މިދުވަސްވަރު ރާއްޖޭގެ ބައެއް ހިސާބުތަކަށް ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން އަރިދަފުސްރޯގާ އާއި މިނޫންވެސް އެހެނިހެން ގައިން ގަޔަށް އަރާ ބަލިތައް އިތުރުވެދާނެތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދުވަސްވަރު ޑޮކްޓަރަށް ދައްކާ މިންވަރު އިތުރުވެފައިވާކަން ފާހަގަ ނުވާ ކަމަށާއި ނަމަވެސް މޫސުމީ ރޯގާތައް އިތުރުވެދާނެތީ، އާންމު ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

ރޯގާއިން ސަލާމަތްވުމަށް ސަމާލުކަންދޭންވީ ކަންތައް:

  • ކެއްސާ ކިނބިހި އަޅާ އިރު އަނގަމަތި ނިވާކުރުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވާ ތަންތަނަށް ދިއުންމަދުކުރުން، ހާއްސަކޮށް ކުޑަކުދިން ނުގެންދިޔުން، ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން.
  • އާންމު ސާފުތާހިރު ކަމަށް ސަމާލުކަން ދިނުން، ހާއްސަކޮށް ކެއުމުގެ ކުރިން، ފާހާނާކޮށް ނިމިގެން ރަނގަޅަށް އަތް ދޮވުން
  • މަދިރި އާލާވާގޮތަށް ފުޅި، ދަޅު ނުބެހެއްޓުން އަދި އެފަދަ ތަންތަން ނައްތާލުން، މަދިރިން ރައްކާތެރިވުމުގެ ގޮތުން ނިވައިވާ ގޮތަށް ހެދުން އެޅުން
  • ލޮލު ރޯގާ، ފާނަ ބަސަންދު ފަދަ ބައްޔެއް ޖެހުމުުން އާންމު ސާފުތާހިރު ކަމަށް ހާއްސަ ސަމާލުކަމެއްދީ، އާންމުން އެއްވާ ތަންތަނަށް ނުދިއުން