ސަރުކާރާއި ޢާއްމު ރައްޔިތުން ހިއްޞާވާ ކުންފުނި، ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ދިވެހި ސަރުކާރުން ދައްކަންޖެހޭ ދަރަނީގެ އަގު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށާއި، އެ ދަރަނި ނުދައްކާ އޮތުމުގެ ސަބަބުން އެސްޓީއޯއަށް އިޢާދަ ނުކުރޭފަދަ ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ޓްރާންސިޝަން ކޮމެޓީން ވިދާޅުވެއްޖެއެވެ.

ޓްރާންސިޝަން ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެސްޓީއޯ އިން އެންމެ ފާހަގަކުރެވެނީ އެ ކުންފުނީގެ ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް އެކި ގޮތްގޮތުން ނަގާފައިވާ ލޯނުތަކުގެ މައްސަލަ ކަމަށެވެ.

"އެސްޓީއޯގައި އެންމެ ބޮޑު އެލާމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ވަރަށް ބޮޑަށް އެސްޓީއޯ މިވަނީ ލޯނުތައް ނެގިފައި. މީގެ ސަބަބުން އިންޓްރެސްޓުގެ ގޮތުގައި އެކަނިވެސް އެބައަރާ 180 މިލިއަން ރުފިޔާއަށް. މިއީ އަދި އަޅުގަނޑުމެންނަށް ލިބިފައިހުރި މަޢުލޫމާތު، އިތުރަށް މަޢުލޫމާތު ލިބުނީމަ އެނގޭނީ ދެން ހުރި ކަންތައްތައް ހިނގާފައިހުރި ގޮތް." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.

ޓްރާންސިޝަން ކޮމެޓީން ވިދާޅުވީ، މިއީ ދައުލަތާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއްގައި ސަރުކާރުގެ ފައިނޭންސް މެނޭޖްމަންޓް އެހާބޮޑަށް ދަށްވެ އެސްޓީއޯއަށް ލިބެންވާ ފައިސާ ނުލިބުމުގެ ސަބަބުން އެސްޓީއޯ އެގޮތް މިގޮތުން ލޯނުތައް ހޯދައިގެން ހިންގަން ޖެހުނީމަ އެސްޓީއޯއަށް ދިމާވެފައިވާ މައްސަލައެއް ކަމަށެވެ.

"އެސްޓީއޯގެ ޕްރޮފިޓް އެހާބޮޑަށް ދަށްވެގެން މިދާ މައިގަނޑު ސަބަބެއް ކަމުގައި ޤަބޫލުކުރެވެނީ ސަރުކާރުން ލިބެންވާ 2.5 ބިލިއަން ރުފިޔާ ސަރުކާރުން އެސްޓީއޯއަށް ދައްކަން އެބައޮތް. އެފައިސާ އެސްޓީއޯއަށް ސަރުކާރުން ނުދިނުމުން އެކި ސަޕްލަޔަރުންނަށް އެކި ކަންކަމަށް ފައިސާ ޚަރަދުކުރަން ލޯނުތައް ނެގީމަ އަންނަ އިސްޓްރެސްޓް މީ." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.

ޓްރާންސިޝަން ކޮމެޓީން ވިދާޅުވީ، ސަރުކާރުގެ އިހުމާލުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި، ނަމަވެސް އެސްޓީއޯ އަކީ ހިންގުން އެންމެ ހަރުދަނާ ކުންފުނި ކަމަށެވެ.

"މިއީވެސް ސަރުކާރުގެ އިހުމާލުން ކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވެގެން މިދަނީ. މައިގަނޑު ގޮތެއްގައި އެސްޓީއޯގެ ގަވަރަންސް ސިސްޓަމް ވަރަށް ހަރުދަނާ، ވަރަށް ރަނގަޅު. އެންމެ ރަނގަޅު ކުންފުނީގެ ގޮތުގައި ފާހަގަކުރެވުނީ އެސްޓީއޯ އިން، އެހެންނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން މިގޮތަށް ކަންތައްތައް މިދިމާވަނީ." ޓްރާންސިޝަން ކޮމެޓީން ވިދާޅުވިއެވެ.

ޓްރާންސިޝަން ކޮމެޓީން ވިދާޅުވީ، ސަރުކާރުން ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި އެ ކުންފުނިތަކަށް ދައްކަންޖެހޭ ކަމަށާއި، ސަރުކާރު ކުންފުނިތަކުގެ ދަރަންޏަށްވެސް ހައްލު ހޯދަންޖެހޭ ކަމަށެވެ. އަދި ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރާއެކު އިށީންދެގެން މަޝްވަރާ ކޮށްގެން ހައްލު ހޯދަން މަސައްކަތް ކުރުމަށާއި، އެގޮތަށް ހައްލު ނުހޯދިއްޖެނަމަ ކުންފުނީގެ ހިއްޞާދާރުންނާ މަޝްވަރާ ކޮށްގެންވެސް ހައްލު ހޯދަންޖެހޭ ކަމަށެވެ.

އެ ކޮމިޓީން އިތުރަށް ވިދާޅުވީ، ޕްރައިވެޓައިޒޭޝަން އަދި ކޯޕަރޭޝަން ބޯޑުގެ އަމުރަކާއި ގުޅިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ރަސްމީ މަޢުލޫމާތު އެސްޓީއޯ އިން ޓްރާންސިޝަން ކޮމިޓީއަށް ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު