އަބްދުއްރައްޒާގް ހަލީމް މަޤާމުން އިސްތިއުފާ ދެއްވުމުން އެމްޕީއެލްގެ ހިންގުން ހަވާލުކޮށްފައިވަނީ އެސިސްޓެންޓް ސީއީއޯ ރާބިހް މުޙައްމަދާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜަނާ

    އިސްތިއުފާ ދޭންވީނު ހަމަ ނުދިނަސް އާދީއްތ ދުވަހު އާސަރުކާރު ވެރިކަމާ ހަވާލު ވެފަ ވަކިކުރާނެ ވިއްޔަ އެހެންވީމަ ކުރިން އިސްތިއުފާ ދިނީމަ މާ ރަގަޅެއްނު އެމީހުން ކޯލިޝަނެއް ހަދައިގެން އުޅޭއިރު ވަޒީފާ ދޭންޖެހޭ ގިނަބަޔަކު ތިބޭނެ

  2. ޚާމޓޮޝް

    ކޮން ކުރިއެރުމެއް ލިބުނީ؟ ޢެެއް ކަމެއްވެސް ނުވޭ. މިހާރުވެސް ލަސްވެއްޖެ އިސްތިއުފާދޭން. ޢަސްލު ކަނޑާލަން ޖެހޭ މީހެއް މީ. މިހާ މުވައްޒަފުންނަށް ކަޑަ ސީއީއޯ އެއް ނާދޭ އެމް ޕީ އެލް އަށް. ބިތުފަންގި ނެގީމަ އެނގޭނެ ކެޔޮ ކެވުނު ވަރު